ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ރަށްރަށައް ދަތުރުކުރުން އަދިވެސް މަނާވާނެ: އަމީން

May 27, 2020
3

ކުރިއަށް އޮތް ދެ ހަފްތާއަށް ލޮކްޑައުންގެ ހާލަތަށް ލުއި ދިންނަމަވެސް އެއްރަށުން އަނެއް ރަށައް ދަތުރުނުކުރެވޭނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ރައްޔިތުންގެ ރައްކާތެރިކަމަށް އަދި ބަލިފެތުުރުން ކޮންޓްރޯލް ކުރުމަށް އެއް ރަށުން އަނެއް ރަށައް ދަތުރުކުރުން ވަނީ މަނާކޮށްފައެވެ. އޭގެ ކުރިން އެއް ރިސޯޓުން އަނެއް ރިސޯޓަށް އަދި ރިސޯޓްތަކުން ރަށްތަކަށް ދަތުރުކުރުންވެސް ވަނީ މަނާކޮށްފައެވެ. މި ނިންމުން ނިންމީ މާޗް މަހުގެ 18 ވަނަ ދުވަހުއެވެ.

ނަމަވެސް އެއް ރަށުން އަނެއް ރަށައް ދަތުރުކުރުން މަނާކުރީ އޭޮޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ. އެއީ މާލެއިން ފުރަތަމަ ފަހަރަށް ކޮވިޑްގެ ބަލި މީހަކު ފެނުމާއި ގުޅިގެންނެވެ.

އެ ފިޔަވަޅު އެޅިތާ 52 ދުވަސްފަހުން ބައެއް ލުއިތައް ދިނުމަށް ސަރުކާރުން ނިންމާ އެކަމުގެ މައުލޫމާތުތައް މިރޭ ވަނީ ހާމަކޮށްފައެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ލޮކްޑައުންގައި ލުއިތަކެއް ދޭން ނިންމި ނަމަވެސް އެއްރަށުން އަނެއް ރަށައް ދަތުރުނުކުރެވޭނެ ކަމަށެވެ.

"އެއް ރަށުން އަނެއް ރަށައް ދަތުރުކުރުމުގައި މިހާރު އެޅިފައިވާ ފިޔަވަޅުތައް ދެމިގެންދާނެ." މިނިސްޓަރު ވިދާޅުވިއެވެ.

ލޮކްޑައުންއާއި ގުޅިގެން ވަރަށް ގިނަ ބަޔަކު މާލޭގައި ރަށްރަށައް ނުދެވި ތާށިވިއެވެ. އަދި މާލެ ނާދެވި އެތައް ބަޔަކު ރަށްރަށުގައި ތާށިވިއެވެ. އެހެން ކަމުން ފުލުހުންގެ ހާއްސަ ހުއްދައެއްގެ ދަށުން ބައެއް މީހުންނަށް މާލެ އައުމުގެ ހުއްދަ ވަނީ ދީފައެވެ. އެގޮތުން މާލެ އައުމުގެ ހުއްދަ 3016 މީހަކަށް ވަނީ ދީފައެވެ.

އަދި މާލޭގައި ތިބި މީހުންނަށް ރަށްރަށައް ދެވޭނީ އެޗްޕީއޭއިން ކަނޑައަޅާފައިވާ ތަނެއްގައި 14 ދުވަހު ކަރަންޓީން ކުރުމަށްފަހު ކަމަށް ވަނީ ކަނޑައަޅާފައެވެ. ރަށްރަށައް ދިއުމަށްޓަކައި މިހާރުވެސް 800 ވުރެ ގިނަ މީހުން ވަނީ ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރަން ފަށާފައެވެ.

މާލޭގައި ތިބި މީހުންގެ ތެރެއިން ރަށްރަށައް ދާން ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލުމުން 5،000 ވުރެ ގިނަ މީހުން ވަނީ އެކަމަށް އެދިފައެވެ. ނަމަވެސް އެ މީހުންގެ ތެރެއިން ކޮންމެހެން ރަށައް ފޮނުވަން މަޖުބޫރު 1،500 މީހުން ފާހަގަވެފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ. އެހެން ކަމުން ކަރަންޓީންގެ ފުރުސަތު އެންމެ ފުރަތަމަ ދޭނީ އެ މީހުންނަށެވެ.