ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ބާޒާރުން މަދުވާ މުދަލުގެ ޝިޕްމަންޓެއް ގެނެސްފި

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ޝެޑިއުލް ފްލައިޓް ހުއްޓާލާފައިވާތީ، ރާއްޖެއިން މަދުވަމުންދާ ގިނަ އަދަދެއްގެ މުދާ އެތެރެކޮށްފަ އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނި ގޮތުގައި މި މަހުގެ 27 އަދި 28 ވަނަ ދުވަހު ރާއްޖެ ގެނެސްފައި ވަނީ 5250 ކޭސް ބިހާއި 6000 ބަސްތާ ފިޔާ އަދި 1580 ބަސްތާ އަލުވި ކަމަށެވެ. މީގެ އިތުރުން ހިމެނެނީ 684 ކޭސް ޓޮމާޓޯ އާއި 840 ބަސްތާ ކެބެޖް އަދި 1246 ގަނޑު ދޮންކެޔޮގެ އިތުރުން 444 ކޭސް އަލަނާސި އެވެ.

އިންޑިޔާ މަގުން ރާއްޖެއަށް މި މުދާ ގެނެސްފައި ވަނީ ރާއްޖެއާ އިންޑިއާއާ ދެމެދު ދަތުރުކުރާ "ނިއުމަތު 2" އާއި "އެމްސެސްވީ ރާޖު" ބޯޓުގަ އެވެ.

ކޮވިޑް ރޯގާގެ ސަބަބުން ރާއްޖެއަށް އާއްމުކޮށް މުދާ އެތެރެކުރާ އިންޑިއާއިން ވަނީ އެ ގައުމު ލޮކްޑައުން ކޮށްފަ އެވެ. މި ލޮކްޑައުން ކުރުމާއެކު ރާއްޖޭގެ ބާޒާރުގައި ބައެއް ތަކެތި ވަނީ ހުސްވެފަ އެވެ. އަދި ބައެއް ތަކެތީގެ އަގުތައް ވަނީ ބޮޑުކޮށްފަ އެވެ. އަގު ބޮޑުވި ބާވަތްތަކުގެ ތެރޭގައި ފިޔާ، އަލުވި އަދި ބިސް ވެސް ހިމެނެ އެވެ.

ރާއްޖެ އިން މުދާ ހުސްވިޔަ ނުދިނުމަށްޓަކައި ސަރުކާރުން ވަނީ ގިނަ ފިޔަވަޅު ތަކެއް އަޅަން ފަށާފަ އެވެ. މިގޮތުން ގައުމީ އެއާލައިން މޯލްޑިވިއަންގެ ޗާޓަރު ފްލައިޓެއްގައި 10 ޓަނުގެ މުދާ ރޭ ވަނީ ގެނެސްފަ އެވެ. މި ތަކެތީގެ ތެރޭގައި ތަރުކާރީ އާއި މޭވާ އަދި ބޭހުގެ ސާމާނު ހިމެނެ އެވެ. އަދި ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއް މާދަމާ މުދާ ބަލާ ފުރާނެ އެވެ.

ކޮވިޑް-19 ފެތުރެން ފެށުމާއެކު ގިނަ ގައުމުތަކެއްގެ ބޯޑަރުތައް ވަނީ ބަންދު ކޮށްފަ އެވެ. މި ބައްޔަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވް ވެފައިވަނީ 17 މީހުންނެވެ. މީގެތެރޭގައި ދެ ދިވެހިން ހިމެނެ އެވެ. ރާއްޖެ އިން ޕޮޒިޓިވްވި މީހުންގެ ތެރެއިން 13 މީހަކު ވަނީ ރަނގަޅުވެފަ އެވެ.