ކޮވިޑް-19 އާ ގުޅިގެން ހަރަދު ކުޑަ ކުރުމުގެ ގޮތުން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ޑިރެކްޓަރުންގެ ބޯޑާއި ސީނިޔަ މުވައްޒަފުންގެ މުސާރަ އިން 20 ޕަސެންޓް އުނި ކުރަން ނިންމައިިފި އެވެ.
އެމްޕީއެލް އިން ބުނީ ހަރަދު ކުޑަ ކުރުމުގެ ގޮތުން އެ ކުންފުނީގެ ބޯޑު މެންބަރުންނާއި ސީނިޔަ އެގްޒެކެޓިވް އަދި އެޗްއޯޑީންގެ މުސާރަ އިން 20 ޕަސެންޓް ކުޑަ ކުރަން ނިންމާފައިވާ ކަމަށާ، މިގޮތަށް ނިންމަން ޖެހުނީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާތީ ކަމަށެވެ.
އެ ކުންފުނިން ބުނީ މި ގޮތަށް ނިންމި ނަމަވެސް އެ ކުންފުނީގެ ޖޫނިއަ ސްޓާފުންގެ މުސާރަ އަށް ބަދަލު ގެނެސްފައި ނުވާނެ ކަމަށެވެ.
ސަރުކާރުގެ ހަރަދު ކުޑަ ކުރުމުގެ ގޮތުން ވަނީ ސިޔާސީ މުވައްޒަފުންގެ މުސާރަ ވެސް 20 ޕަސެންޓް ކުޑަ ކުރަން ނިންމާފަ އެވެ. އަދި ރައްޔިތުން މަޖިލީހުގެ މެންބަރުންގެ މުސާރައިން 20 ޕަސެންޓް އުނިކުރަން ވަނީ ހުށަހަޅާފަ އެވެ،
ރާއްޖޭން ވެސް އެ ވައިރަސް ފެނުމާ ގުޅިގެން ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ބައެއް ގައުމުތަކުން މީހުން އައުމުން ވެސް ވަނީ މަނާކޮށްފަ އެވެ. މިކަމާ ގުޅިގެން ދައުލަތަށް ބޭރުގެ ފައިސާ އިން ލިބޭނެ 400 މިލިއަނަށްވުރެ ގިނަ ޑޮލަރު ނުލިބޭނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވް 13 މީހަކު މިހާތަނަށް ރާއްޖޭން ވެސް ވަނީ ފެނިފަ އެވެ. އެއީ ހަތަރު ރިސޯޓެއްގައި ތިބި ޓޫރިސްޓުންތަކަކާއި ބިދޭސީންތަކެއްގެ އިތުރުން ސަފަރީއެއްގައި ތިބި ބިދޭސީންތަކެކެވެ. މިކަމާ ގުޅިގެން ސިއްހީ ކުއްލި ހާލަތު އިއުލާންކޮށް ރައްކާތެރި ކަމުގެ ފިޔަވަޅުތައް ސަރުކާރުން ދަނީ އަޅަމުންނެވެ.
ފިނޭންސް މިނިސްޓްރީން ވަނީ ހަރަދު ކުޑަ ކުރަން ފިޔަވަޅު ތަކެއް އަޅަން ސަރުކާރުން ވަނީ އަންގާފަ އެވެ. މިހާރު ކުރަމުންދާ ހަރަދުތަކުން އެއް ބިލިއަން ރުފިޔާ އުނި ކުރުމަކީ އަމާޒެއް ކަމަށް ބުނެފައިވެ އެވެ.