ކެޓްރީނާ ކައިފް

އަލީ އައްބާސް ޒަފަރްގެ އާ ފިލްމުގައި ކެޓުރީނާއަކީ ސުޕަހީރޯ އެއް

ފިލްމު އުފެއްދުންތެރިޔާ އަލީ އައްބާސް ޒަފަރް މިހާރު ވަނީ އޭނާ އަލަށް ފަށަން އުޅޭ ފިލްމުގެ ސްކްރިޕްޓް ލިޔެ ނިންމާލާފަ އެވެ. އޭނާ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް ކުރީ ދެހެރާދޫންގައި ހުންނަ އޭނާގެ އާ ބަންގްލޯގައި މައިންބަފައިންނާއެކު ހުރެގެންނެވެ.

އަލީ ބުނި ގޮތުގައި މި ފިލްމުގެ ބަތަލާ އަކީ ކެޓުރީނާ ކައިފް އެވެ. އަދި ކެޓުރީނާ މި ފިލްމުގައި ކުޅޭނީ ސުޕަހީރޯ ކެރެކްޓާ އެކެވެ. ލޮކްޑައުން ނިމި ޝޫޓިންގްތައް ފެށުމުގެ ހުއްދަ ލިބޭ ހިސާބުން ފިލްމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް ކުޅަދާނަ ޑައިރެކްޓަރު ބުންޏެވެ.

ޑައިރެކްޓަރު ބުނި ގޮތުގައި ޝޫޓިން ފެށުމުގެ ކުރިން ވެސް ކުރަން ޖެހޭ ވަރަށް ގިނަ ތައްޔާރީތައް އެބަހުއްޓެވެ. ސަބަބަކީ މި ފިލްމުގެ އެކްޝަން މަންޒަރުތައް ވަރަށް ތަފާތުކޮށް ބަހައްޓަން އޭނާ ބޭނުންވާތީ އެވެ.

"އެހެންވެ މިހާރު މި ގެންދަނީ ވީޑިއޯ ކޯލް މެދުވެރިކޮށް އިންޓަނޭޝަނަލް ޓީމަކާ އެކަމާ ގުޅޭ މަޝްވަރާތައް ބާއްވަމުން. އަދި ފިލްމުގައި ބައިވެރިކުރާ އެކްޓަރުންނަށް ސްކްރިޕްޓް ކިޔައިދިނުމާއި ޕްރޮޑަކްޝަން ޑިޒައިނަރާ ވާހަކަ ދެއްކުން ފަދަ ކަންތައް ވެސް ވީޑިއޯ ކޯލް މެދުވެރިކޮށް އެބަ ކުރިޔަށް ގެންދަން. ވަރަށް ގިނަ ކަންތައްތަކެއް ގޭގައި ހުއްޓަސް ކުރަން އެބަ،" އަލީ ބުންޏެވެ

އަލީ ވަނީ އޭނާގެ ބަންގްލޯގެ ބައެއް ސްޓޫޑިއޯއަކަށް ބަދަލުކޮށްފަ އެވެ. އެހެންކަމުން އެތަނުގައި އޭނާގެ ފިލްމީ މަސައްކަތްތައް ކުރަން އަލީ އަށް ވަރަށް ފަސޭހަ އެވެ.

ސްޓޫޑިއޯ ޑިޒައިންކޮށްފައި ހުރި ގޮތުން ފިލްމުތަކުގެ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތައް ވެސް ފަސޭހަކަމާއެކު އެތަނުގައި ކުރިޔަށް ގެންދެވޭނެ ކަމަށް ޑައިރެކްޓަރު ބުންޏެވެ. އެތަނުގައި ސައުންޑް-މިކްސިން ސްޓޫޑިއޯ އަކާއި ފިލްމު އެޑިޓް ކުރާނެ ތަނެއް ވެސް ތައްޔާރުކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

އަލީ ބުނި ގޮތުގައި އޭނާ އަޅާފައިވާ މި ބޮޑު ގެއަކީ "ސުލްތާން" ރިލީޒްކުރި ފަހުން ގަނެފައިވާ ބިމެއްގައ އަޅާފައިވާ ގެއެކެވެ. މި ގެ އިމާރާތް ކުރުމުގެ މަސައްކަތް ކުރީ "ބާރަތު" އާއި "ޓައިގާ ޒިންދާ ހޭ" ޑައިރެކްޓްކުރުމުގެ މަސައްކަތް ކުރިއިރު ކަމަށް ވެސް އަލީ ބުންޏެވެ. އަދި މި ގެއަށް އޭނާ ބަދަލުވީ މިއަހަރުގެ މާޗް މަހު ލޮކްޑައުން އިއުލާން ކުރުމުގެ ދުވަސްކޮޅެއް ކުރިންނެވެ.