ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

33 މީހަކު ބޭސް ފަރުވާއަށް ބޭރަށް ގެންދަނީ

ރާއްޖޭގައި ފަރުވާ ދެވެން ނެތް، ހާލު ބޮޑު 33 މީހަކު ރާއްޖެއިން ބޭރަށް ގެންދަން މަސައްކަތް ކުރަމުން އަންނަ ކަމަށް އާސަންދަ ކުންފުނިން ބުނެފި އެވެ.

ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓާ (އެންއީއޯސީ) އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގު ވިދާޅުވީ ރާއްޖެއިން ބޭރަށް ކޮންމެހެން ދާން ޖެހޭ ސީރިޔަސް ހާލަތުގައި ތިބި ވަރަށް ބައިވަރު ބަލި މީހުން އެބަތިބި ކަަމަށާއި އެ މީހުން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެ މީހުން ބޭރަށް ގެންގޮސް ދޭން ޖެހޭ ހިދުމަތްތައް ފޯރު ކޮށްދިނުމަށްޓަކައި ފޮރިން މިނިސްޓްރީން އިންޑިޔާ އަދި ސްރީލަންކާ ސަރުކާރާ ވާހަކަ ދައްކަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޮޑަށް އިސްކަން ދޭނީ ރާއްޖޭގައި އެއްގޮތަކަށް ވެސް ލިބެން ނެތް ހިދުމަތްތައް ފޯރު ކޮށްދިނުމަށް. މިސާލަކަށް ރޭޑިއޭޝަން ދިނުމަށް ނުވަތަ ބޮޑެތި ސާޖަރީތައް ހެދުމަށްޓަކައި،" މަރިޔަމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ބަލި ހާލަތު ކްރިޓިކަލް ލިސްޓުގައި ގިނަ އަދަދެއްގެ މީހުން އެބަތިބި ކަމަށާއި އެހެން ނަމަވެސް އޭގެ ތެރެއިން ވެސް އެންމެ ސީރިޔަސް 33 މީހަކު ބޭރަށް ގެންދިޔުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ބައެއް މީހުން ބޭރަށް ފުރުވަން ސަރުކާރުން މަސައްކަތް ކުރާއިރު، ރާއްޖެއިން ބޭރުން ފަރުވާ ހޯދަންޖެހޭ މީހުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް އިންޑިޔާގެ އަމްރިތާ ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލް އަދި އާސަންދަ ގުޅިގެން ޓެލެ ކޮންސަލްޓޭޝަން ހިދުމަތް ވެސް ފަށާފައި ވެއެވެ.