ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގެ ސަބަބުން ކައުންސިލް އިންތިހާބު ނުބޭއްވޭތީ އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ތިބެވޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަތުމަށް ރޭ ނެގި ވޯޓްގައި އެމްޑީޕީގެ ވިޕްލައިނާ ހިލާފުވި މެންބަރުންގެ މައްސަލަ ބަލާނެ ކަމަށް އެޕާޓީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލަތް) ހުށަހަޅުއްވާފައިވާ ބިލް ބަލައިގަތުމަށް އެމްޑީޕީން ވަނީ ތްރީލައިންވިޕެއް ނެރެފައެވެ. ނަމަވެސް އެމްޑީޕީގެ ހަތަރު މެންބަރަކު މަޖިލީހުގައި ތިއްބަވާ އެ ބިލް ބަލައިގަތުމަށް ވޯޓް ދެއްވާފައެއް ނުވެއެވެ.
އެއީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއާ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދާއި މަޑަވެލީ ދާއިރާގެ މެމްބަަރު ހުސައިން ފިރުޝާންގެ އިތުުރުން އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދުއެވެ.
މީގެ ކުރިންވެސް ޕާޓީތަކުން ނެރޭ ތްރީލައިން ވިޕްތަކާ ދެކޮޅަށް ވޯޓްދޭ މެންބަރުންނަށް ފިޔަވަލު އަޅައެވެ. އެމްޑީޕީގެ ވިޕް ބްރޭކްކުރި މެންބަރުންނަށް ފިޔަވަޅު އެޅުމާ ގުޅޭގޮތުން ސުވާލު އުފައްދާ ވަރަށް ގިނަ ބަޔަކު ދިޔައީ މިއަދު ސޯޝަލް މީޑިއާގައި ވާހަކަ ދައްކަމުންނެވެ.
މަޖިލީހުގެ ކުރީގެ ނާއިބް ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވީ މަންޒަރު ވަރަށް ސާފު ކަމަށާ އެމްޑީޕީގެ ވިޕްލައިނަކީ ބޯލަބަންޖެހޭ އެއްޗެއް ނޫން ކަމަށެވެ. މިހާތަނަށްވެސް މެންބަރުން ވިޕްނައިނާ ހިލާފުވެފައިވާ ކަމަށްް އޭނާ ވިދާޅުވިއެވެ.
މޫސަގެ އެ ވާހަކަތަކަށް ރައްދުދެއްވާ އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވީ މޫސަ އެހެން ވިދާޅުވިނަމަވެސް މައްސަލަވެސް ބަލާނެ ކަމަށާ ގަވާއިދާ އެއްގޮތަށް ފިޔަވަޅުވެސް އަޅާނެ ކަމަށެވެ. އަދި އެއީ އެމްޑީޕީކަން މޫސައަށް އާޒިމް ހަނދާންކޮށްދެއްވިއެވެ.
އާޒިމްގެ އެ ވާހަކަތަކަށްވެސް މޫސަ ވަނީ ރައްދު ދެއްވާފައެވެ. މޫސަ ވިދާޅުވީ އެމްޑީޕީއަކީ މީހެއްގެ ވަށައިގެން އެނބުރޭ އެއްޗެއް ކަންވެސް އެނގިވަޑައިަންނަވާ ކަމަށެވެ. ޕާޓީގެ ވަރަށް ގިނަ އިސް މަގާމުތަކެއް ފުރުއްވާފައިވާނެ ކަމަށާ ނަމަވެސް އެމްޑީޕީން ހަމަޔާ އުސޫލުތަކުގެ ތެރެއިން ކަންކަން ކޮށްފައިނުވާ ކަމަށެވެ.