ކޮވިޑް-19 އިގެ ސަބަބުން އަމިއްލަ މަސައްކަތް ކުރާ 26 ޕަސެންޓް އަންހެނުންގެ ވަޒީފާ ގެއްލިފައިވާ ކަމަށް، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން ބުނެފި އެވެ.
އެންބީއެސް އާއި ޔޫއެން ވިމެން ގުޅިގެން ކުރި ދިރާސާ އިން ދެއްކި ގޮތުގައި ކޮވިޑް-19 އާ ގުޅިގެން މަސައްކަތްތައް ގެއްލުމުގެ ސަބަބުން ކުލި ދެއްކުމާއި އެކި ހަރަދު ފޫބައްދަން އަންހެނުންގެ ގިނަ ބަޔަކަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ. އަދި ލޮކްޑައުން ނިމިގެން ދާއިރު އަންހެނުން ވަޒީފާއެއް ނެތި ގޭގައި މަޑު ކުރަން ޖެހުމަކީ އަންހެނުންނަށް އިތުރަށް ކުރިމަތިވާނެ މައްސަލައެއް ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.
ދިރާސާ އިން ދެއްކި ގޮތުގައި ކޮވިޑް-19 އިގެ ލޮކްޑައުންގެ ހާލަތުގައި އަންހެނުން އެންމެ ގިނަ ވަގުތު ހޭދަކޮށްފައިވަނީ ކެއްކުމުގަ އެވެ. އަންހެނުންގެ 30 ޕަސެންޓް ވަގުތު ކެއްކުމުގައި ހޭދަކުރިއިރު، 26 ޕަސެންޓް އަންހެނުން ވަގުތު ހޭދަކޮށްފައިވަނީ ގޭތެރެ ސާފު ކުރުމުގަ އެވެ.
އެންބީއެސްގެ ދިރާސާ ދައްކާ ގޮތުގައި އަންހެން ކުދިން ކިޔެވުމުގެ އިތުރުން އެންމެ ގިނަ ވަގުތު ހޭދަކޮށްފައިވަނީ އާއިލާގެ މެންބަރުންނަށް އެހީވުމުގަ އެވެ.
ދިރާސާގައި ބުނެފައިވާ ގޮތުގައި ކޮވިޑް-19 އިގެ ސަބަބުން ލޮކްޑައުން ކުރި ދުވަސްވަރު އަންހެނުންނަށް ޑޮކްޓަރަށް ދެއްކުމުގައި ގިނަ ދަތިތަކެއް ކުރިމަތިވި އެވެ. އެގޮތުން 71 ޕަސެންޓް އަންހެނުންނަށް ބޭސް ފަރުވާ ހޯދުމާއި ސާފު ތާހިރުވާން ބޭނުންވާ ސާމާނު ހޯދަން ދަތިވެގެން ދިޔަ އެވެ. އަދި ލޮކްޑައުންގައި ތިބުމުން 61 ޕަސެންޓް އަންހެނުންގެ ޖިސްމާނީ އަދި ނަފްސާނީ ސިއްހަތަށް ވަނީ އަސަރު ކޮށްފަ އެވެ.