ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ލޮކްޑައުން: ބާޒަރު ފަސޭހަކޮށްދިނީ މިހޫގެ ތްރެޑު!

ލޮކްޑައުން އާއި އެކު މާލެގައި ވިޔަފާރިއަށް ބޮޑު ލޮޅުމެއް އައެެވެ. ޒަރޫރީ ބޭނުންތަކަަށް ބާޒަރު ކުރުން ނިކުތުން މަނާވުމާއި ފިހާރަތަކަށް ޑެލިވަރީ ޕާމިޓް ނުލިބުން ވެގެންދިޔައީ މާލޭގައި ދިރިއުޅޭ އެތަށް ބައެއްގެ ޒަރޫރީ ބޭނުންތަކަށް ގަންނަންވާ ސަަމާނުގަތުމަށް ހުރަސްއެޅުނު ކަމަކަށެވެ.

ލޮކްޑައުންގައި ފިހާރަތަކުން އޮންލައިން އޯޑަރިންގ އަދި ފޯނުން އޯޑަރު ނަގަން ފެށުނެވެ. މިއީ ކުދި މެދު އަދި ބޮޑެތި ވިޔާފާރިވެސް މިކަމަށް ތައްޔާރުވެފައިވާ ކަމެއް ނޫނެވެ.

މަދު ތަންތަނެއްގައި ކެޓަލޮގަކާއި އެކު އޮންލައިން އޯޑަރު ނަގަމުންދިޔަ އިރު މިތަންތަނަށް އައި ޑިމާންޑްއާއި އެކު ފިހާރައިގެ ހަރުތައް އޮތީ ދޮވެލައިފައެވެ. ބޮޑު ފިހާރައަކަށް އޯޑަރު ދީގެން ޑެލިވަރީ އަށް އެތަށް ދުވަހެއް މަޑު ކުރަން ޖެހުނެވެ. އަނެއް ކޮޅުން ސަޕްލައި ހުރި ތަންތަނުގައި އޮންލައިން އޯޑަރު ޖެހޭނެ ނިޒާމެއް ނެތެވެ. ހާސްބޮޑުކޮށް ދިޔަ އެދުވަސްތަކުގައި ފިހާރައިގެ ލިބެންހުރީ ކޯއްޗެއް ކަން އާއްމުންނަށް އަންގައިދެވޭނެ ގޮތެއް ނެތެވެ.

މި ލޮކްޑައުންގައި އަހަރެންވެސް ގޭގެ ކޮޓަރިއެއްގައި ބޮކި އަނދައިގެން، ގޭދޮށު ހާޑްވެއަރ ފިހާރައަކަށް ގުޅީ ފިހަރާއިން ޑެލިވަރީކޮށްދޭތޯ ބަލާށެވެ. އެކަމަކު އެމީހުންނެއް އޭރު އަދި ވަކި އިންތިޒާމެއް ހަމަޖައްސައިފައި ނެތެވެ. ބޮތްކެއް ދެން ލިބޭނީ ކޮންތަނަކުން ތޯ ދެތިން މީހެއް ކައިރީ އަހާލީ ދުވާލުގެ ގިނަވަގުތުގައި އެއަކުން ނާރައިގެން އުޅޭ ފޭސްބުކްގައެވެ.

އޭނާ ބުނެލީ މިހެންނެވެ. "މިހޫގެ ތެެރެޑެއް ނެތްތަ؟ ބަލާލަބަ މަ ދުށިން". އަހަރެން ދެން އަވަސްވެގަތީ މިއީ ކޯއްޗެއްތޯ ބަލާލަށެވެ.

