ލައިފްސްޓައިލް

17 އަހަރު ކުރިން ވަގަށް ނެގި ކުއްޖާގެ އާދަޔާހިލާފު ވާހަކަ

މިޝީ ސޮލޮމަން އަށް އޭނާގެ އާއިލާގެ މީހުންނެއް ނޯޅެ އެވެ. މައްޗާއި ތިރިއަކީ ކޮބައިކަން އެނގޭ މިންވަރަށް އޭނާއަށް އޭނާގެ މައިންބަފައިންނަކީ ކޮބައިކަން އެނގެ އެވެ. އޭނާ ގަބޫލު ކުރަނީ ކުޑައިރުއްސުރެ އޭނާއަށް މައިންބަފައިން ކިޔައިދީފައިހުރި ވާހަކަ ތަކެވެ. އެ ވާހަކަތަކާމެދު ކުޑަވެސް ސުވާލެއް އޭނާގެ ހިތަކު ނެތެވެ. ނަމަވެސް އެއް ދުވަހަކު ކުއްލިއަކަށް ކަމެއް ދިމާވީ އެވެ.

މިޝީ އަކީ ސައުތު އެފްރިކާގެ ކޭޕް ޓައުނުގައި ދިރިއުޅެމުން އައި 17 އަހަރުގެ އަންހެން ކުއްޖެކެވެ. އިންތިހާއަށް ލޯބިވާ މަންމަ އަކާއި ބައްޕައެއްގެ ހުރި އެންމެ ދަރިއެކެވެ. އޭނާގެ މައިންބަފައިންގެ އޯގާތެރިކަމުގެ ވާހަކަ ދެއްކުމުގެ ނެތެވެ. އެމީހުން އޭނާއަށް ލޯބިން ކިޔަނީ ވެސް "ޕްރިންސަސް" އެވެ.

އެއީ 2015 ގެ ޖެނުއަރީ މަހުގެ ދުވަހެކެވެ. މިޝީ ކިޔަވަން ދާ ޒުވާންސްކީ ހައި ސްކޫލުގެ ހަމަ އޭނާ ކިޔަވާ ކުލާހަށް އެ އުމުރުގެ އަންހެންކުއްޖަކު އަލަށް ކިޔަވަން އަންނަން ފެށި އެވެ. ކެސިޑީ ނާސް ނަމަކަށް ކިޔާ މި ކުއްޖާގެ ހުރި އެންމެ ޚާއްސަ ސިފައަކީ އެ ކުއްޖާ އާ މިޝީ އާ ވަރަށް ވައްތަރު ވުމެވެ.

ބީބީސީ އަށް 2019 ގައި މިޝީ ދީފައިވާ އިންޓަވިއު އެއްގައި ބުނި ގޮތުގައި ފުރަތަމަ ފަހަރަށް ކެސިޑީ އާ ބައްދަލުވުމާ އެކު ވެސް އޭނާއަށް އެ ކުއްޖާ އެނގޭ ކަމުގެ އިހްސާސްތަކެއް ވިއެވެ.

"އެއީ ވަރަށް ބިރުވެރި ތަޖުރިބާއެއް. އަހަންނަކަށް އެއްގޮތަކަށް ނޭނގޭ އަހަންނަށް އެގޮތަށް ހީވަނީ ކީއްވެގެން ކަމެއްވެސް،" މިޝީ ބުންޏެވެ.

ފުރަތަމަ ދުވަހުން ފެށީގެން މިޝީ އާއި ކެސިޑީގެ އެކުވެރިކަން ބަދަހިވި އެވެ. ބައެއް ފަހަރަށް ދެ މީހުންގެ ގުޅުން ގާތްކަމުން ގޮސް މިޝީއަށް ބައެއް ފަހަރު ކެސިޑީ އާ ދިމާލަށް ދައްތާ އޭ ކިޔާފައި ވެސް ބޭއިޚްތިޔާރުގައި ގޮވެ އެވެ.
އެއްދުވަހަކު އެ ދެ ކުދިން އެކުގައި ސެލްފީއެއް ނެގި އެވެ. މި ސެލްފީން ވެސް ދެ މީހުންގެ ވައްތަރުކަން އަޖައިބެއްހާ ބޮޑުކަން ހާމަވެ އެވެ. އެމީހުންގެ އެކުވެރިއަކު މި ފޮޓޯ ބަލާފައި މަޖަލަށް "މިޝީ ހީވަނީ އެޑޮޕްޓްކޮށްފައި ހުރި ކުއްޖެއް ހެންނޭ" ވެސް ބުނެލި އެވެ.

ކެސިޑީ މި ސެލްފީ އޭނާގެ މައިންބަފައިން ކަމަށްވާ ކެލެސްޓޭ އާއި މޯރްނޭ ނާސްއަށް ދެއްކި އެވެ. އެ މީހުންނަށް މި ފޮޓޯ ފެނުމުން އެނގެން ބޭނުންވީ އެއްޗެކެވެ. މިޝީގެ އުފަން ދުވަހެވެ.

