ރާއްޖެ ކުޅިވަރު

މުބާރާތްތައް މިއަހަރު ފެށޭނެ ކަމެއް ނޭނގޭ: ވަޒީރު

ކޮރޯނާ ވައިރަސް އާ ގުޅިގެން، މެދުކަނޑާލާފައިވާ ކުޅިވަރުގެ މުބާރާތްތައް މި އަހަރު ބޭއްވޭނެ ކަމަށް ވިދާޅުވާން ދަތި ކަމަށް ޔޫތު ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ މި އަހަރު އަލުން މުބާރާތްތައް ކުރިއަށް ގެންދަން ސިއްހީ ދާއިރާގެ އޮފިޝަލުންނަށް އެހާ ހިތްގައިމު ކަމަކަށް ނުވާ ކަމަށެވެ. ނަމަވެސް ނިއު ނޯމަލް ހާލަތުގައި ގައިޑްލައިންތަކެއް ތެރެއިން އެކަން ކުރެވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

"އަޅުގަނޑަށް އުނދަގޫ ހަމަ ސީދާ މުބާރާތްތައް އޮންނާނެތޯ ނުވަތަ ނޯންނާނެތޯ ބުނަން." އެފްއޭއެމް ގެނެސްދޭ "ލެޓްސް ޓޯކް ފުޓްބޯލް" ޝޯ ގައި މިނިސްޓަރު ވިދާޅުވި އެވެ. "ނަމަވެސް މިހާރު އެބަ އަޑު އިވޭ މަޑުމަޑުން އެއާޕޯޓް ވެސް ހުޅުވާލާ ވާހަކަ، އަޅުގަނޑުމެން މި ނިއުނޯމަލަށް ދާ ކަމުގައި ވަންޏާމު އަޅުގަނޑަށް ވެސް ހީވަނީ މިއަށް ވެސް [ކުޅިވަރަށް] ވެސް ހެދޭ ގައިޑްލައިންއާ އެއްގޮތަށް ޖާގަ ލިބެމުން ދާނެ ކަމަށް."

މަހްލޫފް ވިދާޅުވީ ހާއްސަކޮށް ޓީމު ސްޕޯޓްސްގެ މުބާރާތްތައް ބޭއްވި ދާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ. ނަމަވެސް ކުޅުންތެރިންނަށް ޓްރޭނިންތައް ފެށޭނެ އިންތިޒާމެއް ހަމަޖެހޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި 2023 ވަނަ އަހަރު ބާއްވަން ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމެސް އާ މެދުވެސް ސުވާލުތަކެއް އުފެދިފައިވާ ކަމަށް މަހްލޫފް ވިދާޅުވި އެވެ.