ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ޖެހިގެން ދިވެއްސަކު މަރުވެއްޖެ

ކޮވިޑް ޖެހިގެން ދިވެއްސަކު އަނެއްކާވެސް މަރުވެއްޖެ އެވެ. ކޮވިޑްގައި މަރުވި ކަމަށް ނިންމާފައި ވަނީ ފަރުވާއަށް އިޖީއެމްއެޗްގެ އެމަޖެންސީ ރޫމަށް ގެންދިޔަ މީހަކު މަރުވުމުންނެވެ.

އެޗްޕީއޭ އިން މިއަދު ބުނީ ރޭ ދަންވަރު 2:58 ގައި ފަރުވާ ދިނުމަށް އައިޖީއެމްއެޗުގެ އެމާޖެންސީ ރޫމަށް ގެންދިޔަ 79 އަހަރުގެ ފިރިހެނަކު މަރުވެފައިވާ ކަމަށާއި އޭނާ މަރުވީ ކޮވިޑްގައި ކަމަށް ނިންމާފައިވާ ކަމަށެވެ.

މި މީހާގެ މަރާއެކު ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 27 އަށް އެރީ އެވެ.

އިތުރު މީހަކު މަރުވި އިރު ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް ރިކޯޑް މިންވަރަކަށް އުފުލިފައިވާތާ މަހެއްހާ ދުވަސް ވެއްޖެ އެވެ. ރޭގެ ޓެގް ޓީމުގެ ފަރާތުން ޑރ. އަލީ ލަތީފް ވިދާޅުވީި، ރާއްޖޭގައި ކޮވިޑްގެ ކޭސްތައް އިތުރުވަމުން ދަނީ ކަންބޮޑުވާން ޖެހޭ މިންވަރަށް ކަމަށެވެ. މިދިޔަ ހަފުތާގައި އެކަނިވެސް 980 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި މިއީ ވަރަށް މަތީ ނަންބަރެއް ކަމަށް ވިދާޅުވި އެވެ.

ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެން 162 މީހަކަށް ފަރުވާ ދެމުންދާއިރު 11 މީހަކަށް ފަރުވާ ދެމުންދަނީ އައިސީޔޫގަ އެވެ. އަދި އަށް މީހަކު އޮތީ ވެންޓިލޭޓަރުގަ އެވެ.

ކޮވިޑްގެ ބަލި މީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގައި އެޑްމިޓް ކުރަންޖެހޭ މީހުން އެޑްމިޓް ކުރަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އިތުުރުން ދަރުމަވަންތަ ހޮސްޕިޓަލް (ޑީއެޗް) އެވެ. އެ ހޮސްޕިޓަލްގެ ދެ ފްލޯއެއް ވަނީ ކޮވިޑަށް ހާއްސަކޮށްފަ އެވެ. އެގޮތުން ޑީއެޗްގެ 11 ވަނަ ބުރީގައި ތިބެނީ ކޮވިޑްގެ އެންމެ ހާލު ބޮޑު ބަލި މީހުނެވެ. އެ ފްލޯގައި ގާއިމްކޮށްފައި ވަނީ އައިސީޔޫއެކެވެ. ޑީއެޗްގެ 16 ވަނަ ބުރީގައި ތިބެނީ ކޮވިޑްޖެހޭ މާބަނޑު މީހުނެވެ.

މި ދުވަސްވަރު ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު ދަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވަމުންނެވެ. ރާއްޖޭގެ އަދަދު މިހާރު ވަނީ 6,779 އަށް އަރާފަ އެވެ.