ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޅިވަރު

އިނގިރޭސި ލީގް 17 ގައި، އިޓަލީ ލީގް 20 ގައި

ކޮރޯނާ ވައިރަސް އާ ގުޅިގެން ލީގް މެދުކަނޑާލިތާ ތިން މަސް ފަހުން، އިނގިރޭސި ޕްރިމިއާ ލީގާއި، އިޓަލީގެ ސޭރީ އޭ ފަށާނެ ތާރީހް އިއުލާން ކޮށްފި އެވެ.

އިއްޔެ ޕްރިމިއާ ލީގްގެ ކުލަބުތަކުން މަޝްވަރާ ކުރުމަށް ފަހު އެއްބަސް ވެފައި ވަނީ، އަންނަ މަހުގެ 17 ގައި ލީގް ފަށާށެވެ. އިޓަލީ ލީގަށް ހުއްދަ ދީފައި ވަނީ އަންނަ މަހުގެ 20 ގައި ފަށާށެވެ.

އިނގިރޭސި ލީގުން ނެރެފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުން ޖޫން 17 ގައި ލީގްގައި ދެ މެޗު ކުޅޭނެ އެވެ. އެ ދުވަހު ކުޅޭނީ އެސްޓަން ވިލާ އާއި ޝެފީލްޑް ޔުނައިޓެޑްގެ މެޗު އަދި މެންޗެސްޓާ ސިޓީ އާއި އާސެނަލްގެ މެޗެވެ. އެ ދެ މެޗަށް ފަހު ލީގްގެ 20 ކުލަބަށް ވެސް 29 މެޗު ކުޅެވުނީ އެވެ. އެއަށްފަހު ލީގްގެ 30 ވަނަ ބުރުގެ މެޗުތައް އޮންނާނީ ޖޫން 19 އިން 21 ށެވެ.

ލީގްގެ އެއް ވަނައިގައި ލިވަޕޫލް އޮތީ 25 ޕޮއިންޓްގެ ބޮޑު ލީޑަކާއެކު އެވެ. ލީގް އަލުން ހޯދަން އެ ޓީމަށް އެންމެ ގިނަ ވެގެން ވެސް ބޭނުން ވަނީ ހަ ޕޮއިންޓެވެ. ލީގް އަލުން ފަށާ ދުވަހު، އާސެނަލް އަތުން ދެ ވަނައިގައި އޮތް ސިޓީ ބަލި ވެއްޖެނަމަ. ގޫޑިސަން ޕާކްގައި ވާދަވެރި އެވަޓަން އާ ދެކޮޅަށް ލިވަޕޫލް ކުޅޭ މެޗުން މޮޅުވެ ލިވަޕޫލަށް ޕްރިމިއާ ލީގް ޗެމްޕިއަންކަން ހޯދޭނެ އެވެ.

ލީގް އަލުން ފެށުމަށް ތައްޔާރު ވުމުގެ ގޮތުން، ޕްރިމިއާ ލީގުން ވަނީ ޓީމުތަކުގެ އޮފިޝަލުންނާއި ކުޅުންތެރިން ވެސް ޓެސްޓް ކޮށްފަ އެވެ. އެގޮތުން ޕްރިމިއާ ލީގްގެ 2752 ޓެސްޓް ހެދިއިރު 12 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓްވް ވެފަ އެވެ.

ކޮރޯނާ ވައިރަސްގެ އަސަރު އެންމެ ބޮޑަށް ކުރި ޔޫރަޕްގެ ގައުމަކީ އިޓަލީ އެވެ. އެ ގައުމުން ވެސް ދަނީ ހާލަތުން އަރައިގަނެ އަލުން ލީގް ފެށުމަށް ވާން ޖެހޭ ތައްޔާރޯތައް ވަމުންނެވެ. އިޓަލީގެ ފުޓްބޯޅައިގެ އިސްވެރިންނާއެކު ބޭއްވި ކޮންފަރެންސް ބައްދަލުވުމުގައި އިޓަލީގެ ސްޕޯޓްސް މިނިސްޓަރު ވިންސެންޒޯ ސްޕަޑަފޯރާ ވަނީ، ލީގް ޖޫން 20 ގައި ފެށުމާ މެދު ސަރުކާރުގެ އިއުތިރާޒެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

އިޓަލީގެ ފުޓްބޯޅަ ފެޑްރޭޝަންގެ ރައީސް ގެބްރިއޭލޭ ގްރެވީނާ ވިދާޅުވެފައި ވަނީ، އަލުން ލީގް ފެށުމަށް ފަހު، ލީގްގެ ތެރެއިން ކޮވިޑް-19 ގެ ކޭސްއެއް ފެންމަތި ވެއްޖެނަމަ، އިތުރަށް ލީގް ކުރިއަށް ގެންދިއުމަށް އެކުލަވާލަފައިވާ ޕްލޭންތަކެއް ހާމަ ކުރައްވާފަ އެވެ.

އެގޮތުން ލީގްގެ ޗެމްޕިއަން ޓީމާއި، ޔޫރަޕްގެ މުބާރާތްތަކަށް ކޮލިފައިވާ ޓީމުތައް ކަނޑައެޅުމަށާއި ރެލިގޭޓްވާ ޓީމުތައް ކަނޑައެޅުމަށް ޕްލޭއޮފް ސިސްޓަމަށް މެޗުތަކެއް ކުޅުމަށް ވަނީ ރާވާފަ އެވެ. ލީގްގެ އެއް ވަނައިގައި އޮތީ ޔުވެންޓަސް އެވެ.

ޔޫރަޕްގެ ވަރުގަގަދަ ހަތަރު ލީގްގެ ތެރެއިން، އެންމެ ފުރަތަމަ ފެށީ ޖަރުމަން ބުންޑެސް ލީގާ އެވެ. އެ ލީގްގެ ކުޅުން މި މަހުގެ 16 ގައ ވަނީ ފަށާފަ އެވެ. ސްޕެއިންގެ ލަލީގާގެ ކުޅުން އަންނަ މަހު 11 ގައި ފެށުމަށް ވަނީ ނިންމާފަ އެވެ.