ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ޑެމަރޭޖް ނުނަގާތީ ނުގެންދާ މުދާ ގިނަވެ ބަނދަރު ފުރެނީ

May 31, 2020
4

ކޮވިޑް-19 އާ ގުޅިގެން ލޮކްޑައުން ކޮށްފައިވާތީ މުދަލަށް ޑެމަރޭޖް ނެގުމަށް ދިން ލުއިތަކާއެކު، ގިނަ އަދަދެއްގެ މުދާ ނުގެންގޮސް ހުރުމުން މާލެ ވިޔަފާރި ބަނދަރަށް ބާރު ބޮޑު ވެއްޖެ އެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝާހިދު އަލީ ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން މުދަލަށް ކޮންޓެއިނާ ނެގުމަށް ދިން ލުއިތަކާއެކު ބަނދަރަށް ވަރަށް ބާރު ބޮޑުވެފައިވާ ކަމަށެވެ.

"މާލެ ކޮމާޝަލް ހާބަރު ވަރަށް ކުޑަ ޖާގައެއްގެ ތެރޭގައި މި މެނޭޖު ކުރަނީ. މިހާރު ވަރަށް ގިނަ ކޮންޓެއިނާ ތަކެއް ނުނެރެ ހުރުމުގެ ސަބަބުން އަލަށް ގެންނަ ކޮންޓެއިނާތައް ކްލިއަ ކުރުމާއި ނެރެން ގިނަ ގޮންޖެހުންތަކެއް އެބަ ދިމާވެ. އާއްމު ހާލަތުގައި ޔާޑުގައި މި ގެންގުޅެނީ 1500 ކޮންޓެއިނާ. އެކަމަކު މި އަދަދު މިހާރު ވަނީ 3،000 އަށް އިތުރު ވެގެން ގޮސްފަ،" ޝާހިދު ވިދާޅުވި އެވެ.

އެމްޕީއެލް އިން ވަނީ ބަނދަރުގައި ހުރި ކޮންޓެރިނާތައް މަދު ކުރުމުގެ ގޮތުން އަންނަ މަހުގެ 12 ވަނަ ދުވަހުގެ ނިޔަކަށް މި ތަކެތި ނެރެން އަންގާފަ އެވެ. އަދި އޭގެ ފަހުން މި ކޮންޓެއިނާ ތަކަށް ވެސް ޑެމަރޭޖު ނަގާނެ ކަމަށް ބުނެފައިވެ އެވެ.

އެމްޑީ ޝާހިދު ވިދާޅުވީ މި ބަދަލު ގެންނަން ޖެހުނީ ބަނދަރުގައި ނުގެންގޮސް ހުރި ކޮންޓެއިނާތައް މަދު ކުރުމަށް ކަމަށެވެ.

"މި ކޮންޓެެއިނާގެ ސަބަބުން އޮޕަރޭޝަނަށް ވަރަށް ދަތިވޭ. ކޮންޓެއިނާ އުފުލާ އުޅަނދު ފަހަރަށް ވެސް ބައެއް ފަހަރު ގެއްލުން ވޭ،" ޝާހިދު ވިދާޅުވި އެވެ.

އެމްޕީއެލް އިން ވަނީ ސަރުކާރުން ކޮވިޑް-19 ގެ ލޮކްޑައުން އަށް ދިން ލުއިތަކާއެކު، ކުރިން ހިދުމަތް ދެމުން ގެންދިޔަ ގޮތަށް ބަދަލުތަކެއް ގެނެސްފަ އެވެ. ކުރިން އެއް ޝިޕްޓަށް ވިޔަފާރި ބަނދަރުގައި ހިދުމަތް ދިން ނަމަވެސް މިހާރު ދެ ޝިފްޓަށް ހިދުމަތް ދޭނެ ކަމަށް ބުނެފައިވެ އެވެ.