ރިޕޯޓް

15 އަހަރުން މަތީގެ 40 ޕަސެންޓް މަސައްކަތެއް ނެތި!

ގިނަ އަދަދެއްގެ ބިދޭސީން ވަޒީފާ އަދާ ކުރާ ވާހަކަ އާއި ދިވެހިންނަށް ވަޒީފާ ނުލިބޭ ވާހަކަ ތާއަބަދު ދައްކަ އެެވެ. ދިވެހި ޒުވާނުންނަށް ފުރުސަތު ނުލިބުމަކީ ޒަމާންވީ ޝަކުވާ އަކަށްވާއިރު ރާއްޖޭގައި ކިހާ ދިވެހިންނެއް ވަޒީފާ އަދާ ކުރޭ ހެއްޔެވެ؟ ރާއްޖޭގައި ވަޒީފާ ނެތް އާބާދީއަކީ ކޮބައި ހެއްޔެވެ؟ މި އާބާދީ ކިހާ ވަރަކަށް އަރާ ހެއްޔެވެ؟ ރާއްޖޭގައި ރަޖިސްޓްރީ ނުކޮށް، ގޭގައި އާމްދަނީ ހޯދައިގެން ކިހާ މީހުންނެއް އުޅޭ ހެއްޔެވެ؟

މި ސުވާލުތަކުގެ ޖަވާބު އެންމެ ގާތުން ރަސްމީކޮށް މިހާރު ލިބެން އޮތީ، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން މިދިޔަ އަހަރު ނެރުނު، ގޭބިސީގެ އާމްދަނީ އާއި ހަރަދުކުރުން ހުރި ގޮތުގެ ސާވޭ 2019 ގެ މަސައްކަތްތެރިންގެ ސާވޭ އިން ނެވެ. މި ސާވޭ ދައްކާ ގޮތުގައި އިދާރީ ރަށްރަށުގެ އާންމު ގޭބިސީތަކުގައި ދިރިއުޅޭ 15 އަހަރުން މަތީގެ އާބާދީ އަކީ 317482 މީހުންނެވެ. މީގެ ތެރެއިން 53 ޕަސެންޓަކީ އަންހެނުންނެވެ. މިހާރު ރާއްޖޭގެ އާބާދީއަކީ 451،622 މީހުންނެވެ. މީގެތެރޭގައި 15 އަހަރުން މަތީގެ އާބާދީއަކީ 317،482 މީހުންނެވެ.

މި ސަވޭގައި ރިސޯޓްތަކާއި ސިނާއި މަސައްކަތްހިންގާ ރަށްރަށެއް ހިމަނާފައި ނުވެ އެވެ. އަދި 10 މީހުންނަށް ވުރެ ގިނަ މީހުން ދިރިއުޅޭ "ކަލެކްޓިވް ލިވިންގް ކުއާޓަސް" ތައް ވެސް ނުހިމެނެ އެވެ. މި ސާވޭގައި މަސައްކަތްތެރިކަމާއި ގުޅޭ މައުލޫމާތު އެކުލަވާލެވިފައި ވަނީ އުމުރުން 15 އަހަރުން މަތީގެ އާބާދީ އަށް ނުވަތަ މަސައްކަތްކުރާ އުމުރުފުރާގެ އާބާދީ އަށެވެ.

ރާއްޖޭގައި މަސައްކަތު އާބާދީގެ 15 އަހަރު މަތީގެ 60 ޕަސެންޓް މީހުންނަކީ ލޭބާ ފޯސްގައި ހިމެނޭ މީހުންނެވެ. މި އާބާދީގެ އަދަދަކީ މިއީ 191،270 މީހުންނެވެ.

57 ޕަސެންޓް މަސައްކަތެއް ލިބިފައި

އެންބީއެސް އިން ބުނެފައިވާ ގޮތުގައި މަސައްކަތް ލިބިފައިވާ މީހުންނަކީ މި ސާވޭގައި ހަވާލާދޭ މުއްދަތުގައި މަދުވެގެން އެއް ގަޑިއިރު އާމްދަނީ ލިބޭ މަސައްކަތެއްގައި ވަގުތު ހޭދަކުރި މީހުންނެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން މިހާރު މިހާލަތު ބޮޑުތަނުން ބަދަލު ވެފައިވާނެ ކަމަށް ޔަގީން ކުރެ އެވެ.

