ލައިފްސްޓައިލް

ޑޮކްޓަރަކާއި ނަރުހެއް އެމީހުން މަސައްކަތްކުރާ ހޮސްޕިޓަލުގައި ކައިވެނިކޮށްފި

އިންޓަނެޓުގައި މިހާރު އެންމެ ގިނަ ބައެއްގެ ސަމާލުކަމާއި ތައުރީފު ލިބިފައިވާ ވީޑިއޯއަކީ އެއް ހޮސްޕިޓަލެއްގައި މަސައްކަތް ކުރަމުންދާ ޑޮކްޓަރަކާއި ނަރުހެއްގެ ކައިވެނީގެ ވީޑިއޯ އެކެވެ. ޖެން ޓިޕިން، 34، އާއި އެނަލަން ނަވަރަތުނަމް، 30، އަކީ ލަންޑަންގެ ސެން ތޯމަސް ހޮސްޕިޓަލުގައި މަސައްކަތްކުރާ ދެ މީހުންނެވެ.

މި ދެ މީހުން ކައިވެނި ކުރަން ހަމަޖައްސާފައި އޮތީ އަންނަ އޮގަސްޓް މަހު ލަންޑަންގަ އެވެ. ނަމަވެސް ކޮރޯނާވައިރަހުގެ ވަބާގެ ސަބަބުން އެ ދުވަސްވަރު ކައިވެނި ކުރަން އުނދަގޫ ވާނެކަން އެނގޭތީ ކައިވެނި އަވަސް ކުރީ އެވެ. އެމީހުން ކައިވެނި އަވަހަށް ކުރަން ނިންމީ އޮގަސްޓަށް ފަސް ކުރިޔަސް އަޔަލެންޑާއި ޝްރީލަންކާގައި ތިބި އެ މީހުންގެ އާއިލާގެ މެމްބަރުންނަށް އެ ކައިވެނީގައި ބައިވެރި ވެވޭނެ ގޮތެއް ނެތް ކަން ޔަގީންވާތީ އެވެ.

އެހެންވެ ކައިވެނީގެ ހުއްދައަށް އެދުމުން ވަރަށް ފަސޭހައިން ހުއްދަ ވެސް ލިބޭ ގޮތް ވުމުން ކައިވެނި ކުރީ އެވެ. މި ކައިވެނީގެ ރަސްމިއްޔާތުގައި ބައިވެރިވީ ކައިވެނި ކޮށްދިން މީހާ އާއި އިތުރު ދެ ހެކިންނާއި ކައިވެނިކުރި ދެ މީހުން އެކަންޏެވެ. މި ދެ މީހުންގެ އާއިލާގެ މީހުން ކައިވެނީގެ ރަސްމިއްޔާތު ބެލީ އެމީހުންގެ ގައުމުތަކުގައި ތިބެގެން ވީޑިއޯ މެދުވެރިކޮށެވެ.

މި ދެ މީހުންގެ ކައިވެނި އޮތީ މިދިޔަ މަހު ނަމަވެސް ހޮސްޕިޓަލުން މި ކައިވެނީގެ ވާހަކަ ސޯޝަލް މީޑިއާގައި ޝެއާ ކުރީ ދާދި ފަހުންނެވެ.

"ސެން ތޯމަސްގެ ޑޮކްޓަރަކާއި ނަރުހެއްގެ ކައިވެނި ކޮރޯނާވައިރަހުގެ ސަބަބުން ކެންސަލް ކުރަން ޖެހުމުން އެމީހުން ވަނީ ކައިވެނި އަވަސްކޮށް ވަރަށް އާދައިގެ ރަސްމިއްޔާތެއްގައި ކައިވެނިކޮށްފައި،" ހޮސްޕިޓަލުގެ ބަޔާނުގައި ބުނެފައި ވެއެވެ.

ނާސް ޖެން ޓިޕިން ބުނީ އެމީހުން ކައިވެނި އަވަސް ކޮށްލީ ސިއްހަތު ސަލާމަތުން ތިއްބާ އެކަން ކުރަން ބޭނުންވާތީ ކަމަށެވެ. ކޮރޯނާވައިރަހުގެ ނުރައްކާ ބޮޑު ކަމުން އެ ދެ މީހުންނަށް ވެސް ސަލާމަތް ސިއްހަތެއްގައި ތިބެވޭނީ ކިހާ ދުވަހެއްގައި ކަމެއް ނޭނގޭތީ އެވެ. ވީޑިއޯގެ ޒަރިއްޔާއިން އާއިލާގެ މީހުންނަށް ވެސް ކައިވެނި ކުރި މަންޒަރު ބެލުމުގެ ފުރުސަތު ލިބި އެ ކައިވެނީގައި ޝާމިލު ވެވުނީތީ އެމީހުން ތިބީ އުފަލުންނެވެ.

ޖެން އަކީ އެމްބިއުލެންސްގައި މަސައްކަތްކުރާ އިމަޖެންސީ ނާސް އެކެވެ. އަދި ސްރީލަންކާއަށް އުފަން ޑރ. ނަވްރަތުނަމް އަކީ އެކިއުޓް މެޑިކަލް ރެޖިސްޓްރާރް އެކެވެ. ދެ މީހުން އެ ހޮސްޕިޓަލުގައި މަސައްކަތްކުރާތާ ހައެއްކަ އަހަރު ވެފައިވާ ކަމަށް ޖެން ބުންޏެވެ.