ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޖަލުތަކުގެ ފިޔަވަޅުތައް ލުއި ކުރަނީ

May 31, 2020

ސަރުކާރުން އާ އާންމު ހާލަތު އިއުލާންކުރުމުން، ކޮވިޑް-19 އާ ގުޅިގެން ކަރެކްޝަނަލް ސާވިސްއިން ބެލުމުގެ އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ލުއި ކުރާނެ ގޮތުގެ އުސޫލު ހާމަކޮށްފި އެވެ.

ކަރެކްޝަނަލް ސާވިސްއިން އާންމުކުރި އުސޫލުގެ ދަށުން ޖަލުތަކަށް ދެވޭ ލުއިތައް ވަނީ ތިން މަރުހަލާއަކަށް ބަހާލާފަ އެވެ. ފުރަތަމަ މަރުހަލާ ފެށިގެން ދާނީ މާލެ ފުރަބަންދު ކޮށްފައި އޮތްއޮތުމަށް ނިމުމަކަށް އައުމުން ނުވަތަ އެކަމަށް ލުއިތަކެއް ދިނުމަށް ނިންމާ ހިސާބުންނެވެ. ދެވަނަ މަރުހަލާ ފެށިގެންދާނީ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުޅުވާލާ ހިސާބުންނެވެ. އަދި ތިން ވަނަ މަރުހަލާ ފެށިގެން ދާނީ މިހާރު އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެންނަ ހިސާބުންނެވެ.

އުސޫލުގައިވާ ގޮތުން ފުރަތަމަ މަރުހަލާގެ ދަށުން ޖަލުތަކުގެ އެތެރޭގައި ހުއްޓިފައިވާ ކަންތައްތައް އަލުން ފެށޭނެއެވެ. އަދި ދެވަނަ މަރުހަލާގައި ޖަލުގެ ބޭރުން ކުރެވޭ ބައެއް ކަންތައްތައް ފެށިގެންދާއިރު، ތިން ވަނަ މަރުހަލާގައި އިތުރު ލުއިތައް ލިބިގެންދާނެއެވެ. އެހެން ނަމަވެސް ޖަލުން ނުވަތަ ޖަލު ހުރި ރަށަކުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ފަރާތެއް ފެނިއްޖެ ނަމަ ނޫނީ އެ ރަށެއް މޮނީޓަރިން ހާލަތަށް ގެނެވިއްޖެ ނަމަ، ސަރުކާރުން އަޅުއްވާ ފިޔަވަޅުތައް ރިއާޔަތްކޮށް، ޖަލުގެ އެލާޓް ލެވެލްއަށް ބަދަލުގެނެސް ލުއި ދިނުމުގެ މަރުހަލާތައް މެދު ކަނޑާލެވޭނެ ކަމަށް އުސޫލުގައިވެ އެވެ.

ޖަލުގައި ތިބި ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މިހާރުވެސް އަޅަމުންދާ ގިނަ ފިޔަވަޅުތައް މެދު ކެނޑުމެއްނެތި ކުރިއަށް ގެންދެވޭނެ ކަމަށް ކަރެކްޝަނަލްއިން ބުންޏެވެ. ހާއްސަކޮށް އަތް ދޮވުމާއި ޑިސްއިންފެކްޓްކުރުމަށާއި ސާފުތާހިރުކަމަށް އިސްކުރުމުގެ އިތުރުން ހުރިހާ ފަރާތެއްވެސް ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމަތްތައް ހުރިތޯ ކޮންމެ ދުވަހަކު ޗެކްކުރުމާއި، އެފަދަ އަލާމާތެއް ފެނިއްޖެ ހާލަތެއްގައި އަޅާނެ ފިޔަވަޅުތައް ވަނީ ހަމަޖައްސާފަ އެވެ. އަދި ގައިދީންނާއި ބަންދުމީހުންނަށް ޝަކުވާ އީމެއިލް މެދުވެރިކޮށް ފޮނުވޭނެ އިންތިޒާމް ހުރިހާ މަރުހަލާއެއްގައިވެސް ކުރިއަށް ދާނެ ކަމަށް ކަރެކްޝަނަލް ސާވިސްއިން ބުންޏެވެ.