ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ޕޮޒިޓިވްވި މީހުންގެ ތެރޭގައި 43 ކުޑަކުދިން

ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ ތެރޭގައި 10 އަހަރުން ދަށުގެ 43 ކުދިން ހިމެނޭ ކަމަށް ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފި އެވެ.

މިރޭ އެ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންނާއި ގުޅުންހުރި ގިނަ މައުލޫމާތުތަކެއް ހާމަކޮށްފައެވެ. ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި އަދަދު ވަނީ 1672 އަށް އަރާފައެވެ. އެ މީހުންގެ ތެރެއިން 401 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ފަސް މީހަކު ވަނީ މަރުވެފައެވެ.

އެންއީއޯސީގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 21 މީހަކީ އުމުރުން 65 އަހަރުން މަތީގެ މީހުން ކަމަށެވެ. އަދި އޭގެ ތެރޭގައި 10 އަހަރުން ދަށުގެ 43 ކުދިން ހިމެނޭ ކަމަށެވެ. މީގެ އިތުރުން ދިގު މުއްދަތަށް އެކި ބަލި ބައްޔަށް ބޭސްކުރަމުންދާ މީހުންގެ ތެރެއިން 53 މީހަކުވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެވެފައެވެ.

އުމުރުން ދުވަސްވީ މީހުންނާއި 10 އަހަރުން ދަށުގެ ކުޑަކުދިން އަދި ބޮޑެތި ބަލިތަކަށް ބޭސްކުރަމުންދާ މީހުންނަކީ ކޮވިޑް ބަލި ޖެހުމުން ހާލު ސީރިއަސްވުމުގެ ފުުރުސަތު އޮތް މީހުންނެވެ.

މަބުރޫކް ވިދާޅުވީ ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިވަގުތު ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނީ 13 މީހަކަށް ކަމަށެވެ. އެ އެންމެންނަށްވެސް ފަރުވާ ދެމުންދަނީ ޓްރީޓޮޕް ހޮސްޕިޓަލްގައެވެ. އޭގެ ތެރެއިން ދެ މީހަކަށް ފަރުވާ ދެމުންދަނީ އައިސީޔޫގައެވެ.

ކޮވިޑް ޖެހެނު ރިސްކް ބޮޑު މީހުންގެ އަދަދުތައް

  • 65 އަހަރުން މަތީގެ 21 މީހުން
  • 10 އަހަރުން ދަށުގެ 43 ކުދިން
  • ބޮޑެތި ބަލިތަކަށް ބޭސްކުރަމުންދާ 53 މީހުން

މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ތެރޭގައި އެއްވެސް ކްލަސްޓާއަކާ ގުޅުމެއްނެތް 87 މީހަކު ފާހަގަކުރެވިފައިވާ ކަމަށްވެސް މަބުރޫކް ވިދާޅުވިއެވެ.