ސާވޭގެ ނަތީޖާ އިން ދައްކާ ގޮތުން މަސައްކަތް ލިބިފައިވާ އާބާދީއަކީ 57 ޕަސެންޓެވެ. މަސައްކަތު އާބާދީގައި ދެން ހިމެނިގެންދާ މަސައްކަތް ލިބިފައި ނުވާ އާބާދީއަކީ މަސައްކަތެއް ހޯދަން މަސައްކަތް ކުރި އަދި މަސައްކަތަށް ނުކުތުމަށް ތައްޔާރަށް ތިބި މީހުންނެވެ. މަސައްކަތެއް ލިބިފައި ނުވާ އާބާދީގައި ހިމެނެނީ 10،127 މީހުންނެވެ. މިއީ 15 އަހަރުން މަތީގެ އާބާދީގެ ތިން ޕަސެންޓެވެ.

"އާމްދަނީ ލިބޭ މަސައްކަތް ކުރާ މީހުން، ހަފުތާތެރޭގައި ޖުމްލަ 48 ގަޑިއިރަށްވުރެ މަދުން މަސައްކަތް ކޮށްފައިވާނަމަ، އެމީހުން އިތުރު އެއް ގަޑިއިރަށްވުރެ ގިނަ ވަގުތު މަސައްކަތް ކުރަން ތައްޔާރަށް ތިބި ނަމަ، އެއީ އެކަށީގެންވާ ވަރަށްވުރެ މަދުން މަސައްކަތު ވަގުތު ބޭނުން ހިފުނު މީހުން ގެގޮތުގައި ބެލެވެއެވެ. ޓައިމް ރިލޭޓެޑް އަންޑަ އެމްޕްލޮއިޑް މަސައްކަތް ލިބިފައިވާ އާބާދީ އިތުރަށް ބެހިގެންދަނީ 'ޓައިމް ރިލޭޓަޑް އަންޑާ އެމްޕްލޮއިޑް' އަދި އެހެނިހެން މަސައްކަތްކުރާ މީހުންނަށާއި ދެ ބަޔަށެވެ،" އެންބީއެސް އިން ބުނެފައިވެ އެވެ.

15 އަހަރުން މަތީގެ 40 ޕަސެންޓް މަސައްކަތެއް ނެތް

އިގްތިސޯދީ ގޮތުން ހަރަކާތްތެރިނުވާ އާބާދީއަކީ ލޭބަ ފޯސްގައި ނުހިމެނޭ މީހުންނެވެ. މި ސާވޭ ދައްކާ ގޮތުގައި މިދިޔަ އަހަރާ ހަމައަށް ބަލާނަމަ 15 އަހަރުން މަތީ އާބާދީގެ 40 ޕަސެންޓް މީހުން ތިބީ އިގްތިސޯދީ ގޮތުން ހަރަކާތްތެރިނުވާ އާބާދީ ނުވަތަ އައުޓްސައިޑް ދަ ލޭބަަ ފޯސްގައި ހިމެނޭ ފަރާތްތަކެވެ.

އިގްތިސޯދީ ގޮތުން ހަރަކާތްތެރިނުވާ އާބާދީ ނުވަތަ މަސައްކަތެއް ނުލިބި ތިބި އާބާދީ ދެ ބަޔަކަށް ބެހިގެންދެ އެވެ.

  • ޕޮޓެންޝަލް ލޭބަ ފޯސް
  • އައުޓް ސައިޑް ދަ ލޭބަ ފޯސްގައި ހިމެނޭ އެހެނިހެން ބައިތައް

ޕޮޓެންޝަން ލޭބަ ފޯސްއަކީ މަސައްކަތެއް ހޯދަން އުޅޭ ނަމަވެސް މަސައްކަތެއް ލިބިއްޖެނަމަ ނުފެށޭނެ ކަމަށް ބުނާ އާބާދީ ނުވަތަ މަސައްކަތެއް ހޯދަން ނޫޅޭ ނަމަވެސް މަސައްކަތެއް ލިބިއްޖެނަމަ ކުރެވޭނެ ކަމަށް ބުނާ އާބާދާ (ޑިސްކަރޭޖް ވޯކާސް) އެވެ.

މި ސާވޭގެ ނަތީޖާއިން ދައްކާ ގޮތުން ޕޮޓެންޝަން ލޭބަ ފޯސްއަކީ 15 އަހަރުން މަތީގެ އާބާދީގެ ހަ ޕަސެންޓެވެ. މީގެތެރޭގައި މައިގަނޑުގޮތެއްގައި ހިމެނެނީ އާމްދަނީ ލިބޭ މަސައްކަތެއް ލިބިއްޖެނަމަ ކުރަން ތައްޔާރަށް ތިބި އެކަމަކު މި ފަދަ މަސައްކަތް ހޯދަން އަމަލީ ގޮތުން ހަރަކާތްތެރި ނުވާ މީހުންނެވެ. މިއީ މަސައްކަތުގެ މައިދާނަށް ފަސޭހައިން ނެރެވިދާނެ މީހުންނެވެ.

