ދުނިޔެ

ޔޫރަޕްގައި ރެފިއުޖީންނަށް ފުލުހުން އަނިޔާކުރި މައްސަލަތަކެއް

Sep 22, 2015

ހިއުމަން ރައިޓްސް ވޮޗް އިން އިއްޔެ ނެރުނު ރިޕޯޓެއް ބުނާ ގޮތުން ގްރީސް ބޯޑަރު ކައިރީގަ އާއި ޖަލެއްގައި މެސަޑޯނިއާ ފުލުހުން ރެފިއުޖީންނަށް އަނިޔާ ކޮށްފައި ވެއެވެ. މި ޖަމިއްޔާއިން ބުނީ ރައްކާތެރިކަން ހޯދުމަށް ދަތުރުކުރާ މީހުންނަށް ފުލުހުން އަނިޔާކުރުމުގެ މައްސަލަ މެސަޑޯނިއާގައި ވަރަށް ބޮޑު ކަމަށެވެ.

ޔޫރަޕުގެ ބައެއް ގައުމު ތަކުން ރެފިއުޖީންނާ މެދު ކަންތައްތައް ކުރާ ގޮތަށް ފާޑުކިޔުން އަމާޒުވާއިރު ޔޫރަޕްގެ ބައެއް ގައުމުތަކުން ބުނަމުން ދަނީ ރެފިއުޖީން އެތެރެވަމުންދަނީ އެ ގައުމުތަކަށް ނުކަތާ ވަރަށް ކަމަށެވެ.

މިގޮތުން ހަންގޭރީގައި އިއްޔެ ފާސްކުރި ގާނޫނުން ރެފިއުޖީން މަތަ ކުރުމަށް ފުލުހުންނަށާއި ސިފައިންނަށް އިތުރު ބާރުތަކެއް ލިބިދީފައި ވެއެވެ. މި ފާސްކުރި ގާނޫނުން ރެފިއުޖީން ކޮންޓްރޯލް ކުރުމަށް ބައެއް ކަހަލަ ހަތިޔާރު ބޭނުން ކުރެވޭނެއެވެ. އަދި ނުގަވައިދުން އެއްވެސް ރެފިއުޖީއަކު ގޭގޭގައި ބައިތިއްބާތޯ ބެލުމަށް ގޭގެ ބަލާ ފާސްކުރުމުގެ ހުއްދަ ވެސް ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ހަންގޭރީގެ ބޮޑު ވަޒީރު ވިދާޅުވީ ރެފިއުޖީން މިހާރު އައިސް ގައުމުގެ ދޮރުގައި ޓަކި ދެނީ ނޫން ކަމަށާއި ބޮލަށް ދޮރު ވައްޓާލަނީ ކަމަށެވެ. ރެފިއުޖީންގެ ކަންކަމުގައި އަމަލު ކުރާނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ހަންގޭރީ އާއި ޔޫރަޕުގެ އެހެން ގައުމުތައް މާދަމާ ވެސް ބައްދަލު ކުރުމަށް ހަމަ ޖެހިފައި ވެއެވެ.