ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މަރަކާ ގުޅިގެން ތުހުމަތުތަކެއް ކޮށްފި

ކެންސަރު ބަލީގެ ފަރުވާ ނުލިބި މަރުވި މީހެއްގެ އާއިލާއިން އައިޖީއެމްއެޗަށް ތުހުމަތުތަކެއް ކޮށްފި އެވެ.

މަރާ ގުޅިގެން އެ އާއިލާގެ ފަރާތުން އަވަސް އަށް މައުލޫމާތު ދިން މީހަކު ބުނީ އޭނާގެ ބޭބެ މަރުވީ ފުވައްމުލަކު ހޮސްޕިޓަލުން އައިޖީއެމްއެޗަށް ބަދަލު ކުރި ފަހުން ފަރުވާއެއް ނުލިބި އަދި އެޑްމިޓްކޮށްފައި އޮންނަތާ ހަ ވަނަ ދުވަހުގެ ރޭ ކަމަށެވެ.

އޭނާ ބުނީ ރާއްޖެ ލޮކްޑައުން ކުރުމުގެ ދެތިން ދުވަހެއް ކުރިން ބޭބެއަށް ވާހަކަ ދެއްކުމުގައި ދަތިތަކެއް ދިމާވެ އޭނާ އުޅުނު ރިސޯޓުގައި ހުރި ޑޮކްޓަރަށް ދައްކާ ފަރުވާ ހޯދި ކަމަށެވެ. އަދި ރިސޯޓުގައި 14 ދުވަސް ހޭދަ ކޮށް ރޯދަ މަސްތެރޭ އެނބުރި ފުވައްމުލަކަށް ދިޔަ ފަހުން ހާލަތު ގޯސްވީ ކަމަށެވެ. އަދި ފުވައްމުލަކު ހޮސްޕިޓަލުގައި ޓެސްޓު ހެދި ކަމަށާއި ނަމަވެސް މާބޮޑު މައްސަލައެއް ނެތް ކަމަށް އެ ހޮސްޕިޓަލުން ފުރަތަމަ ބުނި ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ބުނީ ހާލަތު ސީރިއަސް ކަމަށް ބުނީ އިތުރަށް ހާލު ގޯސްވެ ހެދި ސްކޭނަކަށް ފަހު ކަމަށާއި އޭރު ހަށިގަނޑުގައި އުފެދިފައިވާ ޓިއުމަރެއް ކެންސަރަށް ބަދަލުވެފައިވާ ކަމަށްބުނެ މިމަހުގެ 23 ވަނަ ދުވަހުގެ ރޭ މާލެ ފޮނުވީ ކަމަށެވެ. ނަމަވެސް ފުވައްމުލަކު ހޮސްޕިޓަލުން ގުޅާފައި ފޮނުވި އައިވީ ނޫން އެހެން އެއްވެސް އިތުރު ފަރުވާއެއް އައިޖީއެމްއެޗްގައި ދީފައިނުވާ ކަމަށް އޭނާ ބުންޏެވެ.

"ސްކޭނެއް ހެދި، ކެންސާގެ ދެވަނަ ސްޓޭޖް ކަމަށްވެސް ބުނި. އެކަމަކު އޭގެ ފަހުން އެއްވެސް ބޭހެއް ދީފައެއް ނުވޭ. އައިވީއެއްވެސް ނުގުޅާ. ޓެސްޓުތަކެއް ހަދަން ބުނި އެކަމަކު އެވެސް ނަހަދާ. އަހާލީމަ ބުނީ އެހާ ސީރިއަސް ނޫންވީމަ އާދީއްތަ ދުވަހުންނޭ ހަދާނީ." އޭނާ ބުންޏެވެ.

މިކަމާ ގުޅިގެން އަވަސް އިން އައިޖީއެމްއެޗަށް ގުޅުމުން ބުނީ މިވަގުތު މީޑިއާ މައުލޫމާތު ދޭނެ ބޭފުޅަކު ނެތް ކަމަށާއި އިމެއިލް މެދުވެރިކޮށް ބޭނުންވާ ސުވާލު ފޮނުވުމުން ޖަވާބު ދޭނެ ކަމަށެވެ. ޖަވާބަށް ކިތައް ދުވަސް ނަގާނެތޯ ސުވާލު ކުރުމުން ބުނީ ފަހަރުގައި ތިން ދުވަސް ވެސް ނަގާފާނެ ކަމަށެވެ.