ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

މި ކުދިން ދައްކަނީ ކޮން ވާހަކައެއް؟

މާލޭގައި އެތައް ހާސް ކުޑަކުދިންނެއްް ދިރިއުޅޭއިރު ކޮވިޑް-19 އާއެކު މާލެ ލޮކްޑައުން ކުރުމުން މި ހުރިހާ ކުދިން ވެސް ގޭ ބަންދުވީ އެވެ. ދުވެލަން ކުޅެލަން ނިކުމެވޭނެ ދުވަހެއް ނޭނގެ އެވެ. ލޮކްޑައުން އަކީ އެކުދިންއަށް ލިބުނު ބޮޑު ޗުއްޓީއެއް ނޫނެވެ. ޗުއްޓީގައި އެ ކުދިން އުފާ ކޮށްލަން ދަތުރު ދިއުމާއި ޕާކުތަކަށް ދިއުމާއި އައިސްކްރީމް ބޯލަން ބޭނުންނަމަ ދެވިދާނެ އެވެ. އާއްމުކޮށް ދާތަންތަނަށް ނުދެވި އަދި ލޮކްޑައުންގައި ހުރިހާ ވަގުތެއްގައި ގޭގައި ތިބޭ މި ދުވަސްތަކަކީ ކުދިންނަށް ތަފާތު ތަޖުރިބާ އެކެވެ.

ލޮކްޑައުންގައި މައިންބަފައިން ކުދިންނަށް މި ދަތި ދުވަސްތަކުގެ ހާސްކަން އިހުސާސްވިޔަ ނުދީ މިއީ އެކުދިންގެ ހަޔާތުގައި އުފާވެރި ތަޖުރިބާއަކަށް ހަދަން ކަންކަން ރާވާ އިންތިޒާމް ކުރާނެ އެވެ. ލޮކްޑައުންގައި ކުދިން ކުރާ ތަޖުރިބާ އާއި އެކުދިންގެ ވަގުތު ހޭދަ ކުރާ ގޮތާއި އިހުސާސްތަކަކީ ކޮބައި ހެއްޔެވެ؟

ލާރާ

އުމުރުން ނުވަ އަހަރުގެ ލާރާ އަބްދުﷲ ވިސާމް އަކީ ބިލަބޮންގް ސުކޫލްގެ ދަރިވަރެކެވެ. ސްކޫލަށް ނުގޮސް މިދުވަސްކޮޅު ގޭގައި ހުންނަނީ ކީއްވެގެން ލާރާއަށް އެނގެ އެވެ. ކޮވިޑް-19 އަކީ ކޯއްޗެއްކަން ދެނެގަތުމަށް ހާއްސަ ޕްރޮޖެކްޓެއް މަންމަގެ އެހީތެރިކަމާއެކު ހެދިއެވެ. ކޮވިޑާގުޅޭ މައުލޫމާތު ހޯދާލައި އެކަމާއި ގުޅޭ ގޮތުން ލިޔެ ޕޯސްޓަރު ހަދާ ގޭގައި ހިއްޕީ އެވެ. ކޮވިޑާ ހެދި ސުކޫލް ބަންދު ވިޔަސް ސުކޫލް މާ ބޮޑަކަށް މިސް ނުވާ ކަމުގައި ލާރާ ބުންޏެވެ.

ލާރާ ގޭގައި ހޭދަ ކުރާ ވަގުތުތަކުގައި ވަރަށް ގިނަ ކަންކަން ކުރެ އެވެ. ފޮތް ކިޔުމާއި ޓީވީ ބެލުމާއި ގޭގެ މަސައްކަތް ކުރުމާއި ކުޅުން ހިމެނެއެވެ. އެންމެ ކުރާ ހިތް ނުވާ ކަމަކީ ލޯންޑްރީ ކުރުން ކަމުގައި ލާރާ ބުނެ އެވެ. މި ލޮކްޑައުންގައި އެންމެ އުފާވެރި ކަމަކަށް ލާރާއަށް ދިމާވީ އުފަންދުވަސް އައުމެވެ. އަދި ލޮކްޑައުން ނިންމާލާ އެންމެ ކުރަން ބޭނުން ކަމަކީ މާމަ ކާފައާއި ބައްދަލުވުމެވެ. އެއީ ލާރާގެ އުއްމީދެވެ.

