ކޮވިޑް-19 ފެތުރެމުން ދާތީ، ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ޓޫރިޒަމް ސިނާއަތް ހުޅުވާލަން ގިނަ ގައުމުތަކުން ދަނީ ތައްޔާރު ވަމުންނެވެ.
ސީއެންއެން ޓްރެވަލްގައިވާ ގޮތުގައި ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާއެކު ގިނަ އިންޓަނޭޝަނަލް ޑެސްޓިނޭޝަން ތަކެއް ދަނީ ޓޫރިސްޓުން ގެންނަން އެ ގައުމުތަކުގެ އިގްތިސޯދު ހުޅުވާލަން ތައްޔާރު ވަމުންނެެވ. މިގޮތުން ޔޫރަޕިއަން ޔޫނިއަން އިން ވަނީ ޓޫރިޒަމް ހުޅުވާލުމަށް ހާއްސަ ގައިޑްލައިންއެއް އެކުލަވާލާފަ އެވެ. ކެރީބިއަންއަށް ނިސްބަތްވާ ގިނަ ގައުމުތަކުން ދަނީ މި މަހުގެ ތެރޭގައި ޓޫރިސްޓުންނަށް ބޯޑަރުތައް ހުޅުވާލަން ތައްޔާރު ވަމުންނެވެ.
ދިވެހިރާއްޖެ
ދުނިޔޭގެ އެންމެ ލަގްޒަރީ ޓޫރިޒަމް އޮތް އެއް ގައުމުތަކަށްވާ ދިވެހިރާއްޖެ ލޮކްޑައުން ކުރީ މާޗް މަހު އެވެ. އަދި އެޕްރީލް މަހު ރާއްޖެއަށް މީހުން އައުން ހުއްޓާލި އެވެ. ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން ކޮވިޑް-19 ބަލި ޖެހޭ މީހުން ކަރަންޓީން ކުރުމަށް 30 ރިސޯޓެއް ހާއްސަ ކޮށްފައިވެ އެވެ. ރާއްޖެއިން ވަނީ ޖުލައި މަހު ޓޫރިޒަމް ހުޅުވާނެ ކަމަށް ބުނެފަ އެވެ.
ސައިޕްރަސް
މެޑިޓެނޭނިއަން ރީޖަންގެ ގައުމެއް ކަމަށްވާ ސައިޕްރަސް އިން ދަނީ މިމަހުގެ 26 ވަނަ ދުވަހު އެއާލައިންތަކަށް ބޯޑަރު ހުޅުވާލަން ޕްލޭން ކޮށްފަ އެވެ. އެ ގައުމުން ބޯޑަރު ހުޅުވާލުމުގެ އިތުރު ވަނީ 100 އެނދުގެ ކަރަންޓީން ހޮޓެލެއް ހަދާފަ އެވެ.
އިންޑޮނޭޝިއާގެ ބާލީ
އިންޑޮނޭޝިއާގެ ބާލީ އިން ކޮވިޑް-19 ޖެހިފައިވާ 350 ބަލި މީހުން ފެނުނެވެ. އަދި ބާލީން މަރުވެފައި ވަނީ ހަތަރު މީހުންނެވެ. ޓޫރިޒަމް ސިނާއަތަށް އިގްތިސޯދުގެ ބޮޑު ބައެއް ބަރޯސާވެފައިވާ ބާލީއަށް 2019 ވަނަ އަހަރު 6.3 މިލިއަން މީހުން ޒިޔާރަތް ކުރި އެވެ. ބާލީ ހުޅުވާލަން ތައްޔާރު ވަމުންދަނީ އޮކްޓޫބަރު މަހު އެވެ.
ތައިލެންޑް
ތައިލެންޑަށް މިދިޔަ އަހަރު 40 މިލިއަން މީހުން ޒިޔާރަތް ކުރި އެވެ. އެ ގައުމުން ކޮވިޑް 3،000 އަށްވުރެ ގިނަ މީހުންނަށް ޖެހިފައިވާއިރު 50 މީހުން ވަނީ މަރުވެފަ އެވެ. ޓޫރިޒަމް އޮތޯރިޓީ އޮފް ތައިލެންޑް (ޓީއޭޓީ) ގެ އެ ގައުމުން ދަނީ ޓޫރިޒަމް ހުޅުވާލަން ތަފާތު ޕްލޭންތަކެއް ރާވަމުންނެވެ. މިގޮތުން ގިނަ ކަންތަނުން "ލޯންގް ސްޓޭ ޕެކޭޖު" ތަކެއް ދީފައިވާއިރު، އެ ގައުމުގެ ޝޮޕިން މޯލްތަކާއި އަދި ޓޫރިސްޓު އެޓްރެކްޝަންތައް ހުޅުވާލަން ތައްޔާރު ވަނީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ. ނަމަވެސް އެ ގައުމުން އަންދާޒާ ކުރާ ގޮތުގައި މި އަހަރު އައި ޓޫރިސްޓުންގެ އަދަދު 14 މިލިއަން މީހުންނާއި 16 މިލިއަން މީހުން މަދު ވެގެންދާނެ އެވެ.
