ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އޭޑިކޭ ހޮސްޕިޓަލް

އޭޑީކޭއިން ކޮވިޑް ޓެސްޓެއް ހަދައިދެނީ 675 ރުފިޔާ

ކޮވިޑް-19ގެ ޓެސްޓެއް އޭޑީކޭ ހޮސްޕިޓަލްގައި ހަދައިދެނީ 675 ރުފިޔާއަށް ކަމަށް އެންއީއޯސީން ބުނެފި އެވެ.

މީގެ ހަފްތާއެއްހާ ދުވަސްކުރިން ފެށިގެން އޭޑީކޭގައި ދަނީ ކޮވިޑަށް ޓެސްޓް ކުރަމުންނެވެ. އެ ހޮސްޕިޓަލުން ވަނީ ދުވާލަކު 500 ސާމްޕަލް ޓެސްޓް ކުރެވޭނެ ކަމަށް ބުނެފައެވެ. އެއާއެކު އެ ހޮސްޕިޓަލުން ކޮވިޑަށް ޓެސްޓް ކޮށްދެނީ ކިހާ ވަރަކަށްތޯ ގިނަ ބަޔަކު ދަނީ ސުވާލު ކުރަމުންނެވެ. އެންއީއޯސީން ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލްވުންތަކުގައި ނޫސްވެރިންވެސް އެ ސުވާލުތައް ތަކުރާރުކޮށް ކުރެއެވެ.

މިރޭ އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލްވުމުގައި ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ އޭޑީކޭއިން ޓެސްޓެއް ހަދައިދެނީ 675 ރުފިޔާއަށް ކަމަށެވެ. އެ ހޮސްޕިޓަލުން ދުވާލަކު 500 ސާމްޕަލް ޓެސްޓްކުރާނަމަ 337،500 ރުފިޔާ ހަރަދު ކުރަންޖެހޭނެއެވެ. ނަމަވެސް އެ އަދަދަށް ޓެސްޓް ކުރާކަމަށް ނުބެލެވެއެވެ. މިއަދުވެސް މުޅި ރާއްޖެއިން ކޮށްފައިވަނީ 819 ޓެސްޓެވެ.

މަބުރޫކް ވިދާޅުވީ އައިޖީއެމް ހޮސްޕިޓަލުން ޓެސްޓް ކުރުމަށް އެއްވެސް ފީއެއް ނުނަގާ ކަމަށެވެ. އޭޑީކޭއިން ކުރާ ޓެސްޓްތަކަށް ބިލް ކުރަނީ އައިޖީއެމް ހޮސްޕިޓަލަށް ކަމަށްވެސް ވިދާޅުވިއެވެ.

"އޭޑީކޭއިން ޓެސްޓް ހަދައިދޭ އަގަކީ 675، ޓެސްޓެއްގެ ރޭޓުން. އައިޖީއެމްއެޗުން ޓެސްޓް ކުރުމަށް އެއްވެސް ފީއެއް ނުނަގާ ކަމަށް މައުލޫމާތު ލިބެނީ. މާނައަކީ އައިޖީއެމްއެޗަށް ޓެސްޓް ކުރުމަށް ބޭނުންކުރާ ތަކެތި އެންއީއޯސީ މެދުވެރިކޮށް ފޯރުކޮށްދޭނެ ކަމަށް، އޭގެ ބޭރުން އިތުރު އެއްވެސް ޗާޖެއް އައިޖީއެމްއެޗުން ނުކުރާނެ ކަމަށް. ނަމަވެސް އޭޑީކޭއިން ކުރަނީ 675 އަށް ޓެސްޓެއް، ބިލް ކުރައްވާނީ އައިޖީއެމްއެޗަށް ކަމަށް." މަބުރޫކް ވިދާޅުވިއެވެ.

މަބުރޫކް ވިދާޅުވީ އޭޑީކޭގައި ޓެސްޓް ކުރަމުންދަނީ އެންއީއޯސީގެ އޮފިޝަލުން ނަގަމުންދާ ސާމްޕަލްތައް ކަމަށެވެ.

ކޮވިޑާއި ގުޅިގެން މިއަދާ ހަމައަށް 892.3 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އޭގެ ތެރޭގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން ކުރި 5.2 މިލިއަން ރުފިޔާ ހިމެނެއެވެ.

ރާއްޖޭގައި ކޮވިޑަށް ޓެސްޓް ކުރަނީ އައިޖީއެމް ހޮސްޕިޓަލާއި އޭޑީކޭގެ އިތުރުން ފުލުހުންގެ ލެބްގައެވެ. އައިޖީއެމް ހޮސްޕިޓަލްގައި ދުވާލަކު 600 ސާމްޕަލް ކުރެވެއެވެ. އޭޑީކޭއިން 500 ސާމްޕަލް ޓެސްޓް ކުރެވޭއިރު ޕޮލިސް ލެބުން ދުވާލަކު ކުރެވެނީ 145 ޓެސްޓެވެ.