ލައިބާ

އެއްބަނޑު އެއްބަފާ ތިން ކުދިން ހިމެނޭ އާއިލާއެއްގައި މެދަށް ހުންނަނީ ލައިބާ އެވެ. އުމުރުން ފަސް އަހަރުގެ ލައިބާ ވެސް ދައްތަ ލާރާއާއެކު ކޮވިޑް-19 އާއި ގުޅޭ މައުލޫމާތު ހޯދާ ޕޯސްޓަރު ހެދި އެވެ. މިއީ އާއިލާ އެއްކޮށް ކޮށްލި މަޖާ ވެސް ކަމަކެވެ.

ކެންގަރޫ ކިޑްސްގައި ކިޔަވަމުން ދާ ލައިބާއަށް ސްކޫލް މިސް ވެއެވެ. ލައިބާ ބުނާ ގޮތުގައި ލައިބާއަށް ސްކޫލެއް ނޯވެއެވެ. ލަސްކޫލަށް ނުދެވުމަކީ ދެރަ ކަމެކެވެ. ގިނައިން ސްކޫލަށް ދަންޏާ ގިނަ ކަންކަން އެނގޭނެ އެވެ. އަދި ގިނަ ކަންކަން ކުރާ ހިއްވާ ލައިބާ ބުނާ ގޮތުގައި އޭނާ ދުވަސް ހޭދަކުރަނީ ކެއްކުމާއި ކުޅުމާއި ނިދުމުުގަ އެވެ. ދެން އަނެއް ދުވަހު ހޭލަފައި ވެސް އެކަންކަން ކުރަނީ އެވެ. އެންމެ އުފާވަނީ ގޭގައި ކާ އެއްޗެހި ހުންނާތީ އެވެ. އަދި ބައްޕަ ގާތު، ގޭގަ ހުރެވޭތީ އެހެން ކަމެއް ބޭނުމެއް ނޫނެވެ. ލޮކްޑައުން ނިންމާލާ ކުރަން ބޭނުން އެއްކަމަކީ އައިސްކްރީމް ބޯން ދިއުމެވެ.

ޒައުލް

އުމުރުން އަށް އަހަރުގެ ޒައުލް އަކީ އިސްކަންދަރު ސްކޫލްގެ ދަރިވަރެެކެވެ. އަބަދުވެސް ގިނަ ކުދިންނާއި އެކުވެރިކޮށް އަދި ގުޅުން ބާއްވާ ޒައުލްއަށް ލޮކްޑައުންވީ ފޫހި ކަމަކަށެވެ. ސްކޫލް ބަންދުވެ އެކުވެރިންނާއި ދިމާ ނުވާތީ އެވެ. މިއީ ލޮކްޑައުންގައި ޒައުލް އެންމެ ދެރަވާ ކަމެވެ. ރައްޓެހި ކުދިންނާއި ދިމާ ނުވުމުްނެވެ. ގޭގައި ހޭދަކުރާ ވަގުތު ކޮއްކޮ އާއި އެއްކޮށް ކުޅެ ޔޫޓިއުބް ބަލައިގެން އެކްސްޕެރިމަންޓް ޒައުލް ހަދައެވެ.

މިއީ ޒައުލް އެންމެ އުފާވާ ކަން ކަމުގައި ބުންޏެވެ. ކަރުދާސް ފަތްޖަހައިގެން އެކި ކަހަލަ ކްރާފްޓް އޭނާ ހަދައެވެ. ޒައުލް ބުނާ ގޮތުގައި ހުރިހާ ކުދިން ގޭގައި ތިބެން ޖެހެނީ ކޮރޯނާ ވައިރަސް ނުފެތުރުމަށެވެ. ލޮކްޑައުން ނިމުމުން ޒައުލް އެންމެ ބޮަޑަށް ދާހިތްވަނީ ވިލިމާލޭ މޫދަށެވެ. މޫދަށް އެރިލާ ފަތާލާ އަދި ޖޫސްޕެޓީއެއް ބޯލާށެވެ.

ޒެކް

ޒަހްޔާން (ޒެކް) މިއީ ޒައުލްގެ ފަސް އަހަރުގެ ކޮއްކޮ އެވެ. ޒެކް އަކީ ވަރަށް ދިރޭ އެއްޗެހި ދެކެ ލޯބިވާ ކުއްޖެކެވެ. ކޮންމެ ދުވަހަކު ވެސް ހޭލައިގެން ގެންގުޅޭ މަސްތަކަށާއި ކުޑަ ކުޑަ ވެލައަށއް ކާންދީ ހަދަނީ ޒެކް އެވެ. އެތަކެތި ބެލެހެއްޓުމަކީ ޒެކްގެ އެންމެ ކުރާހިތްވާ ކަމެވެ. ޒެކް އެންމެ އުފާވީ އީދު ހަދިޔާ އެއް ލިބުމުން ކަމުގައި ބުންޏެވެ.