ފްރާންސް
ފްރާންސް އިން ވަނީ އެ ގައުމުގެ ބައެއް ސިޓީތަކުގައި އޮތް ލޮކްޑައުންތަކަށް ލުއި ދީފަ އެވެ. ނަމަވެސް ބައެއް ގައުމުތަކުން އެ ގައުމަށް ދާ މީހުން ފުރަތަމަ 14 ދުވަހުގެ ކަރަންޓީނަށް ދާން ޖެހެ އެވެ. އެ ގައުމުން ވަނީ ކާރުގައި ދުއްވާފައި 100 ކިލޯ މީޓަރުން ދެވޭ ރާސްތާގައި ހުރި ބައެއް ތަންތަނަށް ލުއި ދީފަ އެވެ. މިގޮތުން މި ރާސްތާގެ ބައެއް ސަރަހައްދުތަކުގެ ބީޗްތައް ވެސް ހުޅުވާލާފަ އެވެ. އަދި އެ ގައުމުގެ ގިނަ ރެސްޓޯރެންޓްތަކާއި ކެފޭތައް މިމަހުގެ ކުރީކޮޅު ހުޅުވާލާނެ އެވެ.
ގްރީސް
ގްރީސްގެ ގައުމީ އުފެއްދުންތެރިކަމުގެ 20 ޕަސެންޓް ހިއްސާ ކުރަނީ ޓޫރިޒަމް ސިނާއަތެވެ. ޔޫރަޕުގެ ގައުމުތަކަށް ބަލާއިރު ކޮވިޑް-19 އާ ގުޅިގެން ހަރުކަށި ލޮކްޑައުން ގޮތްތަކެއް ގްރީސް އިން ގެންގުޅުނެވެ. ނަމަވެސް މިމަހުގެ 15 އިން ފެށިގެން އެ ގައުމުގެ މުހިންމު ތަންތަން ހުޅުވާލަން ފަށަން ވަނީ ނިންމާފަ އެވެ.
ޖަރުމަނު ވިލާތް
ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން ކޮވިޑް-19 ބަލި ނިސްބަތުން ކޮންޓްރޯލް ކުރި އެއް ގައުމު ކަމަށްވާ ޖަރުމަނުވިލާތުން ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުން ފެށިގެން ހުޅުވާލަން ނިންމާފަ އެވެ. ނަމަވެސް ސޯޝަލް ޑިސްޓެންސިންނާއި މިނޫންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ވަނީ އިލްތިމާސް ކޮށްފަ އެވެ.
މެކްސިކޯ
ދެކުނު އެމެރިކާގެ މެކްސިކޯއިން ފުރަތަމަ ހުޅުވާލަނީ އެތެރޭގެ ޓޫރިޒަމެވެ. އެއީ އެމެރިކާ އާއި ކެނެޑާގެ މީހުންނަށެވެ. އެއްކޮށް ހުޅުވާލަން ޕްލޭން ކޮށްފައިވަނީ މި މަހުގެ 15 ވަނަ ދުވަހު އެވެ.
ތުރުކީ
ތުރުކީއަށް މިދިޔަ އަހަރު ޓޫރިޒަމުން 34 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ. އެ ގައުމުން ވަނީ މިދިޔަ މަހުގެ ތެރޭގައި އެތެރޭގެ އިގްތިސޯދު ހުޅުވާލާފަ އެވެ. އަދި އެހެން ގައުމުތަކުން ތުރުކީއަށް ދާން ބޭނުންވާ މީހުންނަށް ހުޅުވާލަން ޕްލޭން ކޮށްފައިވަނީ މި މަހުގެ މެދުތެރޭގަ އެވެ.
އިޓަލީ
ކޮވިޑް-19 ގެ ސަބަބުން އެންމެ ގިނަ މީހުން މަރުވި ގައުމުތަކުގެ ތެރޭގައި އިޓަލީ ހިމެނެ އެވެ. އެ ގައުމުން ވަނީ ލޮކްޑައުންއަށް ލުއި ދީފަ އެވެ. ނަމަވެސް އިންޓަނޭޝަނަލް ޓްރެވަލާސް އަށް ހުޅުވާލަން ޕްލޭން ކޮށްފައި ވަނީ އަންނަ މަހުގެ އަށް ވަނަ ދުވަހު އެވެ.
ސްޕެއިން
ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން އެންމެ ހަރުކަށިކޮށް ލޮކްޑައުން ކުރި އެއް ގައުމަކީ ސްޕޭނެވެ. ނަމަވެސް މި މަހުގެ މެދުތެރޭގައި ވިޔަފާރިތައް ހުޅުވާލާނެ އެވެ. އަދި އެހެން ގައުމުތަކުގެ މީހުންނަށް ހުޅުވާލަން ޕްލޭން ކޮށްފައި ވަނީ ޖުލައި މަހު އެވެ.
އެސްޓީ ލޫސިއާ
ކެރީބިއަންގެ އެސްޓީ ލޫސިއާ ލޮކްޑައުން ކުރީ މާޗް މަހު އެވެ. ނަމަވެސް މި މަހުގެ ހަތަރު ވަނަ ދުވަހު އެ ގައުމު ހުޅުވާލަން ވަނީ ނިންމާފަ އެވެ. ފުރަތަމަ ހުޅުވާލާނީ އެމެރިކާ މީހުންނަށެވެ.
ޕޯޗްގަލް
ޕޯޗްގަލް އިން ވަނީ މިދިޔަ މަހުގެ މެދުތެރެއިން ފެށިގެން ލުއިތަކެއް ދީފަ އެވެ. ނަމަވެސް އީޔޫގެ ގައުމުތަކުން ބޭރުގެ މީހުންނަށް ހުޅުވާލާނީ މިމަހުގެ 15 އިން ފެށިގެންނެވެ.