ބާސެލޯނާ

ފަސް ކުޅުންތެރިންގެ ބަދަލުން ބާސާއަށް ގެއްލުން

ކޮރޯނާ ވައިރަސްއާ ގުޅިގެން ނިއު ނޯމަލް ހާލަތުގައި ފުޓްބޯޅައިގެ ގަވާއިދަށް އިތުރު ކޮށްފައިވާ، ފަސް ކުޅުންތެރިންގެ ބަދަލުން އެފްސީ ބާސެލޯނާ އަށް ގެއްލުން ވާނެ ކަމަށް އެ ޓީމުގެ ކޯޗް ކީކޭ ސެޓިއެން ބުނެފި އެވެ.

ކޮރޯނާ ވައިރަހަށް ފަހު އަލުން ފުޓްބޯޅަ ފަށާއިރު ކައިރިކައިރީގައި މެޗުތައް ކުޅެން ޖެހެތީ ކުޅުންތެރިންނަށް ކުރިމަތި ވެދާނެ އަނިޔާ ކުޑަ ކުރުމަށް، ވަގުތީ ގޮތުން ފަސް ކުޅުންތެރިންގެ ގަވާއިދެއް ވަނީ އެކުލަވާލާފަ އެވެ. ސެޓިއެން ބުނީ، އޭގެ ސަބަބުން ބާސާއަށް ގެއްލުން ވާނެ ކަމަށެވެ. އޭނާ ބުނީ ގިނަ މެޗުތަކުގައި ބާސާ މޮޅުވެފައި ވަނީ މެޗުގެ ފަހު ވަގުތު ކަމަށެވެ.

"އަހަންނަކަށް ނޭންގެ އެކަމުން އަހަރެމެންނަށް ވާނީ ފައިދާ ކަމެއް ނުވަތަ ގެއްލުން ކަމެއް، އަހަންނަށް ހީ ވަނީ އެކަމުން އަހަރެމެންނަށް ވާނީ ގެއްލުން ހެން،" ލަސް ޕަލަމްސްގެ ސަރަހައްދީ ފުޓްބޯލް ފެޑްރޭޝަނުން ކުރިއަށް ގެންދިޔަ ކޯޗުންގެ އޮންލައިން ކޮންފަރެންސެއްގައި ވާހަކަ ދައްކަމުން ސެޓިއެން ބުންޏެވެ. "އަހަރެމެންނަށް އެނގޭ ވަރަށް ގިނަ މެޗުތަކެއްގައި އަހަރެމެން މޮޅު ވެފައި ހުންނާނީ މެޗުގެ އެންމެ ފަހު ވަގުތު، އިދިކޮޅު ޓީމަށް ފްރެޝްކޮށް ތިބި ފަސް ކުޅުންތެރިން ބޭނުން ކުރުމުގެ ފުރުސަތު ދިނުމުން، އެ ޓީމުގައި ވަރުބަލި ވެފައިވާ ކުޅުންތެރިޔެއްގެ ކިބައިން އަނެއް ޓީމަށް ނެގެން އޮންނަ އެޑްވާންޓޭޖެއް ނުނެގޭނެ."

އޭނާ ބުނީ، އެކަމުން ބައެއް ހާލަތުގައި ފައިދާތަކެއްވެސް ކުރާނެ ކަމަށެވެ. ނަމަވެސް މެޗެއްގައި އެ ހާލަތަކީ ކޮބައިކަން ދެނެގަނެ ވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

ފީފާއިން ވަނީ، ފަސް ބަދަލު ގަވާއިދަށް އަމަލު ކުރުމުގައި ގައުމުތަކަށް އިހްތިޔާރު ދީފަ އެވެ. އެ ގަވާއިދަށް އަމަލު ކުރާނެ ތޯ ނުވަތަ ނޫންތޯ ނިންމާނީ، އެ ގައުމުތަކުގެ ލީގް ތަކުންނެވެ. މި އަންނަ މަހުގެ 11 ވަނަ ދުވަހު ފަށަން ތައްޔާރު ވެފައިވާ ލަލީގާ ގައި ފަސް ކުޅުންތެރިން ބަދަލަށް އަމަލު ކުރާ ގޮތަށް ވަނީ ނިންމާފަ އެވެ.