ކެލެސްޓޭ އާއި މޯރްނޭގެ ހަޔާތުގައި ދުވަހަކު ވެސް ފޫނުބެދޭވަރުގެ ބޮޑު ބާގަނޑެއް މީގެ 17 އަހަރު ކުރިން ވަނީ އުފެދިފަ އެވެ. ކެލެސްޓޭ އަލަށް ވިހޭ ދަރިފުޅު ޒިފާނީ ނާސް ގެންގުޅެން އޭނާއަށް ލިބުނީ އެންމެ ތިން ދުވަހެވެ. ތިން ވަނަ އަށް ވީ ދުވަހު ކޮންމެ މީހަކު ކެލެސްޓޭގެ ދަރިފުޅު ވަގަށް ނެގީ އެވެ. ހޮސްޕިޓަލުގެ އެނދުގައި ދަރިފުޅު ބާއްވާފައި އޮއްވާ ވަގަށް ނަގައިގެން ގެންދިޔައީ ކާކު ކަމެއް ވެސް މިއަދާ ހަމަޔަށް ވެސް ކެލެސްޓޭ އަކަށް ނޭނގެ އެވެ.

ޒެފްނޭ ދުނިޔޭގައި ހުރިކަމެއް ވެސް އަދި ނެތް ކަމެއް ނޭނގުނަސް ކޮންމެ އަހަރަކުވެސް ކެލެސްޓޭ އާއި ފިރިމީހާ އަދި އާއިލާއިން ޒެފްނޭގެ އުފަން ދުވަސް ފާހަގަ ކުރެ އެވެ.

އެހެންވެ އެމީހުންގެ ދަރިފުޅު ކެސިޑީ އާއެކު ފޮޓޯގައި ހުރި ކެސިޑީ އާ އެއްވައްތަރު ޖަހާ މިޝީ ސޮލޮމަން ފެނުމުން އެއީ ކޮން ކުއްޖެއްކަން އޮޅުފިލުވަން ކެސިޑީގެ މައިންބަފައިން ކޮންމެހެން ވެސް ބޭނުންވީ އެވެ.

"ކަލޭގެ އުފަން ދުވަހަކީ އޭޕްރީލް 30، 1997 ތަ؟" މިޝީ އާ ކެސިޑީ ސުވާލު ކުރި ކަމަށް އޭނާ ބީބީސީ އަށް ދީފައިވާ އިންޓަވިއުގައި ބުނެފައި ވެއެވެ. މިޝީގެ ޖަވާބަކީ "އާނއެކެވެ".

ނަމަވެސް އޭނާއަކީ ޒިފާނީ ނާސް އަށް ވެދާނެ ކަމަކަށް ގަބޫލު ކުރާކަށް މިޝީ އެއްގޮތަކަށް ވެސް ބޭނުމެއް ނޫނެވެ. ނަމަވެސް ކެސިޑީގެ މައިންބަފައިންގެ އެދުމަށް އޭނާ ޑީއެންއޭ ޓެސްޓް ހަދަން އެއްބަސްވީ އެ ޓެސްޓްގެ ނަތީޖާ ނެގެޓިވް ވާނެކަމުގެ 100 ޕަސެންޓް ޔަގީންކަން އޮތީމަ އެވެ. އަދި އެމީހުންނަށް ކުރެވިގެން އުޅެނީ ގޯސް ހީއެއް ކަމަށް މިޝީ ހުރީ މުޅިން ނިންމައިގެންނެވެ.

"އަހަރެން ގެންގުޅެ ބޮޑުކުރި މަންމައަށް އަހަރެންގެ ފުރިހަމަ އިތުބާރު އޮތް. މަންމަ އަހަންނަކަށް ދުވަހަކު ވެސް ދޮގެއް ނުހަދާނެކަމުގެ ޔަގީންކަން އަހަރެންނަށް އޮތް. ޚާއްސަކޮށް އަހަރެންނަކީ ކާކުކަން މަންމަ އަހަންނަށް އޮޅުވާލާފައި ނުބާއްވާނެކަމުގެ ޔަގީންކަން އޮތް. އެހެންވެ އަހަރެންގެ ހިތުގައި އަބަދުވެސް އޮތީ ޓެސްޓުގެ ނަތީޖާ ނެގެޓިވް ކޮށޭ ދައްކާނީ،" މިޝީ ބުންޏެވެ.

ނަމަވެސް ޑީއެންއޭގެ ނަތީޖާ އިން ދެއްކީ މިޝީ ސޮލޮމަންއަކީ ހަމަ ހަގީގަތުގައި ވެސް ޒިފާނީ ނާސް ކަމަށެވެ.