ޒެކް އަކީ އަހުމަދިއްޔާ ސްކޫލަށް ދާ ކުއްޖެކެވެ. ސްކޫލަށް ނުދާތާ މާ ގިނަ ދުވަސް ވުމުން މިހާރު ސްކޫލަށް ދާ ހިތް ވެއެވެ. ޒެކް ކަންބޮޑުވާ އެއްކަމީ ސްކޫލަށް ނުގޮސް މާގިނަ ދުވަސްވުމުން ޒެކްގެ އާންޓީ ޒެކްގެ ނަން ހަނދާން ނެތިދާނެތީ އެވެ. އާންޓީއަށް ގުޅާ ޒެކްގެ ނަން ހަނދާން ހުރިތޯ ބެލި ކަމަށް ބުންޏެވެ. ޒެކް ބުނި ގޮތުގައި ޒެކް ދުވާ ހިތް ވާތީ ލޮކްޑައުން ނިމުމުން ޒެކް ބޭނުން ވަނީ ސްޓޭޑިއަމް އަށް ގޮސް ދުވެލާށެވެ.

އަލާން

އެއްބަނޑު އެއްބަފާ ތިން ބެއިންގެ ތެރެއިން އަލާން އަކީ އެންމެ ދޮށީ ކުއްޖާ އެވެ. އުމުރުން ނުވަ އަހަރުގެ އަލާން އަކީ އިސްކަންދަރު ސްކޫލްގައި ކިޔަވާ ކުއްޖެކެވެ. އަލާން ބުނާ ގޮތުގައި މުޅި ދުވަހު އެއްކޮށް ގޭގައި ހުންނަން އަލާން އަށް އެހާ ގޯހެއް ނޫނެވެ. އެއީ ކޮއްކޮމެންނާއި އެކި ކުޅެލެވޭތީ އެވެ. މި ލޮކްޑައުންގައި އެންމެ އުފާވެރިކަމަކަށް އަލާން އަށް ދިމާވީ ކޮއްކޮގެ އުފަން ދުވަސް އައިމައެވެ. ކޮވިޑް-19 އާއި ގުޅޭ ކަންކަން ހޯދުމަށް އަލާން ޝައުގުވެރި ވެއެވެ. ގޭގައި ތިބެން ވަނީ ކީއްވެކަން ކޮއްކޮމެންނަށް ކިޔައި ދެއެވެ.

އަލާން ބުނި ގޮތުގައި ލޮކްޑައުން ނިމުުމުން އެންމެ ދާން ބޭނުންވަނީ އައްޑޫ ނޫން އެހެން ތަނަކަށެވެ. ތިމާވެއްޓަށް ހާއްސަ ސަމާލު ކަމެއްދީ އަދި ލޯތްބެއް ހުންނަ އަލާން ބޭނުންވަނީ ރ. ވާދޫ ގެ ގޮނޑުދޮށް ބަލައިލުމަށް ކަމުގައި ބުންޏެވެ.

"އެ ގޮނޑުދޮށަކީ ދިއްލިފައި އޮންނަ ތަނެއް،" ކަމުގައި ބުންޏެވެ.

ނައިލީ

ނައިލީ އަކީ އެންމެ ތުއްތު ކުއްޖާ އެވެ. ނައިލާގެ އަދި ވީ އެންމެ ތިން އަހަރެެެވެ. ހަތަރު އަހަރު ވަނީ މި މަހު ނުވައެއް ގައެވެ. އުފަން ދުވަހަށް އިންތިޒާރުގައި ހުރި ނައިލީގެ އުފަންދުވަސް މިފަހަރު ތަފާތެވެ. ލޮކްޑައުންގައި އަންނާތީ އެވެ. ލޮކްޑައުންގައި ނައިލީ އެންމެ މިސްވަނީ އޭނާގެ ކަޒިންސް ނޯޔާ އަދި ކައިނާ އެވެ.

