ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ބީއެމްއެލް އިން އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކާޑު ދޫކުރަނީ އެޕޮއިންޓްމަންޓަށް

May 30, 2020

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާލޭގެ ކަސްޓަމާ ސާވިސަސް ސެންޓަރުން، އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެޕޮއިންޓްމަންޓް ހައްދައިގެން ކާޑު ދޫކުރަން ފަށާނެ އެވެ.

ބީއެމްއެލް އިން ބުނީ މާލޭ ސިޓީގެ ފުރަ ބަންދަށް ލުއި ތަކެއް ލިބުމާއެކު އަންނަ މަހުގެ ދުވަހުން ފެށިގެން ބީއެމްއެލް ކަސްޓަމަރާ ސާވިސް ސެންޓަރު [އަމީނީމަގު] އިން ކާޑު ދޫކުރަން ފަށާއިރު، ކާޑު ދޫކުރާނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅާފައިވާ ގައިދުރުކަން [ސޯޝަލް ޑިސްޓެންސިން] ބެހެއްޓުމުގެ އުސޫލޫތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އެގޮތުން ދުވާލަކަށް ހިދުމަތް ދޭނީ 300 ކަސްޓަމަރުންނަށް ކަމަށެވެ.

މި ގޮތަށް އެޕޮއިންޓްމަންޓް ހައްދަން ޖެހޭނީ މާލޭގައި އެކަންޏެވެ.

އަންނަ މަހުގެ ފުރަތަމަ ދެ ހަފްތާގައި ކާޑު ދޫކުރުމަށް ކަސްޓަމާ ސާވިސް ސެންޓަރު ހުޅުވުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހާއި އަންގާރަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން މެންދުރު ފަހު 2:00 އަށެވެ. ކޮންމެ ދުވަހަކަށް ވެސް އެޕޮއިންޓްމަންޓް އޭގެ ކުރީ ދުވަހު ހަމަޖައްސަން ފުރުސަތު ލިބޭނެ އެވެ.

އެޕޮއިންޓްމަންޓް ހައްދާނީ ކިހިނެއް؟

އެޕޮއިންޓްމަންޓް ހައްދަން މެސެޖު ކުރަން ޖެހެނީ ހާއްސަ ފޯމެޓަކަށެވެ. މި މެސެޖު އިންނަން ވާނީ ހަތަރު ލައިނަށް ވާ ގޮތަށެވެ. އެގޮތުން ސީއެސްސީ ޖެހުމަށްފަހު އައިޑީ ކާޑު ނަމްބަރު ޖަހާފަ ނަން އަދި ގޭގެ ނަން ޖެހުމަށްފަހު މެސެޖު ކުރާނީ 455 އަށެވެ.

* މިސާލު:
- ސީއެސްސީ
- އައިޑީކާޑު ނަންބަރު / ޕާސްޕޯޓް ނަންބަރު ( ބިދޭސީއެއްނަމަ)
- ނަން
- މިހާރު އުޅޭ އެޑްރެސް

އެޕޮއިންޓްމަންޓް ހަމަޖެހުމުން ކަސްޓަމަރުގެ މޮބައިލް ނަންބަރަށް ފުލުހުން އެސްއެމްއެސް އަކުން 'ޕާމިޓް" ފޮނުވާނެ އެވެ. އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ގަޑިއަށް ކަސްޓަމާ ސާވިސަސް ސެންޓަރަށް ދެވޭނެ އެވެ.

ކާޑު ނަގަން ދާއިރު ސަމާލު ވާންޖެހޭ ކަންތައްތައް

  • މާސްކު އެޅުން
  • ކަސްޓަމާ ސާވިސް ސެންޓަރުގައި ފާހަގަކޮށްފައިވާ ނިޝާންތަކާ އެއްގޮތަށް ގައިދުރުކަން ބެހެއްޓުން
  • އަމިއްލަ ގަލަން ގެނައުން
  • ސެނިޓައިޒާ ބޭނުންކޮށްގެން އަތް ސާފުކުރުން

މަރުކަޒީ ބޭންކް، އެމްއެމްއޭއިން ވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަންނަ މަހު 13 ވަނަ ދުވަހުގެ ނިޔަލަށް ބޭންކިން ދާއިރާގެ ހިދުމަތް ދޭން ނިންމާފަ އެވެ.