ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މާފުށި

ހަރަކާތްތެރި އިގްތިސޯދު މާފުށި، ފަޅުވެފައި

މާފުއްޓަކީ މުޅި އަހަރަށް ބަލާނަމަ ރިސޯޓެއްގައި އުޅޭ ވަރަށް ކޮންމެ މަހަކު ވެސް ޓޫރިސްޓުން ތިބޭ ރަށެކެވެ. ޓޫރިސްޓުން ކޮންމެ ދުވަހަކު ވެސް އެތައް ލައްކަ ރުފިޔާއެއްގެ ވިޔަފާރި އެ ރަށުގައި ކުރެ އެވެ. ޓޫރިސްޓުން މުޅި އަހަރު ދުވަހުގެ ތެރޭގައި ތިބޭތީ ރަށު ތެރެއިން އަބަދު ވެސް ފެންނާނީ ހިނގަހިނގާ އޮންނަ ބޮޑު ވިޔަފާރި އެކެވެ. ރަށް ސިފަވާނީ ބޮޑު ކާރުހާނާއެއްގެ ސިފައިގަ އެވެ. ރޭގަނޑު ވެއްޖެނަމަ ބާބެކިއުތަކާއި ކެއުމުގެ ސުފުރާތައް ބީޗުގައި އަތުރާލައި "ކެންޑަލް ލައިޓް ޑިނާ" ތައް ފެށިގެންދެ އެވެ. ދުވާލު ސޭންޑް ބޭންކް ދަތުރުތަކާއި މޫދު ކުޅިވަރުގެ ހަރަކާތްތަކުން ރަށުގެ އަތިރިމަތި ބިޒީކޮށްލަ އެވެ. އަވިން "ފެންވަރަން" ތިބޭ ޓޫރިސްޓުންނާއެކު ބިކިނީ ބީޗް ފުރާލަ އެވެ.

އެހެންވެ ކޮންމެ ދުވަހަކީ ވެސް މާފުއްޓަށް ބޮޑު އީދު ދުވަހެކެވެ. ނަމަވެސް ކޮވިޑް-19 ރާއްޖޭން ފެނި، މާޗު މަހު ގެނައި ލޮކްޑައުންގައި އެއާޕޯޓް ބަންދުކޮށް ޓޫރިސްޓުން އައުން ހުއްޓުމާއެކު މުޅި ރަށުގައި ބޮޑު ބަންދެއް އެޅުވިއްޖެ އެވެ. އެހެންވެ، ރަށު ތެރެއިން މިހާރު ފެންނަނީ ފަޅު ކަމެވެ. ކުރިން މީހުނާއެކު ފުރާލާފައި އޮންނަ މާފުށީ ބީޗު މިހާރު ފަޅު ފިލުވަނީ ހޮރު ތަކުން ނުކުމެގެން ދުވެ ނަގާ ކިރު ކަކުންޏާއި ބަރަވެއްޔެވެ.

"ރަށު ތެރެ ވަރަށް ފަޅު. މިހާރު ހީވަނި ބޮޑު އީދެއް ނިމިގެން ހުސްވެފައިވާ ރަށެއްހެން. އީދު އައުމުން ރަށުތެރެ ހަލުބޮލިވާ ގޮތަށް ކޮންމެ ދުވަހަކީ ވެސް މާފުއްޓަށް އީދެކޭ ބުނެވިދާނެ. އެކަމަކު މިހާރު ކުރާނެ އެއް ކަމެއް ވެސް، މަގެއްގެ މަތިން މީހަކު ވެސް ނުފެނޭ. ވަރަށް ބޮޑު ފަޅުކަމެއް މިއީ،" މާފުށީގައި މޫދު ކުޅިވަރާއި ޑައިވިންގެ ހިދުމަތްދޭ އެންމެ ފުޅާކޮށްދޭ މާފުށީ ޑައިވް އިން ވާހަކަ ދެއްކި އިސްވެރިއަކު ވިދާޅުވި އެވެ.

ރާއްޖޭގެ ގެސްޓްހައުސް ނުވަތަ ރަށު ޓޫރިޒަމް ވިޔަފާރީގެ ރަސް ރަށް ކަމަށްވާ މާފުށީގެ އިކޮނޮމީގެ 99 ޕަސެންޓް ހިއްސާވަނީ ރަށަށް އަރާ މީހުންނަށް ދޭ ހިދުމަތް ތަކުގެ މައްޗަށެވެ. އެ ރަށުގައި ދެ ދޯންޏެއް މަހަށް ދާން ހާއްސަވެފައި އޮތް ނަމަވެސް ގިނަ މީހުން ކުރާ މަސައްކަތަކީ ޓޫރިޒަމް ވިޔަފާރި އެވެ. ރަށުގައި ތެރޭގައި ކުރުނބާ ވިއްކާ މީހާ ވެސް އެކަން ކުރަނީ ޓޫރިސްޓުން ދާތީ އެވެ. އެހެންވެ ކޮންމެ ދުވަހަކު ކައިރި ރަށްރަށުން ކުރުނބާ އޮޑި ފަހަރު ރަށަށް ލަފަ އެވެ. އެ ރަށުގައި ކުދި ކުޅަ ޕެކެޓެއް ވިއްކިއަސް އެވެސް ގަންނަނީ ޓޫރިސްޓެވެ.

