ދުނިޔެ

ގާޒާ ބޯޑަރު ކައިރީގައި ހުރި އެތައްހާސް ގެއެއް މިސްރުން ބިމާހަމަކޮށްލައިފި

Sep 22, 2015

ގާޒާ ބޯޑަރާ ވީ ފަޅިން ބޮޑު ސަރަހައްދެއް ހުސް ކުރުމަށް މިދިޔަ އަހަރު މިސްރުން ފެށި މި ޕްރޮގްރާމުގެ ބޭނުމަކީ ހަނގުރާމަވެރިން ހަތިޔާރު އެތެރެ ކުރާ ޓަނަލް ތައް ބަންދު ކުރުން ކަމަށް ސަރުކާރުން ބުނެއެވެ.

ހިއުމަން ރައިޓްސް ވޮޗް ރިޕޯޓް ކޮއްފައިވާ ގޮތުގައި މި ސަރަހައްދު ތަކުން މީހުން ހުސްކުރުމުގައި މިސްރު ސަރުކާރުން ބައިނަލް އަގްވާމީ ގާނޫނު ތަކާއި ހިލާފު ވެފައިވެއެވެ. މިގޮތުން ހުސް ކުރެވޭ ސަރަހައްދު ތަކުގެ އާންމުންނަށް އެ ކަން ކުރިން އެންގިފައި ނެތުމާއި، ބަދަލުގައި އެހެން ތަނަކުން ގެއެއް ނުވަތަ އުޅެވޭނެ ގޮތެއް ސަރުކާރުން ހޯދައިދީފައި ނެތުން ފާހަގަ ކޮއްފައި ވެއެވެ.

އެހެން ނަމަ ވެސް މިސްރު ސަރުކާރުން ބުނީ އެ ސަރަހައްދުތަކުގެ އާންމުންގެ އެއްބާރުލުން ލިބުނު ކަމަށެވެ.

އަސްކަރީ ބާރުތަކުން މޯސީ ގެ ވެރިކަން ނިމުމަކަށް ގެނައީއްސުރެ އުތުރު ސައިނާއީ ގައި އުޅޭ ހަތިޔާރު އެޅި ގުރޫޕް ތަކުގެ ހަރަކާތްތަކާއި ހަމަލާތައް ވަނީ އިތުރު ވެފައެވެ. އޭރުއްސުރެ މިސްރުގައި ހިނގަމުންދާ ހަމަ ނުޖެހުން ތަކުގައި މިހާތަނަށް 3600 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރެއިން ގިނަ މީހުން މަރުވެފައިވަނީ ސަރުކާރުން ބިން ހުސްކުރުމުގެ ޕްރޮގްރާމް އިއުލާނު ކުރި ފަހުންނެވެ.