ދުނިޔެ

ޖަޕާނުގެ ސްޓޫޑިއޯ ރޯކޮށްލުމުގެ ތުހުމަތަށް މީހަކު ހައްޔަރުކޮށްފި

Jul 20, 2019

ޓޯކިޔޯ (ޖުލައި 20) - ޖަޕާނުގެ ކިޔޯޓޯ ސިޓީގައި ހުންނަ އެނިމޭޓެޑް ކާޓޫންތަކާއި ސީރީސްތައް އުފައްދާ ތިން ބުރީގެ ސްޓޫޑިއޯ އެއްގައި އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހިނގި އެ ހާދިސާގައި 33 މީހުން މަރުވެފައިވާއިރު، އެތަކެއް ބަޔަކު ވަނީ ޒަހަމްވެފަ އެވެ.

ފުލުހުން ބުނީ އެ ސްޓޫޑިއޯގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ޝިންޖީ އަޔޯބާ ނަކަމަށް ކިޔާ މީހެއް ކަމަށެވެ. އެ ހަމަލާދޭން އުޅުމުގެ ތެރޭގައި ޝިންޖީއަށް ވެސް އަނިޔާ ލިބިގެން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން، އޭނާ އެ ސްޓޫޑިއޯގައި ރޯކޮށްލާފައިވަނީ އޭނާ ލިޔުނު ފޮތެއްގައި ހުރި ހިޔާލުތަކެއް ވަގެއް ނެގި ކަމަށް ތުހުމަތުކޮށްފަ އެވެ.

ފުލުހުން ތުހުމަތު ކުރާގޮތުގައި ޝިންޖީ ވަނީ އެ އިމާރަތަށްވަދެ ބާލިދީއަކުން ޕެޓްރޯލް އެޅުމަށްފަހު ރޯކޮށްލައިފަ އެވެ. ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ފުލުހުން ހައްޔަރުކޮށްފައިވާ މީހާއަކީ ކުށުގެ ރިކޯޑެއް އޮންނަ މީހެކެވެ. އަދި އެ ސްޓޫޑިއޯގެ ވެރި މީހާއަށް އިންޒާރުދީ ސީޓީތަކެއް ފޮނުވިކަމަށްވެސް ބައެއް ރިޕޯޓުތައް ބުނެ އެވެ.

އެ ހާދިސާ ހިނގި ވަގުތު އެ އިމާރާތުގައި 70 ވަރަކަށް މީހުން ތިބި ކަމަށްވެ އެވެ. އޭގެ ތެރެއިން ގިނަ މީހުން މަރުވެފައިތިބީ އެ އިމާރާތުގެ ފުރާޅަށް ދެވެން އޮންނަ ސިޑީ ގޮޅި ތެރޭގަ އެވެ. ރިޕޯޓުތައް ބުނާ ގޮތުން، ފުރާޅަށް ނިކުމެވެން ހުންނަ ދޮރު ތަޅުލާފައި ހުރުމުގެ ސަބަބުން، ސަލާމާތްވާން ދިޔަ މީހުން ވަނީ ސިޑީމަތީގައި ތާށިވެފަ އެވެ.

އެ ހާދިސާގައި މަރުވި މީހުންގެ ތަފްސީލުތައް އަދި ހާމަކޮށްފައިނުވި ނަމަވެސް، އޭގެ ތެރޭގައި ގިނައީ އަންހެނުން ކަމަށް ރިޕޯޓުތައް ވަނީ ބުނެފަ އެވެ.