ނަމަވެސް މިހާރު އޮތް ހާލަތުން އެ ރަށް ވެއްޓިފައިވާ ވަޅުގަނޑާއެކު މީގެ ދެމަސް ކުރިން ދުޅަހެޔޮކޮށް އޮތް މާފުށީގެ އިކޮނޮމީ ވަނީ އަނަރޫފަވެފަ އެވެ. ކުރިން އެއް ލާރި ދެރާލިއަށް ހަދައި ފައިސާ ވިއްސައި ގިނަ ކުރަމުން ދިޔަ ކުދި އަދި މެދުފަންތީގެ ގިނަ ވިޔަފާރިތައް ހަތަރުއަނގޮޅިއެއްގެ ކަންމަތީގައި މިހާރު ތިބީ ހުއްޓިފަ އެވެ. ޓޫރިސްޓުން އަންނާނެ ކަމަށް ބަލައި ލޯނު ނަގައިގެން ކުރި ބޮޑެތި އިންވެސްޓްމަންޓުތަކުގެ ކުރިމަގާމެދު އެ މީހުން ތިބީ ސުވާލު މާކެއްގެ ތެރޭގަ އެވެ.

"ވަރަށް ގިނަ ފައިސާ މިކަމަށް ހޭދަ ކުރެވިއްޖެ. އެގޮތް މިގޮތުން ލާރިކޮޅު ހޯދައިގެން. އެކަމަކު މިހާރު ސުވާލު އުފެދެނީ އެ ފައިސާ އަނބުރާ ދައްކާނީ ކިހިނެއް ތޯ؟ އަލުން ޓޫރިސްޓަކު އަންނަން ފަށާނީ ކޮން އިރަކުތޯ؟." ލޯނު ނަގައިގެން ގެސްޓްހައުސް އެއް މާފުށީގައި ހުޅުވި ވިޔަފާރިވެރިއަކު ސުވާލު އުފެއްދި އެވެ.

ރަށުން ޓޫރިސްޓުން ފައިބައިގެން ދިއުމާއެކު ގިނަ ބައެއްގެ ވަޒީފާ ގެއްލިފައި ވެއެވެ. އެ ރަށުގައި މަސައްކަތް ކުރި އެހެން ރަށްރަށުގެ ގިނަ ބަޔަކު ވެސް ވަޒީފާ ދޫކޮށް ރަށުން ފައިބައިގެން ހިނގައްޖެ އެވެ.

ޑައިވް އިން ވާހަކަ ދެއްކި ފަރާތުގެ ވާހަކައިން އެނގެނީ އެ މީހުންގެ މާޔޫސްކަން މިހާރު ގޮސް ލާފައި އޮތް ހިސާބެވެ.

"އަޅުގަނޑުމެންގެ މިއީ މި ދާއިރާއަށް ޒުވާނުން ގިނަ އަދަދަށް ނެރޭ ބައެއް. އެ ކުދިން ވެސް މިހާރު ރަށްރަށަށް ހިނގައްޖެ. މިހާރު ތިބީ މި ތަނުގައި ފުލްޓައިމްކޮށް އުޅޭ ކުދިން. އެ މީހުން ވަޒީފާ އިން ވަތްކެއް ނުކުރަން. މުސާރަ ދެން އެބަ. އެކަމަކު މިކަން ވާނެ ގޮތެއް ހަމަ ނޭނގެ. އަޅުގަނޑުމެންނަށް ވީވަރެއް ކުރާނަން،" އޭނާ ވިދާޅުވި އެވެ.

މާފުށީގައި ހާޑްވެއާ ވިއްކާ ފިހާރައަކުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި މި ވަރުގެ ދަށްވުމެއް ދުވަހަކު ވެސް ވިޔަފާރިއަކަށް ނާދެ އެވެ. ދިގުކޮށް ތަފުސީލް ކޮށްދޭނެ ގޮތެއް އޭނާއަކަށް ނޭނގެ އެވެ.

"ކުރިން ދުވާލަކު 10،000ރ. ގެ ވިޔަފާރި މި ތަނަށް [ހާޑްވެއާ ފިހާރަ] އަށްވޭ. އެކަމަކު މިހާރު ދުވާލެއްގެ މައްޗަށް 1،000ރ. ގެ ވިޔަފާރި ކިރިޔާ ވަނީ. އެ ވަރަށް ވެއްޓިއްޖެ މިކަން،"

މާފުށީގެ "އީދު" ދުވަސްތައް ދިއުމުން އަސަރު ކޮށްފައި ވަނީ ހަމައެކަނި ކުދި ވިޔަފާރި ތަކަށް އެކަންޏެއް ވެސް ނޫންނެވެ. އޭގެ ތަދު މާފުށީގައި ޓޫރިސްޓުންނަށް ހިދުމަތްދޭ އެންމެ ބޮޑެތި ވިޔަފާރި ތަކަށް އަދި މާބޮޑެވެ. އެ ރަށުގައި 1500 ކޮޓަރި ހުންނައިރު އެ ހުރިހާ ތަނެއް ވެސް މިހާރު ހުރީ ހުއްޓިފަ އެވެ.

