ހަބަރު

ނުކުޅެދޭ މީހަކު ވެއްޓިފައި އޮއްވާ ފޯނު ވަގަށް ނަގައިފި

ހާއްސަ އެހީއަށް ބޭނުންވާ މީހަކު މަގުމަތީ ވެއްޓިފައި އޮއްވާ އޭނާގެ ޖީބުގައި އޮތް ފޯނު ވަގަށް ނެގި މައްސަލައެއް ފުލުހަށް ރިޕޯޓުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ތ. ތިމަރަފުށީގައި ހާއްސަ އެހީއަށް ބޭނުންވާ މީހެއް މަގުމަތީ ވެއްޓިފައި އޮއްވާ އޭނާގެ ޖީބުގައި އޮތް މޯބައިލް ފޯނު ވަގަށް ނެގި މައްސަލައެއް ފުލުހަށް ރިޕޯޓް ކޮށްފައި ވަނީ އިއްޔެ ކަމަށެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދަނިކޮށް އެ ފޯނު ވިއްކަން އުޅެނިކޮށް އަތުލައިގަނެފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލާގައި 30 އަހަރުގެ ދިވެހި ފިރިހެނަކާއި 20 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. އަދި ފޯނުގެ ވެރިފަރާތާ ފޯނު ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.