އިންޑިޔާގެ ކުދި އަވަށްތަކުން ބޮޑެތި ޝަހަރުތަކަށް މަސައްކަތް ކުރުމަށް ހިޖުރަ ކޮށްގެން އުޅުނު އެތައް ބަޔަކު ކޮވިޑް-19 އިގެ ވަބާ އާއި ލޮކްޑައުންގެ ސަބަބުން ވަނީ ހާލުގައި ޖެހިފަ އެވެ. އެތައް ހާސް މޭލެއް ދުރުގައިވާ އަމިއްލަ ރަށަށް ދެވޭނެ ގޮތެއް މިފަދަ މީހުންނަށް ނެތް އިރު ކައިބޮއި ހަދަން ފައިސާއެއް ނެތެވެ. އަދި ދިރިއުޅޭ ތަނަށް ކުލި ނުދެއްކިގެން އެ ތަންތަން ނެރުމުގެ ސަބަބުން ގިނަ ބަޔަކު ވަނީ މަގުމަތިވެފަ އެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް މިފަދަ މީސްމީހުންގެ ވަރަށް ހިތްދަތިވާ ކަހަލަ ވާހަކަތައް އަޑުއިވެ އެވެ.
މިހާރު ލޮކްޑައުންއަށް ކޮންމެވެސް ވަރަކަށް ދޫދީ ރޭލާއި ބަސް ދަތުރުތައް ކުރުމުގެ ހުއްދަ ކޮންމެވެސް ވަރަކަށް ދީފައިވާތީ މި ހުރިހާ މަސައްކަތްތެރިން އެ މީހެއްގެ އަވަށަކަށް އެމީހަކަށް ދެވޭނެ ގޮތް ވަނީ ވެފަ އެވެ. ނަމަވެސް މީގެ އެތައް ދުވަހެއް ކުރިއްސުރެ ފައިމަގުގައި ރަށަށް ދިއުމަށް ދަތުރުކުރާ މީހުން އަދިވެސް ތިބީ ދަތުރުމަތީގަ އެވެ. ބައެއް މީހުންގެ އަތުގައި ކާނެ ބޯނެ އެއްޗެއް ނެތްއިރު ފެންފޮދެއްހާ ހިސާބު ނެތް މީހުން ވެސް މަދެއް ނޫނެވެ. އަދި ވަރުބަލި ފިލުވާލަން ވެސް ބޯހިޔާ ކޮށްލާނެ ތަނެއް ވެސް މި މީހުންނަކަށް ނެތެވެ. އިންޑިޔާގެ ބައެއް ހިސާބުތަކަށް ހޫނު ގަދަކަމުން މި މީހުންގެ ތަކުލީފުތައް އިތުރުވެގެން ގޮސްފައި ވެއެވެ.
އަދި މިއީ މިފަދަ މީހުންގެ ސިއްހަތު ގޯސްވެ ބަލި ހާލު ބޮޑުވާން ދިމާވާ މައްސަލަތަކަކަށް ވަނީ ވެފަ އެވެ. މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއެއްގައި ވެސް ފެންނަނީ މިފަދަ ހިތްދަތި މަންޒަރެކެވެ. މި ފޮޓޯގައި ފެންނަނީ ރެއިލްވޭ ސްޓޭޝަނެއްގެ ތެރޭގައި މަރުވެގެން ވެއްޓިފައި އޮތް އަންހެނެކެވެ. އޭނާގެ ކައިރީގައި އޭނާގެ ތުއްތު ދަރިފުޅަކު ކުޅެން އިންދާ ފެނެ އެވެ. އަދި ބައެއް ފަހަރަށް މަންމަ ހޭލައްވަން ކުއްޖާ މަސައްކަތްކުރާ ތަން ވެސް މި ވީޑިއޯގައި ފެނެ އެވެ.
މި ވީޑީއޯ ޓުވީޓްކޮށްފައިވަނީ އިންޑިޔާގެ ސިޔާސީ ޕާޓީއެއްގެ ލީޑަރެއް ކަމަށްވާ ސަންޖޭ ޔާދަވް އެވެ.
"މި ތުއްތު ކުއްޖާއަކަށް ނޭނގޭ އޭނާ އެ ކުޅޭ ފޮތިގަނޑަކީ އޭނާގެ މަންމަގެ މަރުވެފައިވާ މަސްގަނޑުގައި އަޅާފައި އޮތް ކަފުން ކަމެއް. މި މަންމަ މަރުވެފައި ވަނީ ހަތަރު ދުވަސްވަންދެން ނުކައި ނުބޮއި ހުންނަން ޖެހުމުން ބަނޑުހައި ވެގެން ގޮސް،" މި ވީޑިއޯ އާއެކު ޓުވީޓްކޮށްފައިވާ މެސެޖުގައި ވެއެވެ.
މި ޚަބަރުގައިވާ ގޮތުން މިއީ ބިހާރް ސްޓޭޓްގެ މުޒައްފަރްނަގަރްގެ ރޭލްވޭ ސްޓޭޝަނެއްގެ މަންޒަރެކެވެ. މިތަނަށް 23 އަހަރުގެ މަންމަ އޭނާގެ ތުއްތު ދަރިފުޅު ގޮވައިގެން އައިސްފައި ވަނީ ހިޖުރަ ކޮށްފައިވާ މަސައްކަތްތެރިންނަށް ޚާއްސަކޮށް ބޭއްވި ރޭލެއްގަ އެވެ.
މަރުވި އަންހެންމީހާގެ އާއިލާ އާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން ކާން ބޯން ނުލިބުމުގެ ސަބަބުން ރޭލުގައި އިން އިރުވެސް އަންހެންމީހާ ވަރަށް ބައްޔެވެ. އެހެންވެ މަންޒިލަށް ނުދެވި މަރުވެގެން ވެއްޓުނީ އެވެ.
އަންހެންމީހާގެ މަރުވެފައިވާ ހަށިގަނޑު ރޭލްވޭ ސްޓޭޝަންގެ ބިންމަތީގައި އޮތްއިރު އޭނާގެ ދަރިފުޅު އިރުއިރުކޮޅާ އޭނާ ހޭލައްވަން އުޅޭ މަންޒަރު ފެނެ އެވެ. އަދި ތަންކޮޅެއް ބޮޑު ކުއްޖެއް އެ ކުއްޖާ ދުރަށް ލާން އަތުގައި ހިފާ ދިމާތަން ވެސް ވީޑިއޯގައި ފެނެ އެވެ.