ޓީވީ ތަރި އާޝާ ނެގީއަށް މަޝްހޫރުކަން ލިބިގެން ދިޔައީ ޒީ-ޓީވީގެ ވަރަށް ކާމިޔާބު ސިލްސިލާއެއް ކަމަށްވާ "ޕަވިތުރަ ރިޝްތާ" އިންނެވެ. އޭގެ ފަހުން އާޝާގެ ގިނަ ޝޯތަކެއް ކާމިޔާބުވި ނަމަވެސް އެންމެ ފަހުން ދެއްކި ދެ ޑްރާމާ ވެސް ނުހިނގުމުގެ ސަބަބުން އާޝާ ވަނީ ވަރަށް ބޮޑަށް މާޔޫސް ވެފަ އެވެ.
ވިދިވިދިގެން ދެ ޝޯ ފްލޮޕްވުމުން އޭނާއަށް ނަފްސާނީ ގޮތުން ލިބުނު ގެއްލުންތަކުގެ ސަބަބުން މާ ގިނައިން ކެވި ވަރަށް ބޮޑަށް ފަލަވެސް ވެއްޖެ ކަމަށް އާޝާ ބުންޏެވެ.
"އޭކް މުއްޓީ އާސްމާން"، އާއި "ކުޗް ތޯ ހޭ ތޭރޭ މެރޭ ދަރްމިޔާން" ގައި އާޝާ ބައިވެރިވީ ލީޑް ރޯލު ކުޅުނު ބަތަލާއިން ވަކި ހިސާބަކުން ޝޯ އިން ވަކިވުމުން އެމީހުންގެ ބަދަލުގަ އެވެ. ނަމަވެސް އާޝާ މި ޑްރާމާ ތަކުގައި ބައިވެރިވިތާ މާ ގިނަ ދުވަހެއް ނުވެ ރޭޓިންގްސް ދަށްވުމުގެ ސަބަބުން ޝޯތައް ވަނީ ހުއްޓާލާފަ އެވެ.
އިންޑިޔާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި އާޝާ ބުނީ ދެ ޝޯ ވިދިވިދިގެން ފްލޮޕްވުމުން ވަރަށް ހިތްދަތިވި ކަމަށެވެ.
"ފުރަތަމަ ޝޯ ނުހިނގީމަ އަހަރެން ހިތަށް އެރި އަހަންނަށް ކެރިއަރުގެ ކުރީކޮޅު ވަރަށް ރަނގަޅު ކާމިޔާބުތަކެއް ލިބިފައޭ ވަނީ. އެހެންވީމާ އެންމެ ޝޯ އެއް އަދި ނާކާމިޔާބު ވިޔަސް އެއީ މައްސަލައެއް ނޫނޭ. އެހެން ހިތާ ހިތްހަމަ ޖައްސާލައިގެން ހުއްޓާ ދެ ވަނަ ޝޯ ވެސް ނާކާމިޔާބުވީމަ ވަރަށް ހިތްވަރު އެލޭގޮތްވި. ހިތަށް އަރަނީ ދެން މި އަހަރެންގެ އެކްޓިން ކެރިއަރުގެ ދުވަސް ދިޔައީއޭ،" އާޝާ ބުންޏެވެ.
ޑީޕްރެޝަން އަށް ދިޔުމުގެ ސަބަބުން ހިތާމަތައް ކޮންޓްރޯލް ކުރަން މާ ގިނައިން ކެވުމުގެ ސަބަބުން ވަރަށް ބޮޑަށް ފަލަވި ކަމަށް ވެސް އާޝާ އެއްބަސްވި އެވެ. ނަމަވެސް މިހާރު އަނެއްކާވެސް އޭނާ ވަނީ ހަމަޔަކަށް އެޅިފަ އެވެ.
"ފަހުން ވިސްނުނު ޝޯއެއް ކާމިޔާބު ކުރަން އެ ޝޯއެއްގައި ލީޑް ރޯލު ކުޅޭ ބަތަލާއަކަށް ކުރެވޭނެ މާ ގިނަ ކަންތައްތަކެއް ނޯންނާނޭ. އޭނާއަށް ކުރެވޭނެހާ ވެސް ކަމަކީ ދެން ކުޅެން އެއްބަސްވާ ޕްރޮޖެކްޓްތައް ޚިޔާރުކުރާއިރު ކުރިޔަށް ވުރެ ފަރުވާތެރި ވުމޭ،" އާޝާ ބުންޏެވެ.
އާޝާ އާއި ޓީވީ ހޯސްޓް އަދި އެކްޓަރު ރިތުވިކް ދަންޖާނީގެ ހަތް އަހަރުވީ ލޯތްބަށް ވެސް ދާދި ފަހުން ވަނީ ނިމުން އައިސްފަ އެވެ. ބެލެވޭ ގޮތުގައި މި ދެ ތަރިން ވަކިވާން ޖެހުނީ ވެސް އާޝާގެ ޑިޕްރެޝަންގެ މައްސަލަ ތަކުގެ ސަބަބުންނެވެ. ނަމަވެސް ލޮކްޑައުން ނިމުމުން އަލުން އާޝާ ކައިރިއަށް ގޮސް ސުލްހަ ވާން މަސައްކަތް ކުރާނެ ކަމުގެ އިޝާރާތެއް ރިތުވިކްގެ ޓީވީ އިންޓަވިއު އެއްގައި ދީފައި ވެއެވެ.