"އަހަރެންނަށް އެތާ ޝޮކެއް ލިބި ގަނޑުވެފައި އެތައް އިރަކު އިނދެވުނު،" އޭނާ ގެންގުޅެ ބޮޑުކުރީ ހަގީގީ މައިންބަފައިން ނޫންކަން އެނގުނު ވަގުތުގެ އިހްސާސްތައް ކިޔައިދެމުން މިޝީ ބުންޏެވެ.

ވަގުތުން މިޝީ އޭނާ ގެންގުޅުނު ދެމަފިރިން އަތުން އަތުލައި ރައްކާތެރި ގެއަކަށް ސަރުކާރުން ބަދަލުކުރި އެވެ. އޭނާ ގެންގުޅުނު މައިންބަފައިން ކައިރިއަށް ދެވޭނެ އެއްވެސް ގޮތެއް މިޝީ އަކަށް ނެތެވެ.

ނަމަވެސް އޭނާގެ 18 ވަނަ އުފަން ދުވަހުގެ ތިން މަސް ދުވަސް ކުރިން މިޝީ އަށް އޭނާ ބޭނުންވާ ގޮތެއް ޚިޔާރު ކުރުމުގެ ގާނޫނީ ބާރު އޭނާއަށް ލިބުނެވެ.

ތުއްތުއިރު މިޝީ ވަގަށް ނެގި ކަމުގެ ކުށުގައި އޭނާ މަންމަގެ ގޮތުގައި ދެކެމުން އައި ލަވޯނާ ސޮލޮމަން ހައްޔަރުކުރި އެވެ.
ގެންގުޅެ ބޮޑުކުރި މަންމައާ ބައްދަލު ވެވޭނެ ގޮތެއް ނެތުމުން މިޝީ ވަރަށް ދެރަވި އެވެ. ކޮންމެ ގޮތެއް ވިޔަސް މިޝީ ބޭނުމީ އޭނާ ގެންގުޅުނު މަންމަ އެވެ. އަދި އެ މަންމަ އާ މިޝީ ވަރަށް ގިނަ ސުވާލު ވެސް ކުރަން ހުއްޓެވެ.

"އަހަރެން މަންމަ ކައިރީ އަހާލަން ބޭނުންވި ކީއްވެހޭ އަހަރެން ވަގަށް ނެގީ؟ އަދި ކިހިނެތް ވެގެން އުޅޭ ކަމެއްހޭ މީ؟ އަހަންނަކީ މުޅިން އެހެން ބައެއްގެ ދަރިއެއްކަން އެނގުމުން އަހަރެންގެ ސިކުނޑިއަށް ވަނީ ބަޔާން ކުރަން ނޭނގޭ ފަދަ ހައިޖާނުގަނޑެއް ވެރިވެފައި،" ބީބީސީ އިންޓަވިއުގައި މިޝީ ބުންޏެވެ.

މިޝީ ބައްޕަގެ ގޮތުގައި ދެކެމުން އައި މީހާ އާ ފުލުހުން ސުވާލު ކުރުމުން މިކަމުގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް އެމީހާ ވަނީ ބުނެފަ އެވެ. އޭނާއަށް އެއްގޮތަކަށް ވެސް މިކަން ވީ ގޮތެއް ނޭނގޭ ކަމަށާއި އެނގޭހާ ވެސް އެއްޗަކީ އެ ދުވަސްވަރު އޭނާގެ އަންހެނުން ވެސް ބަނޑުބޮޑުކަން ކަމަށް އެ ފިރިހެންމީހާ ފުލުހުންނަށް ދީފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.

ކޮންމެއަކަސް މިޝީގެ ބައޮލޮޖިކަލް މައިންބަފައިންނަށް އެމީހުންގެ ދަރިފުޅު ހޯދުމުން ލިބުނީ އިންތިހާއަށް ބޮޑު އުފަލެކެވެ. ނަމަވެސް މިޝީ އަކަށް މިކަހަލަ އެއްވެސް އިހްސާސެއް ނުކުރެ ވެއެވެ. އޭނާގެ ހިތުގައި އެމީހުންނަކަށްޓަކައި އެއްވެސް ކަހަލަ ޖަޒުބާތެއް ނެތެވެ. އޭނާގެ ހިތުގައި އެމީހުންނަކަށް އެއްވެސް ލޯތްބެއް ނެތެވެ. އެހެންކަމުން 18 އަހަރު ފުރި އޭނާ އަމިއްލައަށް ބޭނުން ބައެއް ކައިރިއަށް ދިއުމުގެ އިޚްތިޔާރު ލިބުމާއެކު މިޝީ ދިޔައީ އޭނާ ގެންގުޅެ ބޮޑުކުރި ބައްޕަ މައިކަލް ސޮލޮމަން ކައިރިއަށެވެ.