ކޮންމެ ދުވަހަކުވެސް ވީޑިއޯ ކޯލް ކުރުމުގައި ނައިލީ ވަގުތު ހޭދަ ކުރެއެވެ. ލޮކްޑައުންގައި އެންމެ ގިނަ ވަގުތު ހޭދަކުރީ ކުރެހުމުގަ އެވެ. އަދި މިހާރު ވަރަށް ކުރަހާހިތްވާ ކަމުގައި ނައިލީ ބުންޏެވެ. ނައިލީ ބުނާގޮތުގައި ކޮރޯނާ ވައިރަސް އާއި ހެދި ނާއިލީ ހަމަ ގޭގައި ހުންނަން ޖެހެނީ އެހެންތާކަށް ނުގޮހެވެ. އެންމެ ދާން ބޭނުމީ ޕާކަށް ކުޅެލަންށާއި ކަޒިންގެ ގެއަށް ކަމުގައި ބުނެއެވެ.

މި ކުދިންގެ ވާހަކައިން އެނގެނީ އެކުދިން ބޭނުންވާ ކަންކަމާއި މިހާރު ހިނގަމުންދާ ކަންކަމަށް ހޭލުންތެރިވެފައިވާ ވަރެވެ. މާ ބޮޑެތި ކަންތަކެއް ނޫން ކަމުގައި ވިއަސް ލޮކްޑައުން ނިމިގެން އެކި ކަންކަން ކުރުމަށް ބޮޑު އުއްމީދެއް އެބައޮތެވެ. މާމަ/ކާފަ ދެކިލާ، އައިސްކްރީމް ބޯލާ އަދި ޖޫސްޕެޓީއެއް ބޯލާ މޫދަށް ދިއުމަށެވެ. ސްޓޭޑިއަމްގައި ދުވެލާ ރީތި ގޮނޑުދޮށެއް ބަލާލަން ގޮސް ޕާކުގައި ކުޅެލާށެވެ.

ކުޑަކުދިންގެ ދުޅަހެޔޮ ގޮތުގައި ހެދި ބޮޑުވުމަށް އެ ކުދިންގެ އެއް ފުރައިގެ ކުދިންނާއި އެކު ކުޅެލާ އުފާކޮށްލާ ބޭނުން ވެއެވެ. ދުވެލާ ފުންމާ ހެދުމުން ގައިގައި ބޮޑެތި މަސްތަކުގެ ވަރުޖެހެއެވެ. އަދި މިކަމުން އެކުދިންނަށް އަމިއްލަ ނަފްސަށް ކުރެވޭ އިތުބާރާއި އެކު އެހެން ކަންކަން ދަސް ކުރުމަށް ފަަސޭހަ ވެއެވެ.

މި ލޮކްޑައުންގައި މާލޭގައި އެތައް އާއިލާއެއް ވަނީ އާމްދަނީ ނުލިބި ހާލުގައި ޖެހިފައެވެ. ކުލިދެއްކޭނެ ގޮތެެއް ނެތިފަ އެވެ. އާއިލާތަކަށް ދިމާވާ މާލީ ދަތިކަމާއިއެކު އެ އާއިލާތަކުގެ ކުދިންގެ ކަންކަން ހަމަޖެއްސުމަށް ދަތިވާނެ އެވެ.

ހުރިހާ ކަމެއް އިނގޭ ތަންދޮރު ދަންނަ ބޮޑެތި މީހުންނަށް ވެސް ލޮކްޑައުން ދިގުލައިގެން ގޮސް ގޭގައި ތިބެ މިހާރު ނަފްސާނީ ގޮތުން ބަލިކަށިވެ އެހީއަށް އެދޭ ފަރާތްތައް ދަނީ ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުންނެވެ. ލޮކްޑައުންގައި ހާސްކަމާއި އެެންޒައިޓީ އަކީ ހަމައެކަނި ބޮޑެތި މީހުންނަށް ދިމާވާނެ ކަމެއް ނޫނެވެ. ކުޑަކުދިންނަށް އެކުދިންގެ އުޅުމަށާއި މޫޑަށްވެސް ބޮޑެތި ބަދަލުތަކެއް އައުން އެކަށީގެންވެއެވެ. އެހެން ކަމުން މި ދުވަަސްވަރު ކުޑަކުދިންނަށް ހާއްސަ ސަމާލުކަން ދީގެން އެކުދިންނަށް އަޅާލާ އޯގާތެރިކަމާއިި ރައްކާތެރިކަމާއި އެކު ބެލެހެއްޓުމަކީ އަހަރުމެން އެއްމެންގެ ޒިންމާއެކެވެ.