ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ފިނޭންސް މިނިސްޓްރީ

ފްރަންޓްލައިން އެލަވަންސަށް 13.4 މިލިއަން ދީފި

ކޮވިޑް-19 އާއިގުޅިގެން ދޭން ނިންމި ފްރަންޓްލައިން އެލަވަންސް 825 މީހަކަށް ދީފި އެވެ. މީގެ ކުރިން 221 މީހަކަށް މި އެލަވަންސް ވަނީ ދީފައެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިތުރު 825 މީހަކަށް ފްރަންޓްލައިން އެލަވަންސް މިއަދު ދީފައިވާ ކަމަށެވެ. އެމީހުންނަށް 10.4 މިލިއަން ރުފިޔާ ވަނީ ދީފައެވެ.

މިހާތަނަށް 1045 މީހަކަށް ޖުމްލަ 13.4 މިލިއަން ރުފިޔާ ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި ދީފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ. މިއީ ރާއްޖެއިން ފުރަތަމަ ކޮވިޑް ފެނުނު ދުވަސްކަމަށްވާ މާޗް 7، 2020 އިން ފެށިގެން ޖޫން މަހުގެ ނިޔަލަށް އެ މުވައްޒިފުންނަށް ލިބެންވާ ފައިސާ އެވެ.

އަމީރު ވިދާޅުވީ ފްރަންޓްލައިން އެލަވަންސް ލިބެންޖެހޭ އިތުރު މުވައްޒިފުންނަށް ވަރަށް އަވަހަށް އެ ފައިސާ ދޭނެ ކަމަށެވެ. އެ މަސައްކަތަށް ވަރަށް އަވަހަށް ފެށޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ފްރަންޓްލައިން އެލަވަންސް ދޭން ފެށީ އެ އެލަވަންސް ލަސްވާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.