ކުލަބުތައް ހާލަުގައި ޖެހުނަ ނުދީ ސަލާމަތް ކުރަން ސަރުކާރުން އެހީ ވާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅު ވެއްޖެ އެވެ.
އެފްއޭއެމުން ގެނެސްދޭ ފޫޓްބޯޅަ ޓޯކް ޝޯގެ ރޭގެ ޕްރޮގްރާމްގައި މަހްލޫފް ވިދާޅުވީ، ކުރީގެ ސަރުކާރުގައި ކޮންމެ ކުލަބަކަށް އަހަރަކު ދިން ތިން މިލިއަން ރުފިޔާ މިހާރު ނުދިން ނަމަވެސް، އަންނަ ސީޒަންގައި ވެސް ކުލަބުތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށް ދެއްވާނެ ކަމަށެވެ. މިދިޔަ އަހަރު ވެސް ފުރަތަމަ ޑިވިޝަންގެ ކޮންމެ ކުލަބަކަށް 500،000 އާ ގާތް ކުރާ އަދަދަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށް ދިފައިވާ ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
"[އެފްއޭއެމްގެ ރައީސް] ބައްސާމް އާ ކުލަބުތަކާ އެކީގައި އަޅުގަނޑުމެން މަޝްވަރާ ކުރަނަން، އަޅުގަނޑުމެންގެ ފަރަތުން ކޮށްދެވޭނީ ކޮން ކަމެއްތޯ ބަލަން، އެއީ ކުލަބުތައް ސަވައިވް ކޮށްދިނުމަށް އަޅުގަނޑުމެންގެ ފަރާތުން ކޮށްދެވެން އޮތް ކަމެއް ކޮށްދޭނަން، ކުލަބުތައް ސަވައިވް ނުވެ ފުޓްބޯޅަ ދެމިއެއް ނޯންނާނެ."
މިނިސްޓަރު ވިދާޅުވީ ސަރުކާރުން ނުވަތަ އެފްއޭއެމުން ކަމަށް ވިޔަސް ކޮންމެ އަހަރަކު ކޮންމެ ކުލަބަކަށް ތިން މިލިއަން ރުފިޔާ ދިނުމަކީ ހައްލެއް ނޫން ކަމަށާއި އޭގެ ބަދަލުގައި ކުލަބުތައް އަމިއްލަ ފައިމައްޗަށް ތެދުވާނެ އެހެން މަގެއް ދައްކައި ދޭން ޖެހޭ ކަމަށެވެ. އެފްއޭއެމުގެ އުމުރާނީ މަޝްރޫއުގެ ތެރެއިން ތަންތަން ކުއްޔަށް ދީގެން ވިޔަފާރި ކުރުމުގެ ފުރުސަތު ހޯދައިދޭން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މަސައްކަތް ކުރައްވާ ކަމަށް މަހްލޫފް ވިދާޅުވި އެވެ.
"ކުލަބުތަކަށްވެސް އަބަދު ފައިސާ އެޅުމަކީ ވެސް ހައްލެއް ނޫން،" ޝޯގައި މަހްލޫފް ވިދާޅުވި އެވެ. "އޭގެ ބަދަލުގައި ކޮންމެވެސް އެހެން ހައްލެއް ހޯދަން ޖެހޭ ކަމެއް މިއީ، އެކަމަށް ބައްސާމް ވަރަށް ބޮޑަށް އެބަ މަސައްކަތް ކުރައްވާ، ބައެއް ކަންކަން އަޅުގަނޑާ ޝެއާވެސް ކުރެއްވި، އިންފްރާސްޓްރަކްޗާތައް ޑިވެލޮޕް ކުރަމުން ދާއިރު ކުލަބުތަކަށް ޖާގަ ދިނުމަށް މަސައްކަތް ކުރާ ވާހަކަ އަޅުގަނޑާ ހިއްސާ ކުރެއްވި، އެ ކަހަލަ ކޮންމެވެސް ގޮތެއް ހޯދަން އެބަޖެހޭ، އެއީ އެފްއޭއެމް ކަމަށް ވިޔަސް ސަރުކާރުން ކަމަށް ވިޔަސް ކުލަބަކަށް ތިން މިލިއަން ރުފިޔާ ދިނީމަ އެ އަހަރު އެ ހަރަދު ކޮށްލީމަ ނިމުނީއަކީ ނޫން، ކުލަބުތަކަށް އާންމުދަނީ ލިބޭނެ ކޮންމެވެސް ގޮތެއް ހޯދައި ދޭން ޖެހޭ."
