ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ފިނޭންސް މިނިސްޓްރީ

ކޮވިޑާ ގުޅޭ ކަންކަމަށް 892 މިލިއަން ހަރަދު ކޮށްފި

ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ސަރުކާރުން މިހާތަނަށް 892 މިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުގައި ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން މިހާތަނަށް ސަރުކާރުން ވަނީ 892.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. ފިނޭންސް މިނިސްޓްރީން ގެންދަނީ ކޮންމެ ހަފްތާއަކު އެއް ފަހަރު ސަރުކާރުން ކުރަމުންދާ ހަރަދުތަކުގެ ތަފްސީލް ހާމަކުރަމުންނެވެ. މިދިޔަ ހަފްތާއަށްވުރެ މި ހަފްތާގެ ހޭދަ 2.9 މިލިއަން އިތުރުވެފައިވާ ކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

މިހާތަނަށް ކުރެވުނު ހަރަދުތަކުގެ ތެރެއިން 584.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވަނީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީންނެވެ. 141.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވަނީ ހެލްތް މިނިސްޓްރީންނެވެ. މީގެ އިތުރުން ޑިޒާސްޓާ މެނޭޖްމެންޓް ފަންޑުން 84.1 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

މީގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން 7.6 މިލިއަން ރުފިޔާއާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން 5.2 މިލިއަން ރުފިޔާއާއި އެންސްޕާއިން 4.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި ފޮރިން މިނިސްޓްރީން 3.7 މިލިއަން ރުފިޔާއާއި ފުލުހުން ހަރަދުކުރި 1.8 މިލިއަން ރުފިޔާގެ އިތުރުން ޓޫރިޒަަމް އެކްޓިވިޓީސް ފަންޑުން 27.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

މީގެ އިތުރުން އެހެނިހެން އިދާރާތަކުން ކޮށްފައިވާ ހަރަދުތަކުގެ އަދަދުވެސް ފިނޭންސްގެ ރިޕޯޓްގައި ވަނީ ހިމަނާފައެވެ. އަދި މިނިސްޓްރީތަކާއި އިދާރާތަކުން ކުރި ހަރަދުތަކުގެ ތަފްސީލްތައްވެސް މި ރިޕޯޓްގައި ހިމަނާފައިވެއެވެ.