ހޮލީވުޑްގެ އެންމެ މަޝްހޫރު އެއް ޖޯޑެއް ކަމުގައިވާ އެންޖެލީނާ ޖޯލީ އާއި ބްރެޑް ޕިޓް އަނެއްކާވެސް ކުއްޖަކު އެޑޮޕްޓް ކުރަނީއެވެ. ހަ ކުދިންގެ ތެރެއިން ތިން ކުދިންނަކީ އެޑޮޕްޓް ކޮށްފައި ތިބި ކުދިންނަށްވާއިރު މި ފަހަރު އެޑޮޕްޓް ކުރަނީ ސިރިއާގެ ޔަތީމު ކުއްޖެކެވެ.
އެންޖެލީނާ އަކީ އެކިއެކި ޗެރިޓީ މަސައްކަތުގައި އަބަދު ބުރަކޮށް އުޅޭ ތަރިއެކެވެ. އެގޮތުން މިފަހަރު ކުއްޖަކު އެޑޮޕްޓްކުރުމުގެ ހިޔާލު ވެސް އައީ ރެފިއުޖީންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތުގެ އުޅެނިކޮށެވެ.
އދ. ގެ ހާއްސަ ޕްރޮގްރާމެއްގެ ދަށުން ރެފިއުޖީންގެ ކޭމްޕަކަށް ގޮސް އުޅެނިކޮށް އެންޖެލީނާއާ ދިމާވީ ބޮމުގެ ހަމަލާއެއްގައި މަންމަ އާއި ބައްޕަ މަރުވެފައިވާ ތިން ކުދިންނާ އެވެ. އެންމެ ފުރަތަމަ ޖޯލީ ބޭނުންވީ މި ތިން ކުދިން އެއްކޮށް އެޑޮޕްޓް ކުރުމަށެވެ. އެހެންނަމަވެސް ބްރެޑް މިކަމާއި ހިތްހަމަނުޖެހުން ފާޅުކުރިއެވެ.
މިހާރު ހަ ކުދިން ތިބެފަ ކުއްލިއަކަށް ތިން ކުދިން އިތުރުވެ ނުވަ ކުދިންނަށް ބަދަލުވުމުން ދެންތިބި ދަރިންނަށްވެސް ފަހަރެއްގައި ދަތިތަކާއި ކުރިމަތިވެދާނެތީއެވެ.
ސިރިއާގެ ކުއްޖާ އެޑޮޕްޓު ކުރަން ބޭނުންވިނަމަވެސް އަދި އެމެރިކާއާ ހަމައަށް އެކުއްޖާއަށް ދެވެން ހަތަރު ފަސް މަސް ނަގާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މިދިޔަ އަހަރުގެ އޯގަސްޓު މަހުގައި ކައިވެނި ކުރި ޖޯލީ އާއި ބްރެޑް ތިން ކުދިން މިހާތަނަށް އެޑޮޕްޓް ކޮށްފައިވާ އިރު އެއީ ވިއެޓްނާމާއި ކެމްބޯޑިއާ އަދި އިތިއޯޕިއާއިން އެޑޮޕްޓްކޮށްފައިވާ ކުދިންނެވެ.