ރާއްޖެ ކުޅިވަރު

ސުޒޭނުގެ ބަހުގެ ހަމަލާތަކަށް ސާންތީ ރައްދުދީފި

Sep 21, 2015

ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި މާޒިޔާ އާއި އީގަލްސް މިއަދު އެއްވަރުވި މެޗަށް ފަހު ދެ ޓީމުގެ ކޯޗުން އެކަކު އަނެކަކަށް ރައްދުދީފި އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗު އަލީ ސުޒޭން ބުނީ މެޗުގައި އީގަލްސް ފުޓްބޯޅަ ކުޅެން ނޫޅޭ ކަމަށެވެ.

"400 މޭލު ދަތުރުކޮށްފައި (އައްޑޫ އަށް) އައިސް ފުޓްބޯޅަ ކުޅެން އުޅޭތަނެއް ނުފެނޭ. މީގެ ސަބަބުން މިއަދުގެ މެޗު ސަޕޯޓަރުންނަށް ކަމުނުދާ މެޗަކަށްވީ. ފުރަތަމަ މިނިޓުން ފެށިގެން ވެސް )އީގަލްސް) ލަސްކުރަން އުޅުނީ. )އީގަލްސް) ކީޕަރު ބޯޅަ ބައިންދާނެ ތަން ނޭނގިގެން ދެތިން ފަހަރަށް އިށީދެލާފަ ބޯޅަ މި ބައިންދަނީ. ފަސްޓް ޑިވިޝަން ޓީމެއްގެ ކީޕަރަށް ބޯޅަ ބައިންދާނެ ތަން ނޭނގުނީމަ އެދެން ތަނަކޮޅެއް ބޮޑުވަރު. އެހެންވީމަ މިވަރުގެ މެޗަކަށް (ނިސްބަތްކޮށް) ފުޓްބޯޅަ މެޗަކާ ބެހޭ ގޮތުން ސުވާލުކޮށްލީމަ ވެސް ކުޑަކޮށް ޖޯކު. މާޒިޔާ އަށް އޮތް ޑްރޯކޮށްލައިގެން (ގްރޫޕުގެ) އެއްވަނަ އަށް ދެވެން. އެކަމަކު އެގޮތަކަށްނޫން މާޒިޔާ ކުޅުނީ،" މެޗަށް ފަހު ސުޒޭން ބުންޏެވެ.

އެ ވާހަކަތަކަށް ރައްދުދެމުން އީގަލްސްގެ ކޯޗު އިހުސާން އަބުދުލްގަނީ (ސާންތީ) ބުނީ އޭނާގެ ޓީމު ކުޅެންޖެހޭނީ މާޒިޔާގެ ކޯޗު ބޭނުންވާ ގޮތަށް ނޫން ކަމަށެވެ.

"އީގަލްސް ކުޅޭނީ އީގަލްސް ކޯޗު ބޭނުންވާ ގޮތަށް. މާޒިޔާ ކޯޗު ބޭނުންވާ ގޮތަކަށްނޫން. ތެދެއް އަޅުގަނޑުމެން ލަސްކުރިން. އެއީ އަޅުގަނޑުމެންގެ މިއަދުގެ ޓެކްޓިކްސް. އަޅުގަނޑުމެން ނުކުތީ އެއް ޕޮއިންޓް ނަގަން. އެކަން ކުރިން. ދެން މީގައި ފާހަގަކޮށްލަން ޖެހޭ ކަމަކީ މާޒިޔާއާއެކު (އޭނާ ކޯޗުކަމާ ހަވާލުވިފަހުން) އީގަލްސް މިކުޅުނީ ހަތަރު މެޗު. އަދި މާޒިޔާ އަށް އީގަލްސް ބަލިނުކުރެވޭ. އެހެންވީމަ އެކަން ފަހުރުވެރިކަމާއެކު ފާހަގަކުރަން. އެއީ ގައުމީ ޓީމުގެ 12 ކުޅުންތެރިން ތިބި ޓީމަކާ ދެކޮޅަށް ކުޅެގެން ހަތަރު މެޗުން ބަލިނުވެ ހިފަހައްޓާލުމަކީ ފަސޭހަ ކަމެއްނޫން. ދެން ގައުމީ ޓީމު 12 ކުޅުންތެރިން ތިބި ޓީމަކާ ދެކޮޅަށް ކުޅޭއިރު ލަސްކުރަންވެސް ޖެހޭނެ. އެއީ އީގަލްސްގެ މިތިބީ އެފެންވަރުގެ ތިނެއް ނޫނީ ހަތަރު ކުޅުންތެރިން،" ސާންތީ ބުންޏެވެ.

ސެމީ ފައިނަލުގައި މާޒިޔާ ކުޅެން ޖެހޭނީ ހދ. ކުޅުދުއްފުށީގައި ކުޅޭ ގްރޫޕް އޭގެ ދެ ވަނަ ޓީމާ އެވެ. އީގަލްސް ކުޅޭނީ އެ ގްރޫޕުގެ އެއްވަނަ ޓީމާ އެވެ. އެ ގްރޫޕުން މަހިބަދޫ ކަޓައި ނިއު ރޭޑިއަންޓް ސެމީ އަށް ހޮވިފައިވާއިރު ސެމީގެ ފަހު ޖާގަ ލިބޭ ޓީމާއި ގްރޫޕުގެ އެކެއް އަދި ދެ ވަނަ ޓީމު ޔަގީންވާނީ މާދަމާ ހަވީރު ބީޖީ އާއި ޓީސީ ކުޅޭ މެޗު ނިމުމުންނެވެ.