ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ދުވަސްވީ މީހުން ރަނގަޅީ މާސްކު ނޭޅާ، ގައިދުރުކަން ބެހެއްޓުން

May 31, 2020
9

އުމުރުން ދުވަސްވި މީހުން ބޭރަށް ނިކުމެ ކަސްރަތު ކުރުމުގައި އުޅޭއިރު ރަނގަޅު ގޮތަކީ މާސްކު ނާޅާ، ގައިދުރުކަން ބެހެއްޓުން ކަމަށް އެޗްޕީއޭގެ އެޕިޑަމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ.

މާލޭގެ ލޮކްޑައުންއަށް ގެނައި ލުއިތަކުގެ ތެރެއިން އުމުރުން ދުވަސްވީ މީހުން ފަތިސް ވަގުތު ހިނގާލަން ދިޔުމުގެ ހުއްދަ ސަރުކާރުން ވަނީ ދީފަ އެވެ. އެގޮތުން މިހާރު އެ ފަރާތްތައް މާސްކު އަޅައިގެން ފަތިސް ގަޑީ ކަސްރަތު ކުރުމަށް ނިކުމެ އެވެ.

ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓާ (އެންއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމަށް އިޝާރާތް ކުރައްވާ ވާހަކަ ދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ އެ އުމުރުގެ މީހުން މާސްކު އަޅައިގެން ކަސްރަތު ކުރުމުގައި ބައެއް ކަހަލަ މައްސަލަތަކެއް ދިމާވެދާނެ ކަމަށާއި ފުއްޕާމޭގެ ބަލިތައް ނުވަތަ ނޭވާލާން އުނދަގޫވުމުގެ މައްސަލަ ހުންނަ ފަރާތްތައް މާސްކު އަޅައިގެން އުޅުން ރަނގަޅެއް ނޫން ކަމަށެވެ.

ހާއްސަ ގޮތެގައި އުމުރުން ދުވަސްވީ މީހުން ކަސްރަތު ކުރާއިރު އާންމުކޮށް ހިނގާ ވަރަށް ވުރެ ބާރަށް ހިނގާ ނަމަ ނުވަތަ ބައިސްކަލެއް ދުއްވާއިރު އެ މީހުން މާސްކު އެޅުން ރަނގަޅު ނުވާނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ. ސަބަބަކީ ފުއްޕާމެއާ އަދި ހަށިގަނޑުގެ ހާލަތަށް ބަލާއިރު ފަހަރެއްގައި އާންމުކޮށް ކުރާ ވަރަށް ވުރެ ބޮޑަށް ހަށިގަނޑަށް ބާރު ލުމުގެ ސަބަބުން ބޭނުންވާ މިންވަރަށް އޮކްސިޖަން ލިބުމުގެ ދަތިކަން ދިމާވެދާނެތީ ކަމަށް ވެސް ޑރ. އަފްޒަލް ވިދާޅުވި އެވެ.

ކޮވިޑް-19 އަކީ ވައިގެ ތެރޭގައި އުޅޭ ބައްޔެއް ނޫން ކަމަށާއި އެ ބަލި ޖެހެނީ އެހެން މީހުން ކައިރީގައި ހުރެގެން ކެއްސާ ކިނބިހިއަލާއިރު ވައިގެ ތެރެއަށް ބުރައިގެންދާ ކުޅުތަކުގެ ޒަރިއްޔާއިން ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ. އެހެންކަމުން އުމުރުން ދުވަސްވީ މީހުން ހިނގާލައި ކަސްރަތު ކުރަން ނިކުންނައިރު ކޮންމެހެން މާސްކު އަޅާކަށް ނުޖެހޭ ކަމަށާއި މަދުވެގެން ތިން ފޫޓު ދުރުގައި ތިބުން ރަނގަޅުވާނެ ކަމަށް ޑރ. އަަފްޒަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަބަދުވެސް މާސްކު އަޅާށޭ މިކިޔަނީ ދެ މީހަކު ކައިރިވާން ޖެހޭ ކަހަލަ ކަމެއް ދިމާވާއިރު. އެހެންވީމަ މި ބޭފުޅުންނަށް [ދުވަސްވީ މީހުންނަށް] އޮންނަ އިރުޝާދަކީ އެކަހެރިކޮށް އެކްސަސައިޒް ކުރައްވާށޭ، ދުއްވާފަ ދިޔަސް އެހެން މީހުންނާ ދުރުމިން ބަހައްޓައިގެން ދާށޭ އަދި އެކްސަސައިޒް ކުރައްވާއިރު މާސްކު ނޭޅުން އިނގޭތޯ ރަނގަޅީ އެ އުމުރު ފުރައިގެ މީހުންނަށް،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

ޑރ. އަފްޒަލް ވިދާޅުވީ މިހާތަނަށް ނިކުތް މީހުންގެ ފަރާތުން އެދެވިގެން ނުވާ ބައެއް ކަންކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އެގޮތުން އުމުރުން ދުުވަސްވީ މީހުން ފަތިހު ނިކުންނައިރު މީހުންނާއެކުގައި އެހެން އުމުރު ފުރައިގެ މީހުން ދާތަން ފެންނަ ކަމަށެވެ. އަދި ބައެއް ފަހަރު ގޭގެ ކުޑަކުދިން ވެސް އެ މީހުންނާ އެއްކޮށް ނިކުމެ އުޅޭކަން ފާހަގަ ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އއެވެ.

"އެއީ އެދެވިގެންވާ ގޮތެއް ނޫން, ރައްކާތެރި ގޮތެއް ވެސް ނޫން. ރަނގަޅު ގޮތަކީ ހުއްދަ ލިބިގެންވާ އުމުރުން ދުވަސްވީ މީހުން އެ ފުރުސަތުގެ ބޭނުންކޮށް، ކަސްރަތު ކުރުމަށް ވަޑައިގަތުން،" ޑރ. އަފްޒަލް ވިދާޅުވި އެވެ.