މަސައްކަތުގެ ބާޒާރުގެ ބޭރުގައި ހިމެނޭ އެހެނިހެން މީހުންނަކީ މަސައްކަތްކަތެއް ހޯދަން ވެސް ނޫޅޭ އަދި ލިބިއްޖެނަމަ ނުފެށޭނެ ކަމަށް ބުނާ މީހުންނެވެ. މިއީ 15 އަހަރުން މަތީގެ އާބާދީ އަށް ބަލާނަމަ 34 ޕަސެންޓް އެވެ. މީގެތެރޭގައި ގޭތެރޭގެ މަސައްކަތުގައި ހަރަކާތްތެރިވާ މީހުން، ދޮށީ އުމުރުން މީހުން ވެސް ހިމެނެ އެވެ.

ނުވަ ޕަސެންޓް މަސައްކަތުގައި ބޭނުން ނުކުރެވޭ

ރާއްޖޭގައި މަސައްކަތްތަކުގައި އެކަށީގެންވާ ގޮތެއްގައި ބޭނުން ނުކުރާ މީހުންގެ އާބާދީ އަކީ 15 އަހަރުން މަތީގެ އުމުރު ފުރާނެ ނުވަ ޕަސެންޓެވެ. ނުވަތަ 29،399 މީހުންނެވެ.

ސާވޭ ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީގައި 15 އަހަރުން މަތީގެ އުމުރު ފުރާގައި ލޭބަ ފޯސް ޕާޓިސިޕޭޝަން ނުވަތަ މަސައްކަތްތެއްގައި މަސްއޫލުވެ އުޅޭ ރޭޓަކީ 60 ޕަސެންޓެވެ. ނަމަވެސް 15 އަހަރާއި 24 އަހަރާއި ދެމުދުގެ މީހުންގެ މެދުގައި ލޭބަ ފޯސް ބައިވެރިވުމުގެ ރޭޓް ދަށެވެ. މި އުމުރުފުރާއަކީ ސްކޫލް ދައުރު ނިންމުމަށް ފަހު ވަޒީފާގެ ބާޒާރަށް ނުކުންނަށް ފަށާ އުމުރުފުރާ އެވެ.

ރާއްޖޭގައި މަސައްކަތެއް ނުވަތަ ވަޒީފާއެއްގައި މަސްހޫލުވެ އުޅޭ އާބާދީ އެންމެ މަތީ 34 އާއި 25 އަދި 44 އާއި 35 އަހަރާއި ދެމެދުގަ އެވެ. އަންހެނުންގެ ނިސްބަތަކީ 55 ޕަސެންޓެވެ. އަދި ފިރިހެނުންގެ ނިސްބަތް 94 ޕަސެންޓަށް އަރަ އެވެ.

އެވްރެޖު އާމްދަނީއަކީ މަހަކު 10،474 ރުފިޔާ

ސާވޭ އިން ދައްކާ ގޮތުގައި މައިގަނޑު މަސައްކަތުން އެވްރެޖްކޮށް އާމްދަނީ ލިބޭ މަސައްކަތުގައި ހަރަކާތްތެރިވާ މީހަކަށް (މުވައްޒަފުން، ވިޔަފާރި ތަކުން) މަހެއްގެ މައްޗަށް ލިބޭ އާމްދަނީ އަކީ މަހަކު 10،474 ރުފިޔާ އެވެ. ފިރިހެނުންނަށް ލިބޭ މިންވަރު އަންހެނުންނަށް ވުރެ ބޮޑެވެ. އަދި އަތޮޅުތަކާއި އަޅާބަލާއިރު މާލޭގައި މަސައްކަތް ކުރާ ކުރާ މީހުންނަށް ލިބޭ މިންވަރު ގިނަ އެވެ. އެވްރެޖްކޮށް ފިރިހެނަކަށް ގަޑިއިރަކަށް 79 ރުފިޔާ ލިބެ އެވެ. އަދި އަންހެނަކަށް ލިބެނީ 66 ރުފިޔާ އެވެ.