އޭނާ ގެންގުޅެ ބޮޑުކުރި އަދި އޭނާ އެންމެ ލޯބިވާ މަންމަ އަށް އޭނާ ތުއްތުއިރު ކިޑްނެޕްކުރުމުގެ ކުށުގައި ކުޑަކުދިންގެ ހައްގުތައް ހިމާޔާތްކުރާ ގާނޫނުގެ ދަށުން 10 އަހަރުގެ ޖަލުގެ ހުކުމެއް އައިސް މިހާރު އޭނާ ވީ ޖަލުގަ އެވެ.

މަންމަ ޖަލުން ސަލާމަތްކުރަން މިޝީ އަށް ކުރެވޭނެކަމެއް ނެތެވެ. އޭނާ ގަވާއިދުން މަންމަ ކައިރިއަށް ޖަލަށް ޒިޔާރަތް ކުރެ އެވެ.

މިޝީ ބުނީ މަންމަ އަދިވެސް ބުނަނީ މިޝީ ވަގަށް ނުނަގާ ކަމަށް ކަމަށެވެ. ނަމަވެސް މިޝީއަށް ވެސް ހީވަނީ މަންމަ އެކަން ކުރިހެން ކަމަށެވެ.

ނަމަވެސް މިޝީ ވަގަށް ނެގި ވާހަކައަކީ ހަގީގަތުގައި ވެސް ބިރުގަންނަން ޖެހޭ ކަހަލަ ހާދިސާ އެކެވެ. މި ހާދިސާގެ މައްޗަށް އަލިއަޅުވާލާފައިވާ އާ ސީރީޒެއް ނެޓްފްލިކްސް އިން ވަރަށް ފަހުން ދައްކާފައި ވެއެވެ. "ބްލަޑް އެންޑް ވޯޓާ" ކިޔާ ހަ އެޕިސޯޑުގެ މި ސީރީޒްގައި ދައްކަނީ 16 އަހަރުގެ ޕުލެންގް ކަމާލޯ އޭނާގެ ދައްތަ ހޯދަން ކުރާ މަސައްކަތެވެ. އެއީ 17 އަހަރު ކުރިން މީހަކު ވަގަށް ނެގި ކުއްޖެކެވެ. އަދި މި ސީރީޒްގައި ވެސް ދައްކަނީ މި ދެ ކުދިންނަށް އެ ސްކޫލަކަށް ކިޔަވަން ދެވި ބައްދަލުވާ ގޮތެވެ.

މި ސީރީޒްގެ ޕްރޮޑިއުސަރުން ބުނަނީ މިއީ މިޝީގެ ހަޔާތުގެ ހަގީގީ ވާހަކަ ނޫން ކަމަށެވެ. ނަމަވެސް ވަރަށް ގިނަ އެއްގޮތް ކަންތައްތަކެއް މި ޝޯއާއި މިޝީގެ ވާހަކައިގައި އެބަހުއްޓެވެ.

މިދިޔަ އަހަރު މިޝީ ވަނީ އޭނާގެ ހަޔާތުގެ ތަޖުރިބާތަކުގެ މައްޗަށް ފޮތެއް ވެސް ލިޔެފަ އެވެ. "ޒިފާނީ: ޓޫ މަދާސް. ވަން ޑޯޓާ" ނަމަކަށް ކިޔާ މި ފޮތް އޭނާ ތަހުސީސްކޮށްފައި ވަނީ އޭނާގެ ދެ މަންމައިންނަށެވެ.

އަމިއްލަ އައިޑެންޓިޓީއަށް ކުއްލިއަކަށް އައި އިންގިލާބުން އޭނާއަށް ކުރެވުނު އިހްސާސްތައް ވެސް މިޝީ ބީބީސީ އަށް ކިޔައިދިނެވެ.

"އަހަރެން އެންމެ ފުރަތަމަ ޒިފާނީ ދެކެ ވަރަށް ނަފުރަތުވި. އޭނާ އަހަރެންގެ ހަޔާތަށް އައީ ދައުވަތު ދިނުމަކާ ނުލާ ކުއްލިއަކަށް ގަދަބާރުން. އެކަމުގެ ސަބަބުން އަހަންނަށް ވަރަށް ގިނަ ވޭނާއި ހިތްދަތިކަން ލިބުނު. ނަމަވެސް މިޝީގެ އަސްލަކީ ހަގީގަތުގައި ޒިފާނީ. އެހެންވީމާ މިހާރު މި ދެ އައިޑެންޓިޓީ އާއެކު އުޅެން އަހަރެން ދަސްކޮށްފިން. މިހާރު އަހަރެންނަށް ޒިފާނީ އޭ ނުވަތަ މިޝީ އޭ ކިޔާފައި ގޮވިޔަސް މައްސަލައެއް ނެތް،" މިޝީ ބުންޏެވެ.