މިނިސްޓަރު ވިދާޅުވީ، އެފްއޭއެމް އާއި ސަރުކާރަށް ވެސް އެންމެ ފަސޭހަ ގޮތަކަށް ވާނީ ސީދާ ކުލަބުތަކަށް ފައިސާ ލިބޭނެ ވިޔާފަރިއެއް ކޮށްގެން އާންމުދަނީ ލިބޭނެ ގޮތެއް ހޯދުން ކަމަށެވެ.
"ކުލަބުތައް ކޮންމެވެސް ކަހަލަ ވިޔަފާރިއެއްގެ މައްޗަށް ބިނާވެ ލިބޭ އާންމުދަނީއެއްގެ ތެރެއިން ކުޅުންތެރިންނަށް ހަރަދު ކުރަން ފެށޭނެ ދުވަހެއް ހެން އަޅުގަނޑަށް ހީވަނީ ކުލަބުތަކަށް ވެސް ސަރުކާރަށް ވެސް އަދި އެފްއޭއެމަށް ވެސް އެންމެ މޮޅު އަދި އެންމެ ރަނގަޅު ވާނެ ގޮތަކީ،"
ޓީސީ ސްޕޯޓްސް ކުލަބުގެ މުއައްސިސް އަހްމަދު ނަޝީދު (ޑޭވް) މިދިއަ ހަފުތާގައި ވިދާޅުވީ ކުލަބުތަކަށް ސަރުކާރުގެ ފަރާތުން ލިބެން ޖެހޭ އެއްބާރުލުން ލިބެމުން ނުދާ ކަމަށެވެ. މަހްލޫފް ވިދާޅުވީ މި އަހަރުވެސް ސަރުކާރުން ޓީސީއަށް 1.5 މިލިއަން ރުފިޔާ މިހާތަނަށް ހަރަދުކޮށްފައި ވާނެ ކަމަށެވެ. އެ ވަރުގެ ހޭދަވީ ކޮވިޑް-19 އާ ގުޅިގެން އެ ޓީމު ލަންކާގައި ކަރަންޓީން ކުރަން ޖެހުމާ ވެސްއެކު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މަހްލޫފް ވިދާޅުވީ، ފުޓްބޯޅައަށް ހަރަދު ނުކުރާ ވާހަކަ ދައްކާ އިރު އޭނާއަށް އެންމެ ބޮޑަށް ފާޑު ކިޔުން އަމާޒު ވަނީ މާގިނައިން ފުޓްބޯޅައަށް ހޭދަ ކުރާތީ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުވެސް ފުޓްބޯޅައަށް އެކަނި 38 މިލިއަން ރުފިޔާ ހޭދަ ކޮށްފައި ވާނެ ކަމަށެވެ. މި އަހަރުވެސް މިހާތަނަށް ފުޓްބޯޅައަށް ގާތްގަނޑަކަށް 10 މިލިއަން ރުފިޔާ ހޭދަ ކޮށްފައި ވާނެ ކަމަށް ވިދާޅުވި އެވެ.
ފުޓްބޯޅައަށް މިނިސްޓްރީ މެދުވެރިކޮށް ކުރި ހޭދަ
- ހުޅުމާލޭ ފުޓްބޯޅަ ސްކޫލަށް 2019 ވަނަ އަހަރު 11 މިލިއަން ރުފިޔާ
- ނެޝަނަލް ޓީމައި ޓްރޭނިންތަކަށް 10 މިލިއަން ރުފިޔާ
- ކުލަބުތަކަށާއި އެހެން ބައެއް ކަންކަން ހިމެނޭ ގޮތަށް 18 މިލިއަން ރުފިޔާ
- މި އަހަރު މިހާތަނަށް ފުޓްބޯޅައަށް 10 މިލިއަން ރުފިޔާ
- މުޅި ރާއްޖޭގެ ފުޓްބޯޅަ ދަނޑު އެޅުމަށް ހިނގާ ހަރަދަކީ 700 މިލިއަން ރުފިޔާ
"އެހެންވީމަ ފުޓްބޯޅައަށް ހަރަދު ނުކުރެވެއެކޭ ނުބުނެވޭނެ، ބައެއް މީހުން އަޅުގަނޑަށް ކިޔަނީ މިނިސްޓާ އޮފް ފުޓްބޯލް، އެއީ ފުޓްބޯޅައަށް އަޅުގަނޑުމެން މާބޮޑަށް ހަރަދު ކުރާތީ،" މަހްލޫފް ވިދާޅުވި އެވެ. "ފުޓްބޯޅައަށް ސަރުކާރުން އަޅާ ނުލައޭ ހަރަދެއް ނުކުރެޔޭ އެހެން ބުނީމަ އަޅުގަނޑަކަށް ހީއެއް ނުވޭ އެއީ އެހާ ރަނގަޅު ވާހަކައެއް ހެނެއް."