ޓޯކިޔޯ (މެއި 28) - މިދިއަ އަހަރު ޖަޕާނުގެ ކިޔޯޓޯ ސިޓީގައި ހުންނަ އެނިމޭޓެޑް ކާޓޫންތަކާއި ސީރީސްތައް އުފައްދާ ތިން ބުރީގެ ސްޓޫޑިއޯ އެއްގައި އަލިފާން ރޯކޮށްލުމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ ކޯޓު އަމުރެއް ހޯދިތާ 10 މަސް ދުވަސް ފަހުން އެ ސްޓޫޑިއޯގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި މިދިއަ ބުދަ ދުވަހު ހައްޔަރު ކޮށްފައި ވަނީ ޝިންޖީ އަޔޯބާ ނަކަމަށް ކިޔާ 42 އަހަރުގެ މީހެއް ކަމަށެވެ. އޭނާ ހައްޔަރު ނުކޮށް މަޑުކުރީ، ހަމަލާ ދޭން އުޅުމުގެ ތެރޭގައި ޝިންޖީއަށް ވެސް އަނިޔާ ލިބިގެން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނާތީ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އަދި މިދިއަ ބުދަ ދުވަހާ ހަމައަށް ހައްޔަރު ނުކޮށް މަޑުކުރީ، ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ލޮކްޑައުން އުވާލަންދެން ކަމަށް ވެސް އިތުރަށް ބުންޏެވެ.
މިދިއަ އަހަރުގެ ޖުލައި މަހު ހިނގި އެ ހާދިސާގައި 36 މީހުން މަރުވެފައިވާއިރު، އެތަކެއް ބަޔަކު ވަނީ ޒަހަމްވެފަ އެވެ.
ރިޕޯޓުތައް ބުނާ ގޮތުން، އޭނާ އެ ސްޓޫޑިއޯގައި ރޯކޮށްލާފައި ވަނީ އޭނާ ލިޔުނު ފޮތެއްގައި ހުރި ހިޔާލުތަކެއް ވަގަށް ނެގި ކަމަށް ތުހުމަތުކޮށްފަ އެވެ.
ފުލުހުން ތުހުމަތު ކުރާ ގޮތުގައި ޝިންޖީ ވަނީ އެ އިމާރަތަށް ވަދެ ބާލިދީއަކުން ޕެޓްރޯލް އެޅުމަށް ފަހު ރޯކޮށްލައިފަ އެވެ. ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ފުލުހުން ހައްޔަރު ކޮށްފައިވާ މީހާއަކީ ކުށުގެ ރިކޯޑެއް އޮންނަ މީހެކެވެ. އަދި އެ ސްޓޫޑިއޯގެ ވެރި މީހާއަށް އިންޒާރުދީ ސީޓީތަކެއް ފޮނުވި ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެ އެވެ.
އެ ހާދިސާ ހިނގި ވަގުތު އެ އިމާރާތުގައި 70 ވަރަކަށް މީހުން ތިބި ކަމަށްވެ އެވެ. އޭގެ ތެރެއިން ގިނަ މީހުން މަރުވެފައިތިބީ އެ އިމާރާތުގެ ފުރާޅަށް ދެވެން އޮންނަ ސިޑީ ގޮޅި ތެރޭގަ އެވެ. ރިޕޯޓުތައް ބުނާ ގޮތުން، ފުރާޅަށް ނިކުމެވެން ހުންނަ ދޮރު ތަޅުލާފައި ހުރުމުގެ ސަބަބުން، ސަލާމާތްވާން ދިޔަ މީހުން ވަނީ ސިޑީމަތީގައި ތާށިވެފަ އެވެ.