ސައުދީ އަަރަބިއްޔާ

ދެ މަހަށްފަހު މާދަމާ ނަބަވީ ހުޅުވާލަނީ

މަދީނާގައިވާ ކީރިތި ރަސޫލާގެ މިސްކިތްކޮޅު މަސްޖިދުއް ނަބަވީ އާންމުންނަށް ނުވަދެވޭގޮތަށް ބަންދުކުރިތާ ދެ މަސްދުވަސް ފަހުން މާދަމާ އެ މިސްކިތް ހުޅުވަން ނިންމައިފި އެވެ.

މުސްލިމުންގެ އެންމެ މުގައްދަސް ދެ މިސްކިތް ކަމަށްވާ މައްކާގައިވާ މަސްޖިދުލް ހަރަމް އަދި މަދީނާގައިވާ ކީރިތި ރަސޫލާގެ މިސްކިތްކޮޅު މަސްޖިދުއް ނަބަވީ އާންމުންނަށް ނުވަދެވޭނެހެން ބަންދުކުރީ މާޗް މަހުގެ 20 ވަނަ ދުވަހުއެވެ. އަލުން ރަސޫލާގެ މިސްކިތްކޮޅު މި ހުޅުވާލަނީ ދެ މަހާއި ދިހަ ދުވަސް ފަހުންނެވެ. މިއީ ފަހުގެ ތާރީހެއްގައި މި މިސްކިތްކޮޅު މިހާ ދިގު މުއްދަތަކަށް ބަންދުކުރި ފުރަތަމަ ފަހަރެވެ. ނަމަވެސް މިސްކިތުގެ މަސައްކަތު މީހުންނާއެކު ދެ މިސްކިތްކޮޅުގައިވެސް ނަމާދުގެ ޖަމާއަތް ވަނީ މި މުއްދަތުގެ ތެރޭގައި ގާއިމްކޮށްފައެވެ.

ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅުތަކުގެ ތެރެއިން ސައުދީގެ ހުރިހާ މިސްކިތްތައް ބަންުދުކުރިއެވެ. އަދި ވަރަށް ގިނަ ސަަރަހައްދުތަކުގައި ކާފިއު ހިންގާ މުޅި ގައުމު ލޮކްޑައުންކުރިއެވެ. ނަމަވެސް ސައުދީން ދަނީ ފިޔަވަޅުތައް ލުއިކޮށް ގައުމު ހުޅުވާލަން ތައްުޔާރުވަމުންނެވެ.

އެގޮތުން އީދު ބަންދަށްފަހު ހުރިހާ ސިޓީތަކުގައިވެސް ދަނީ ލުއިތައް ދެމުންނެވެ.

މަސްޖިދުލް ހަރަމް އަދި މަދީނާގައިވާ ކީރިތި ރަސޫލާގެ މިސްކިތްކޮޅު މަސްޖިދުއް ނަބަވީ ބަލަހައްޓާ އޮފީހުން ބުނީ މާދަމާ ނަބަވީ ހުޅުވާލާނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައި ކަމަށެވެ. ނަބަވީ މިސްކިތުން ހުޅުވާލަން ހަމަޖެހިފައިވަނީ ބައެއް ސަރަހައްދުތަކެވެ. އެތައް ހާސް ބަޔަކަށް އެއްފަހަރާ ނަމާދު ކުރެވޭ މިސްކިތްކޮޅުގެ 40 އިންސައްތަ ހުޅުވާލަން ވަނީ ނިންމާފައެވެ.

އަދި އަންހެނުންނާއި ފިރިހެނުންނަށް މިސްކިތަށް ވަނުމަށް ވަކި ދޮރާށިތަކެއް ވަނީ ހާއްސަކޮށްފައެވެ. މީގެ އިތުރުން މިސްކިތުގެ ހުޅުވާލާ ބައިގައި ވަނީ ކާޕެޓްތަވެސް ނަގާފައެވެ. އެއީވެސް ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެކެވެ.

މަސްޖިދުއްނަބަވީ ހުޅުވާލިނަމަވެސް މި ދުވަސްވަރު ޒަމްޒަމް ފެން ލިބެން ނުހުންނާނެ ކަމަށްވެސް މިސްކިތް ބަލަހައްޓާ އޮފީހުން ވަނީ ބުނެފައެވެ.