ރާއްޖެ ކުޅިވަރު

އަލަމޫގެ ހެޓްރިކާއެކު ނިއު ސެމީ އަށް

Sep 21, 2015

ބިދޭސ ނައިޖީރިއާ ފޯވަޑް އަލަމޫ ބުކޯލާ އޮލަލޭކެންގެ ހެޓްރިކާއެކު މަހިބަދޫ 4-2އިން ބަލިކޮށް ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ނިއުރޭޑިއަންޓް މިއަދު ދަތުރުކޮށްފި އެވެ.

މެޗުން މޮޅުވެގެން ދެ ޓީމަށް ވެސް ސެމީގެ ފުރުސަތު އޮތް މެޗުގައި ނިއު އަށް ހިންދެމިލެވުނީ ތިން ވަނަ ލަނޑު ޖެހި ހިސާބުންނެވެ. އޭގެ ކުރިން ނިއު ލަނޑެއް ޖަހާއިރަށް އެ ޓީމުގެ ކުރީގެ ކޯޗު ބަލްގޭރިޔާގެ ޔޮރްދާން ސްޓޮއިކޯފް ކޯޗުކޮށްދެމުން އައި މަހިބަދޫން އެއްވަރުކުރަމުންދިޔަ އެވެ.

ހދ. ކުޅުދުއްފުށީގައި ކުޅުނު ގްރޫޕް އޭގެ މި މެޗުގެ ފުރަތަމަ ލަނޑާއި ތިން ވަނަ ލަނޑު އަދި ހަތަރު ލަނޑު އަލާމޯ ޖެހިއިރު ނިއުގެ ދެ ވަނަ ލަނޑު ޖެހީ ބަދަލު ކުޅުންތެރިޔާ ސުހޭލް (ބަންބުޗު) އެވެ. މަހިބަދޫ އަށް ލަނޑު ޖަހައިދިނީ އެންޑަސަން އެވެ.

މި މެޗުން މޮޅުވުމުން ނިއު އަށް ވަނީ ޖަހާފައިވާ ލަނޑުގެ ތަފާތުން ގްރޫޕުގެ އެއްވަނަ ލިބިފަ އެވެ. ނަމަވެސް ގްރޫޕުގެ އެއްވަނަ ޓީމާއި ދެ ވަނަ ޓީމު ޔަގީންވާނީ މާދަމާ ހަވީރު ޓީސީ އާއި ބީޖީ ކުޅޭ މެޗު ނިމުމުންނެވެ.

މިވަގުތު ނިއު އެއްވަނާގައިވަނީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، ހަ ޕޮއިންޓާއި ފައިދާ ތިން ގޯލާއެކުގަ އެވެ. މިއަދަދަށް ޓީސީ އަށް ފައިދާ ގޯލާއި ޕޮއިންޓް ލިބިފައިވީ ނަމަވެސް އެ ޓީމު ދެ ވަނާގައިވަނީ ޖަގާފައިވާ ލަނޑު މަދުވުމުންނެވެ. ނިއު ހަތް ގޯލު ޖަހާފައިވާއިރު ޓީސީ ޖަހާފައިވަނީ ތިން ގޯލެވެ.

މުބާރާތުގެ ސެމީ ފައިނަލްގެ ފުރުސަތު ޓީސީ އާއި ބީޖީ އަށް އޮތް ނަމަވެސް ފުރުސަތު ބޮޑީ ޓީސީ އަށެވެ. އެއީ ގިނަ ގޯލުތަކެއް ޖަހައިގެން ނޫނީ ބީޖީ އަށް ޓީސީ ކަޓުވާނުލެވޭނެތީ އެވެ.

މުބާރާތުގެ ސެމީ އަށް ހޮވޭ ހަތަރު ޓީމުގެ ތެރެއިން ގްރޫޕް އޭގެ އެއްވަނަ ޓީމު ކުޅޭނީ ގްރޫޕް ބީގެ ދެ ވަނަ ޓީމު އީގަލްސްއާ އެވެ. ދެ ވަނަ ޓީމު ކުޅޭނީ ގްރޫޕް ބީގެ އެއްވަނަ މާޒިޔާއާ އެވެ.