ސޯޝަލް މީޑިއާ އަކީ ދިރިއުޅުމުގައި ބޮޑު ދައުރެއް އަދާ ކުރާ އެއްޗެކެވެ. އަހަރެމެން ފޫހިފިލުވާލަދޭ އެއްޗެކެވެ. މިނިވަން ކަމާއި އެކު ބިރަކާނުލައި އެއްޗެއް ބުނެލާތަނެވެ. ގަބޫލުކުރާ ހިޔާލު ކުރިއަރުވަން ބޭނުންކޮށްލާ އެއްޗެކެވެ. މައުލޫމާތު ހޯދާތަނަކީވެސް މިއެވެ. ކާން ވަންނަ ކެފޭ ނޫނީ ގަންނަން އުޅޭ ލެޕްޓޮޕަކީ ކޮންކަހަލަ އެއްޗެއްތޯ ބަލަލާން ގިނަފަހަރު އެެހެންމީހުން ސޯޝަލް މީޑިއާގައި އެ އެއްޗަކާއި ގުޅޭގޮތުން ލިޔެލާ ރިވިއުއަކުންނެވެ. ވިޔަފާރި ކުރަނީވެސް މީގެންނެވެ. އަދި ވިޔަފާރި ކުރިއަރުވަން މާކެޓް ކުރަނީވެސް މީގައެވެ. މިހޫ ޒާހިރުގެ ނަން އަހަރެން ޖަހާލުމާއި އެކީ އަހަރެންނަށް ފެނުނީ އޭނާ އެކުލަވާފައިވާ ތްރެޑް ތަކާއި ޕޯސްޓްތަކެވެ.


މިއީ ލޮކްޑައުންގައި އާއްމުން ބާޒާރު ކުރުމަށް އުޅުނު ވޭނާއި ތުރާއަށް އެންމެ ފަރުދަކުވެގެން ސޯޝަލް މީޑިއާގައި އޭނާއަށްވީ ވަރަކުން އެހީތެރިވުމަށް ކޮށްފައިވާ މަސައްކަތެވެ. މިހުނާ ޒާހިރު ނަމަކަށް ކިޔާ ޒުވާނަކު އެކުލަވާލީ އެކި ފިހާރަތަކުން ލިބެން ހުރި ސާމަނުގެ މައުލޫމާތެެވެ. އެ ހޯދާ އެއްޗެއްގެ ބާވަތުން އެ ވައްތަރެއްގެ އެއްޗެއް ދެން ލިބޭނެހާތަަނެކެވެ. ތާޒާ މޭވާ އަދި ތަރުކާރީ، ސްޓޭޝަނަރީ އަދި ހާޑްވެއަރ އަދި މިހެންގޮސް ގޭ ބިސީއަކަށް ބޭނުންވާނެހެން ހީވާ އެއްޗެއްކެވެ. ވިހަން ކައިރިވެފައިވާ މަންމައިން އެންމެ ފަހުވަގުތުގައި ހޮސްޕިޓަލަށް ވަނުމުގެ ކުރިން ގަނެލަން ބޭނުންވާނެ ބޭބީ އައިޓަމްތަކާއި އެކު އެ ލިބެން ހުރިތަންތަނެވެ.

އޭސީ މަރާމާތުން ފެށިގެން ލޮކްޑައުންގައި ޑޮކްޓަރަށް ދެއްކުމަށް އޮންލައިންކޮށް ދެއްކޭ ކްލިނިކްތަކުގެ މައުލޫމާތެވެ. އަދި މިފަހުން ގަސްއިންދުމާއި ގަސްކާނަ ލިބޭނެ ތަންތަނާއި ގޭގައި ކަސްރަތު ކުރުމަށް އެ ތަކެތި ވިއްކާ ތަންތަނުގެ މައުލޫމާތު އޭނާ އެއްކޮށްލިއެވެ. އަދި މިއިން ކޮންމެ ތްރެޑެއްގައި ރައްކާތެރިވުމަށް ސަމާލުވުމަށް އެދިފައި އޭނަވެއެވެ.

