ކޮވިޑް-19 އަށްފަހު ދުސިތު ތާނީ އިންޓަނޭޝަނަލްގެ ރިސޯޓުތައް "ނިއު ނޯމަލް" ގައި ހުޅުވާނެ ހާއްސަ އުސޫލު ތަކެއް ކަނޑައަޅައިފި އެވެ.
ރާއްޖޭގައި ވެސް ރިސޯޓުތައް ހިންގާ، ދުސިތު ތާނީ އިންޓަނޭޝަނަލް އިން ނިއުނޯމަލްގައި ރިސޯޓުތައް ހުޅުވެންވާއިރަށް އެކުލަވާލާފައިވާ ހާއްސަ އުސޫލުގައި އެންމެ އިސްކަމެއް ދީފައިވަނީ ހިދުމަތް ހޯދަން އަންނަ މެހުމާނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށެވެ.
ތައިލެންޑުގެ އެންމެ ބޮޑު ހޮޓެލް ގްރޫޕު ކަމަށްވާ ތުސިތު ތާނީ އިން ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ ހުރިހާ ޕްރޮޕަޓީތަކަކުން ހިދުމަތް ހޯދާ މީހުންނަށް ސޯޝަލް ޑިސްޓެންސިން އާއި މި ނޫން ވެސް މި ހާލަތުގައި ބަހައްޓަން ޖެހޭ ރައްކާތެރިކަމުގެ މިންގަނޑުތައް ޔަގީން ކުރާނެ އެވެ. މިގޮތުން އެ ކުންފުނީގެ ރިސޯޓު އަދި ހޮޓާތަކުގެ ރެސްޓޯރެންޓް އަދި މި ނޫންވެސް ފެސިލީޓތަކުގައި ސޯޝަލް ޑިސްޓެންސިން ބަހައްޓައިގެން ހިދުމަތް ދެވޭނެ ގޮތަށް ވަނީ ބަދަލު ގެނެސްފަ އެވެ.
ކޮވިޑް-19 އާ ގުޅިގެން ތުސިތު ތާނީ ގްރޫޕުން އެކުލަވާލާފައިވާ "ދުސިތު ކެއާ- ސްޓޭ ވިތް ކޮންފިޑެންސް" ގައި ހާއްސަ ފަސް ކަމެއް ހިމެނެ އެވެ. މީގެ ތެރޭގައި ރައްކާތެރިކަން ޔަގީންކޮށް ދިނުމާއި ލޯކަލް އެކްސްޕީރިއަންސް އަދި ޓެކްނޮލޮޖީ ފަސޭހަތައް ދިނުމުގެ އިތުރުން މި ހާލަތަށް ހާއްސަކޮށް ދުސިތު ކެއާ ކިޓެއް ފޯރުކޮށް ދިނުން ހިމެނެ އެވެ.
މި އުސޫލުތަކުގައިވާ ގޮތުން ތުސިތު ތާނީ ޕްރޮޕަޓީތަކުގައި ތިބޭ ޓޫރިސްޓުންނާއި މުވައްޒަފުންގެ ޓެމްޕަރޭޗާ ގަވާއިދުން ބަލަހައްޓަމުން ގެންދާނެ އެވެ. އަދި ނަގުދު ފައިސާ ބޭނުން ކުރުމުގެ ބަދަލުގައި ފައިސާ ދައްކަން ޓެކްނޮލޮޖީގެ ފަސޭހަތައް ލިބޭނެ އެވެ. އަދި ހާއްސަ ޝެފުންގެ އެހީތެރިކަމާއެކު ސިއްހީ ގޮތުން ރަނގަޅު، ކާނާގެ ބާވަތްތައް ފޯރުކޮށްދޭއިރު، ކޮވިޑް-19 އާ ގުޅިގެން ތައާރަފުކޮށްފައިވާ ރިސޯޓަށް އަންނަ ޓޫރިސްޓުންނަށް ތައާރަފު ކުރި ތުސިތު ތާނީ ކެއާ ކިޓްގައި ހޭޑް ސެނެޓެއިޒާ އާއި ފޭސް މާސްކް ފަދަ ތަކެތި ހިމެނެ އެވެ.
ތުސިތު ތާނީ އިންޓަނޭޝަނަލްއަކީ 1948 ވަނަ އަހަރު އުފަންވި ކުންފުންޏެކެވެ. އެ ކުންފުނިން 14 ގައުމެއްގައި 300 ހޮޓެލް ހިންގަ އެވެ. އެ ކުންފުނިން ރާއްޖޭގައި ތިން ރިސޯޓެއް ހިންގަ އެވެ.