އެންމެ ފުޅާކޮށް މި ވިޔަފާރި މާފުށީގައި ކުރާ ކާނި ހޮޓެލްސްގެ ވެރިޔާ، އަބްދުﷲ ނަސީރު ވިދާޅުވި ގޮތުގައި މި ހާލަތުގައި އެ ކުންފުންޏަށް މަހެއްގެ މައްޗަށް ތިން މިލިއަންނަށް ވުރެ ބޮޑު ގެއްލުން ވަމުންދެ އެވެ.

"ގެއްލުމުގެ ވާހަކަ ދެއްކުމެއް ނެތް. ވަރަށް ބޮޑު ގެއްލުމަކާއި ފަޅުކަމެއް މިއީ. މުޅި ރަށް އޮތީ އެއްކޮށް ހުއްޓިފައި. ރަށުގަ ކުރާނެ އެއް ކަމެއް ވެސް ނެތް މިހާރަކު. ދެން ހަމަ ތިބެނީ،" 300 ކޮޓަރި ހިންގާ، އަބްދުﷲ ވިދާޅުވި އެވެ.

އެ ރަށުގައި މަޝްހޫރު ވެލާނާ ބީޗްގެ ދެ ގެސްޓްހައުސް މެނޭޖުކުރާ ރިސޯޓް ލައިފްގެ ވެރިޔާ މުހައްމަދު ޝާޒް ވަލީދު ވިދާޅުވި ގޮތުގައި މިހާރު އެންމެ ބޮޑު ގެއްލުމެއްވާނެ އެއް ބަޔަކީ ގެސްޓްހައުސް ވިޔަފާރިތަކެވެ. އަދި އެ ގެއްލުން މުޅިރާއްޖެ އަށް ވާނެ އެވެ.

"އަޅުގަނޑުމެންވާނެ ރާއްޖެއަށް އެންމެ ގިނައިން ގެސްޓްހައުސްތަކަށް މީހުން ގެންނަ އެއް ކުންފުންޏަށް. މި ވިޔަފާރީގެ 42 ޕަސެންޓް ހިއްސާ ވާނެ. މިވަރުގެ ގެއްލުމެއް ދުވަހަކު ވެސް ނުވޭ. ހަމަ އެއްކަމެއް ވެސް ނެތް،" ރަޝިޔާ ރީޖަން އިން ރާއްޖެއަށް މީހުން ފޮނުވަން ޔުކްރެއިންގައި އޮފީސް ހިންގާ ކުންފުނީގެ ވެރިޔާ ވިދާޅުވި އެވެ.

"ގެއްލުންވާތީ ދެ ގެސްޓްހައުސް ވެސް ބަންދުކޮށްފިން. މިހާރު ބެލެވޭ ގޮތުގައި އަވަހަކަށް ނުހުޅުވޭނެ. ސަރުކާރުން ވެސް މި ފެންނަނީ 'ފޯލްސް ހޯޕް' ދޭތަން. އަޅުގަނޑު އަޑު އެހިން މަޖިލީހުގައި މެންބަރަކު ވިދާޅުވަނިކޮށް ނޮވެބަރުގަ ގެސްޓުން އަންނާނެއޭ. ހިއެއް ނުވޭ އެކަން ވާނެ ހެނެއް. އެންމެ އަވަހަށް ވެސް ގެސްޓުން ގެނެވޭ ވަރުވާނީ ފެބްރުއަރީ މަސް ހިސާބު،" ވަލީދު ވިދާޅުވި އެވެ.

ސަރުކާރުން ވަނީ ގެސްޓްހައުސްތަކަށް ޓޫރިސްޓުން ގެންނަން އޮގަސްޓް މަހު ހުޅުވާލަން ޕްލޭން ކޮށްފަ އެވެ. އެހެންވެ މި ވިޔަފާރި ކުރާ ފަރާތް ތަކުން ހާއްސަކޮށް މުޅި މާފުށި އޮތީ މިކަމުގެ އުންމީދުގަ އެވެ. އެ މީހުންގެ އުންމީދަކީ ވީ އެންމެ އަވަހަށް މާފުށީގެ "ބޮޑު އީދު" އަނބުރާ އައުމެވެ. މާފުއްޓަށް ކިރިޔާ ވެސް ދިރުމެއް ލިބެން އޮތީ ޓޫރިޒަމް ހުޅުވިގެން، މީހުން އެރި ދުވަހަކުންނެވެ.