ބޮލީވުޑް

އަރްޝަދު ވާރްސީގެ ޑްރައިވަރަކަށް އަބީޝެކް މަސައްކަތްކުރި

ބޮލީވުޑްގެ އެންމެ ވަރުގަދަ ޝަހްސިއްޔަތު އަމީތާބު ބައްޗަން އާއި ކުޅަދާނަ ބަތަލާ ޖާޔާ ބައްޗަންގެ ފިރިހެން ދަރިފުޅަށް ވީތީ އަބީޝެކް ބައްޗަންގެ ހަޔާތް ވަރަށް އުފާވެރިވެފައި ފުރިހަމަވާނެ ކަމަށް ގަބޫލުކުރާ މީހުން ވަރަށް ގިނަ ވާނެ އެވެ.

ފިލްމު ކުޅެން ބޭނުންވީމަ ވެސް އޭނާއަށް އެއްވެސް ބުރައެއް އުފުލަން ނުޖެހި ފިލްމުތައް ލިބެމުންދާ ކަމަށް ވެސް ގިނަ މީހުންނަށް ހީވާނެ އެވެ. ނަމަވެސް 2010 ގައި އަބީޝެކް ދީފައިވާ އިންޓަވިއު އެއްގައި ބުނެފައިވާ ގޮތުގައި އެއީ މީހުންނަށް ހީވެފައިވާ ކުށް ހީއެކެވެ. ކެރިއަރުގެ ކުރީކޮޅު އޭނާއަށް އުޅެން ޖެހުނީ ވަރަށް ހާލުގަ އެވެ.

އެގޮތުން ޕްރޮޑަކްޝަން އެސިސްޓެންޓެއްގެ ގޮތުގައި ފިލްމު ސެޓުގައި ޖެހޭ ހުރިހާ ކަމެއް ވެސް އޭނާ ކުރި ކަމަށް އަބީޝެކް ބުންޏެވެ. އަބީޝެކް އެކްޓަރެއްގެ ގޮތުގައި ބޮލީވުޑަށް ތައާރަފްވީ 2000 ގައި ރިލީޒްކުރި ޖޭޕީ ދައްތާ ޑައިރެކްޓްކުރި "ރެފިއުޖީ" އިން ކަރީނާ ކަޕޫރާ އެކުގަ އެވެ.

"އަހަރެންނަށް ފިލްމެއް ލިބެން ވެސް ދެ އަހަރު ދުވަހު އިންތިޒާރު ކުރަން ޖެހުނު. އޭގެ ކުރިން މަސައްކަތް ކުރީ ޕްރޮޑަކްޝަން ޓީމުގައި. ޕްރޮޑަކްޝަން ބޯއީ އެއްގެ ހައިސިއްޔަތުން މީހުންނަށް ސައި ހަދާފައި ދިނުމާއި ސްޓޫޑިއޯގެ ތަޅުންގަނޑު ކުނިކެހުން ފަދަ ކަންތައްތައް ވެސް ކުރަން ޖެހުނު. އަދި އަރްޝަދު ވާރްސީގެ ޑްރައިވަރަކަށް ވެސް އުޅުނިން،" މެންޗެސްޓާ އިވްނިން ނިއުސްއަށް ވަރަށް ކުރިން އަބީޝެކް ދީފައިވވާ އިންޓަވިއު އެއްގައި ބުނެފައި ވެއެވެ.

ކެރިއަރުގެ ފުރަތަމަ ތިން އަހަރު އަބީޝެކް އަށް ލިބުނީ ވަރަށް ކުޑަ ކާމިޔާބެކެވެ. އޭނާގެ ފިލްމުތައް ބޮކްސް އޮފީހުގައި ފެއިލްވެ ކްރިޓިކްސްގެ ފާޑުކިޔުންތައް އަމާޒުވުމުގެ ސަބަބުން ގެއިން ބޭރަށް ވެސް ނުކުންނަން ނުކެރިފައި އެ ތިން އަހަރު ހުރި ކަމަށް އަބީޝެކް ބުންޏެވެ.

"އަހަރެންގެ ފިލްމުތަކަށް ކްރިޓިކްސް ލިޔެފައިވާ ގޯސް ރިވިއުތައް ޕްރިންޓް ކޮށްގެން ލޯގަނޑުގައި ތަތްކޮށްފައި އަހަރެން ބެހެއްޓިން. އަދި އެމީހުން ފާޑުކިޔާފައި ހުރި ކަންކަން ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރި،" އަބީޝެކް ބުންޏެވެ.

އަބީޝެކްގެ ކެރިއަރަށް ކިރިޔާ ވެސް ހަމަޖެހުމެއް އައީ މަނީ ރަތުނަމްގެ "ޔޫވާ" އާއި ސަންޖޭ ގަދުވީގެ "ދޫމް" އަށް ލިބުނު ބޮޑު ކާމިޔާބުންނެވެ. އޭގެ ފަހުން އޭނާގެ "ބަންޓީ އައުރް ބަބްލީ" އާއި "ދޫމް" ސިލްސިލާގެ އިތުރު ފިލްމުތައް އަދި "ގުރޫ"، "ޕާ" އަދި "ބޯލް ބައްޗަން" އަށް ރަނގަޅު ކާމިޔާބެއް ލިބުނެވެ.

އަބީޝެކް ދެން އެންމެ އަވަހަށް ފެންނާނީ އަނުރާގު ބާސޫ ޑައިރެކްޓްކުރާ "ލޫޑޯ" އިންނެވެ. މި ފިލްމުގެ ބަތަލާއިންނަކީ ސަންޔާ މަލްހޯތުރާ އާއި ފާތިމާ ސަނާ ޝޭޚް އެވެ. އަދި ރާޖްކުމާރު ރާއޯ އާއި އަދިތުޔާ ރޯއި ކަޕޫރު ވެސް ފިލްމުގައި މުހިއްމު ބައިތަކެއް ކުޅެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މި ފިލްމު ތިއޭޓަރުގައި ނާޅުވާ ސީދާ ޑިޖިޓަލް ރިލީޒްއަކަށް ދިއުމުގެ މަޝްވަރާތައް މިހާރު ކުރިޔަށް އެބަދެ އެވެ.