މިގޮތަށް މިހޫ އެކުލަވާލި ޖުމްލަ 25 ތްރެޑާއި އެކު އާއްމުންގެ އެތަށް ބައެއްގެ ދިރިއުޅުން ފަސޭހަވިއެވެ. މިހޫގެ މި މަސައްކަތާއި ގުޅޭގޮތުން އޭނާ ބުނީ "މާލެ ލޮކްޑައުން ކުރިއިރު ގިނަބަޔަކު ތައްޔާރީ ހާލަތަކަށް އައިއްސަ އެއް ނެެތް. އަހަންނަށް ފެނުނީ މީހުން ބޭނުންވާ ކޮންމެވެސް އެއްޗެއް ހޯދުމަށް ފެމިލީ ވައިބަރ ގުރޫޕްތަކާއި ސޯޝަލް މީޑިއާގައި އެކި މީހުން އެއްޗެހި ލިބޭނެ ގޮތެއް ނެތި ގޮތްހުސްވެގެން އުޅުންތަން. އަހަރެން ދިޔައީ އަަހަންނަށް ފެންނަ ޑެލިވަރީ ތަންތަނުގެ އިޝްތިހާރު ފޯނަށް ސޭވްކުރަމުން. އަދި މީހަކު އަހާލާއިރަށް ފޮނުވަމުން. އެއްޗެއް ހޯދަން ބަލާލި އިރު ފޯނު އޮތީ ފުރިފައި އަދި ވަރަށް ގިނައިން ސްކްރޯލް ކުރަން ޖެހުނު."

މިހޫއަށް ލިބުނު މި އިޝްތިހާރުތައް ފަސޭހައިން ވީހާވެސް ގިނަ މީހުންނަށް ފެންނާނެ ގޮތް ހެދުމަށް އޭނާ ބޭނުންވިއެވެ. "ފުރަތަމަ އަހަރެން ވިސްނީ މި ހުރިހާ އެއްޗެއް ލައިގެން ވެބްސައިޓެއް ހަދަން. އެކަމަކު އަހަރެން ނިންމީ ވީހާވެސް އަވަހަށް މިކަންކޮށްލެވޭ ވަގުތީ އެއްޗެއް ހަދަން. އަހަނަށް ވިސްނުނީ އަހަރެންގެ ޓުވިޓަރ އެކައުންޓްގައި މިކަން ކޮށްލަން ފަސޭހަވާނެކަން.

ޓުވިޓަރގައި ތްރެޑެއްގެ ގޮތުގައި އަހަރެންނަށް ލިބިފައިވާ ހުރި ފްލަޔަރތައް ޕޯސްޓްކޮށްލީ. އެކި އެކި ފްލަޔަރސް ކެޓަގަރީކޮށް ވަކިވަކިން ފެންނަ ގޮތަށް ތަރުތީބުކޮށްލީ. ތްރެޑް ފުރިހަމަ ކުރަން އިިތުރު މައުލޫމާތު ހޯދަން ތަންތަނަށް ގުޅާ މައުލޫމާތު އެއްކުރިން. ޓްވިޓަރ އެނަލިސިސް އަކުން މިހޫއަށް އެންމެ ގިނަ ބަޔަކު ހޯދަން ބޭނުންވެގެން އުޅެނީ ކޯއްޗެއްތޯ ހޯދުނު އަދި މީހުން އެންމެ ބޮޑަށް އިންޓަރެކްޓްކޮށްފައި ހުންނަނީ ކޮންތްރެޑެއްގަތޯ ބަލާލެވުނު"

މިހުނާ ޒާހިރު އާއްމުންނަށް ލޮކްޑައުންގައި ފަސޭހައިން ގަންނަން ބޭނުން އެއްޗެހި ހޯދުމަށް އެކުލަވާލި ތްރެޑް

