ހޮލީވުޑް

ރަޔާން ރެނޮލްޑްސް ދަރިފުޅުގެ ފޮޓޯތައް ވިއްކަން އޭނާގެ އެކުވެރިޔަކު އުޅުނު މައްސަލަ ހޫނުވެއްޖެ

Sep 23, 2015

ގްރީން ލެންޓާން ފިލްމު ކުޅުމުގެ ތެރެއިން 2011 ވަނަ އަހަރުގައި ދިމާވެ ލޯބީގެ ގޮތުން ގުޅުނު ބްލޭކް ލައިވްލީއާ ކައިވެނިކޮށް ރަޔާން ރެނޮލްޑްސް އަށް ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައި ދަރިއަކު ލިބިފައެވެ. ހޮލީވުޑްގެ މި މަޝްހޫރު ޖޯޑު އެހެން ހޮލީވުޑް ތަރިންހެން ވީހާވެސް މީޑިއާތަކަކަށް ނާންގާ އެންމެ ގާތް އާއިލީ މެމްބަރުން އަދި އެކުވެރިންނަށް ފޮޓޯ ބަހާފައިވާއިރު އޭގެ ތެރެއިން ރާޔަންގެ ގާތް އެކުވެރިއަކު ވަނީ މިގޮތަށް ބެހި ފޮޓޯތަކެއް ވިއްކަން މަސައްކަތް ކޮށްފައެވެ.

ރާޔަން ބުނެފައިވާ ގޮތުން އެންމެ ކުޑައިރުއްސުރެ އެންމެ ގާތްކޮށް ދެކެމުން އައި އެކަކު އޭނާގެ އާއިލާގެ ފޮޓޯތަކެއް ވިއްކަން މަސައްކަތް ކުރާކަން އެނގުމުން އޭނާއަށް ލިބުނީ ބޮޑު ސިހުމެކެވެ. އެހެންނަމަވެސް ނަސީބު ދިމާކުރިގޮތުން ފޮޓޯތަކެއް މީޑިޔާއާއި ހަމައަށް ނުދެވެނީސް އެކަން ފަޅާއަރައިފިއެވެ.

އެކުވެރިޔާ ބޭވަފާތެރިވީ ކީއްވެތޯ ސުވާލުކުރުމުން ރާޔަން ބުނެފައިވަނީ ލާރި ނޫން އިތުރު އެއްވެސް ކަމަކަށް ނޫންކަމުގައެވެ. އެމީހާ އުއްމީދު ކޮށްގެންހުރީ ފަޅާ ނާރާނެކަމަށެވެ. އެހެންނަމަވެސް ފޮޓޯތަކާއި ވީޑިއޯތަކެއް ހިއްސާކޮށްފައިވީ ވަކި ބަޔަކަށް ވީތީ ކާކުކަން ހޯދާކަށް މާބޮޑު އުނދަގުލެއް ނުވިއެވެ. މީގެ އިތުރުން އޭނާ ބުނެފައިވަނީ މިހާރު އެމީހަކާއި އޭނާ އެއްކޮށް ގުޅުން ކަނޑާލާފައިވާ ކަމާއި އެކަހަލަ އެއްވެސް މީހަކަށް އޭނާގެ ހަޔާތުގެ އެއްވެސް ކަމެއްގައި ބައިވެރިވާން ފުރުސަތެއް ނުލިބޭނެ ކަމުގައެވެ.

ރާޔަން މިހާރު މަސައްކަތް ކުރަމުންދަނީ އަންނަ އަހަރު ފެބްރުއަރީ މަހުގައި ނެރުމަށް ހަމަޖެހިފައިވާ "ޑެޑްޕޫލް" ގެ މަސައްކަތުގައެވެ. މަސައްކަތުގައި ބުރަކޮށް އުޅުނުކަމުގައި ވިޔަސް ބްލޭކް އާއި ދަރިފުޅު ޖޭމްސްއަށް ވަގުތު ބަރާބަރަށް ހޯދައެވެ.

ހޮލީވުޑްގެ އެހެނިހެން ޖޯޑުންނާއި ހިލާފަށް ރާޔަން އާއި ބްލޭކް، ޖޭމްސްގެ އެއްވެސް ކަމެއްގައި އިތުރު މީހަކު ނޫނީ ނެނީ އެއްގެ އެހީއެއް ހޯދާފައެއް މިހާތަނަށް ނެތެވެ. ބްލޭކްވެސް މަސައްކަތާއި ތަންކޮޅެއް ދުރުވެ ހުރިހާ ވަގުތެއް ހުސްކުރަނީ ޖޭމްސްއަށެވެ.