ރާއްޖޭގައި މަސައްކަތް ލިބިފައިވާ އާބާދީގެ ބޮޑު ބަޔަކީ ސެކަންޑަރީ އަދި މަތީ ސާނަވީ ތައުލީމް ހާސިލްކޮށްފައިވާ މީހުންނެވެ. މިނިސްބަތް އަންހެނުންނާއި ފިރިހެނުންގެ ދާދި އެއްގޮތެވެ. ފިރިހެނުންނާއި އަޅާބަލާއިރު އަންހެނުންގެ ތެރެއިން ގިނަ ބަޔަކުވަނީ މަތީ ތައުލީމް ހާސިލްކޮށްފަ އެވެ.

ފިރިހެނުން ނުވަ ގަޑިއިރު، އަންހެން ހަތް ގަޑިއިރު

ސާވޭ ދައްކާ ގޮތުގައި ރާއްޖޭގައި އާމްދަނީ ލިބޭ މަސައްކަތުގައި އެވްރެޖްކޮށް ފިރިހެނަކު ދުވާލަކު ނުވަ ގަޑިއިއިރު ހޭދަ ކުރެ އެވެ. އަދި އަންހެނަކު އާމްދަނީ ލިބޭ މަސައްކަތުގައި ހޭދަ ކުރަނީ އެވްރެޖްކޮށް ދުވާލަކު ހަތް ގަޑި އިރެވެ. އަންހެނުން ގޭގޭގައި ކުދިން ބެލުން ފަދަ ކަންކަމުގައި ދުވާލަކު ހަތަރު ގަޑިއިރު ހޭދަ ކުރެ އެވެ. ފިރިހެނުން އާއްމު ގޮތެއްގައި އުޅެނީ ދެ ގަޑިއިރެވެ. އެއްވެސް މުސާރަ އަދި އުޖޫރައަކާއި ނުލާ ގޭތެރޭ މަސައްކަތާއި ކުދިން ބެލުމުގައި އަންހެނުން ދުވާލަކު 15 ގަޑިއިރު ހޭދަކުރާއިރު، ފިރިހެނުން ފަސް ގަޑިއިރު ހަރަކާތެރިވެ އެވެ.

އަންހެނުންގެ 27 ޕަސެންޓް ރަޖިސްޓްރީ ނުކުރާ ވިޔަފާރީގައި

އިންފޯމަލް ސެކްޓައަކީ ރަޖިސްޓްރީ ނުކޮށް ހިންގޭ ވިޔަފާރި ނުވަތަ އަމިއްލަ މަސައްކަތްތެރިންގެ ތެރެއިން މަސައްކަތްކުރުމަށް ވަކި ތަނެއް ކަނޑައެޅިފައި ނުވާ މީހުންނެވެ.

މި މީހުންނަކީ ގޭގައި ތިބެގެން އާމްދަނީއެއް ހޯދުމަށް މަސައްކަތް ކުރާ މީހުން، ވަކި މަރުކަޒެއް ނެތި މަސައްކަތް ކުރާ މީހުންނެވެ. ދަނޑު ބިންތަކުގައި މަސައްކަތް ކުރާ މުވައްޒަފެއް ގޮތުގައި ނުހިމެނޭ މީހުންނެވެ. އަދި އެއްވެސް ސޯޝަލް ސެކިއުރިޓީއެއް ނެތި މަސައްކަތް ކުރާ މަސައްކަތު އާބާދީ އެވެ.

އިންފޯމަލް ސެކްޓާގައި ގިނަ އިން މަސައްކަތް ކުރަނީ އަންހެނުންނެވެ. އަންހެނުންގެ 27 ޕަސެންޓް މިގޮތަށް މަސައްކަތް ކުރެ އެވެ. ދި އަތޮޅުތަކުގައި އަންހެނުންގެ ތެރެއިން 37 ޕަސެންޓް މީހުން އިމް ފޯމަލްކޮށް މަސައްކަތް ކުރެ އެވެ. މީގެން ދައްކައިދެނީ ގިނަ އަންހެނުންނަކީ އިންފޯމަލް ސެކްޓަގައި ހަރަކާތްތެރިވާ މީހުންކަމުން މިއީ ގިނަ ފަހަރު ޕެންޝަން، މުސާރައާއި އިނާޔަތެއް ލިބޭ ގޮތަށް ޗުއްޓީ ދެވޭނެ ފަދަ ނިޒާމެއް ނެތި މަސައްކަތް ކުރާ މީހުން ކަމެވެ. އަދި ވަޒީފާގެ ބަޒާރަށް ކުޑަ ވެސް ލޮޅުމެއް އައިސްފި ކަމުގައިވާނަމަ އެންމެ ނާޒުކު ހާލަތަށް ވެއްޓިގެން ދާނެ މީހުންނެވެ.