ވީހާވެސް ގިނަބަޔަކަށް އޭނާގެ މި މަސައްކަތުން އެހީތެރިވުމަށް ޓުވިޓަރގެ އިތުރުން ފޭސްބުކްގައިވެސް މިހޫގެ ތްރެޑްތައް އޭނާ ޝެއާރކޮށްލިއެވެ. މިހޫގެ ޕްރޮފްޝަން އަކީ ޑޭޓާ ސައިންސްއެވެ. މިހޫ އަދާކުރާ ވަޒީފާ ގޮތުން ޑޭޓާ އެއްކުރުމާއި، ތަރުތީބު ކުރުން އަދި ކެޓަގަރީއަށް ބެހުންވެސް މިހޫއަކަށް މާ ބޮޑު މަސައްކަތަކަށް ނުވިއެވެ. މަސައްކަތަކަށްވީ ބަރާބަރަށް އަޕްޑޭޓްކޮށް އާ ތްރެޑް ހަދާ އަދި ކޮންމެ ދުވަހަކުވެސް އޭނާ މިކަމަށް ހޭދަކުރާނެ ވަގުތު ހުސްކޮށްލުމަށެވެ.

"އާ ތްރެޑް ހަދަނީ މީހުން ވަކި އެއްޗެއް ނުލިބިގެން އަހަންނަށް މެސެޖް ކުރުމުން. އެ އެއްޗެއް ހުރިތަނެއް ހޯދާ ތްރެޑް ހަދަނީ. ބައެއް ފަހަރަށް މީހުން އަހަންނަށް އެމީހުންގެ އިޝްތިހާރު ޖަހާ ދިނުމަށްވެސް ފޮނުވާ. އަދި ކޮންމެ ދުވަހަކަށްވެސް ތްރެޑް އަޕްޑޭޓް ކުރުމަށާއި އައު އެއްޗެހި ހަދަން މަސައްކަތަށް ފަހު ވަގުތު ހުސްކުރިން. ބައެއް ދުވަސްދުވަހު މިކަމުގައި 4 ގަޑިއިރު ވަރު ހޭދަވޭ"

މީގެ އިތުރުން ކުދި ވިޔަފާރިތަކަށް އޭނާ ހާއްސަ ސަމާލުކަމެއްދީ ވައިބަރ ސްކީރީން ޝޮޓްތައްވެސް އޭނާގެ ތްރެޑްތަކުގައި ހިމަނާލިއެވެ. އަދި ބައެއް ކުދި ވިޔަފާރިތަކަށް ބޭނުންވާ އިޝްތިހާރު ފްލްޔަރ ހަދާ ދިނީ އެއީ އެމީހުންނަކީ މި ދަތި އުނދަގޫ ވަގުތުގައި އެމީހުންގެ ވިޔަފާރިން ލިބޭ އެއްޗެއް އެންމެ ބޮޑަށް ބޭނުންވާނެ މީހުން ކަމުގައިވާތީކަމަށް މިހޫ ބުންޏެވެ.

މިހޫއަށް އާއްމުންގެ ވަަރަށް ގިނަ މީހުން ޝުކުރުކޮށް މެސެޖްކުރި ކަމުގައި އޭނާ ބުންޏެވެ. އަދި ދޭދޭ މީހުންގެ މެދުގައި ސޯޝަލްމީޑިއާގައި އެއްޗެއް ނުލިބިގެން އުޅޭނަމަ މިހޫގެ ތްރެޑްތަކަށް ލިންކްކުރާތަން ފެނުނެވެ. ގިނަބަޔަކަށް ފައިދާ ކުރާ އެތަށް ކަމެއް ސޯޝަލް މީޑިއާ އިން ކުރެވޭ އިރު މިއީ އާއްމު އެންމެ ފަރުދެއް އަމިއްލަ އެއްވެސް މަސްލަހަތެއް ނެތް ވިޔަފާރިތަކެއްގެ މުދާތައް އެތަށް ބަޔަކަށް ފަސޭހައިން ފެންނާނެ ހެން އެކުލަވާ ކުރި ބުރަ މަސައްކަތެކެވެ.

އަހަރެމެންނަށް އަބަދުވެސް ސޯޝަލް މީޑިއާގައި ހޭދަކުރާ ވަގުތަކީ ބޭކަރު ވަގުތުތަކުގެ ބަދަލުގައި ގިނަމީހުންނަށް ފައިދާކުރާ ކަހަލަ މިފަދަ ދަނޑިވަޅައްގައި ކޮށްލަން ސަޅިއެއް ނޫންހެއްޔެވެ.