ދުނިޔެ

ތޯލިބާނުންގެ އާ ލީޑަރު ހުރީ ސުލްހައިގެ މޭޒަށް އަންނަން

Sep 22, 2015

އީދާ ދިމާކޮށް އާ ލީޑަރު ނެރުނު މެސެޖުގައި ބުނެފައި ވަނީ އަފްގާނިސްތާނުގައި ތިބި ބޭރުގެ ސިފައިން ގައުމުން ފައިބައި، ސަރުކާރުން އެމެރިކާއާއި އެކު ހަދާފައިވާ ސެކިއުރިޓީ އެއްބަސްވުންތައް އުވާލުމުން، ހަތިޔާރު ބަހައްޓައި އަފްގާނިސްތާނުގެ ފަރާތްތަކާއެކު މަޝްވަރާކޮށް ގައުމަށް ސުލްހަ ގެނައުމަށް އޭނާ ތާއީދު ކުރާ ކަމަށެވެ.

މުއްލާ މަންސޫރު ގެ މެސެޖުގައި ތޯލިބާނުން އެކަތިގަނޑެއްގެ ގޮތުގައި ތިބުމަށް ގޮވާލި އެވެ. އަދި އެމެރިކާ ސިފަ ކޮއފައި ވަނީ ގައުމުތަކަށް އަރާ އިސްތިއުމާރު ކުރާ ބައެއްގެ ގޮތުގައެވެ.  

ކުރީގެ ލީޑަރު އަދި ތޯލިބާން އުފެއްދުމުގައި ބައިވެރިވި މުއްލާ އުމަރު މަރުވީ 2013 ވަނަ އަހަރު އެވެ. އެހެން ނަމަ ވެސް ތޯލިބާނުން އޭނާ މަރުވިކަން ހާމަ ކުރީ މިއަހަރު އެވެ. އާ ލީޑަރަކަށް މުއްލާ މަންސޫރު އައްޔަން ކުރުމާއިއެކު ތޯލިބާނުންގެ މެދުގައި ހިޔާލު ތަފާތުވުމާއި ބައިވުން އުފެދުނެވެ.

އެމެރިކާއިން މިދިޔަ އަހަރު އަފްގާނިސްތާނާއި އެކު ހެދި އެގްރިމަންޓުގެ ދަށުން ޓެރަރިޒަމާއި ގުޅުން ހުރި ކަންކަމުގައި އެގައުމަށް އެހީ ވުމަށް އެމެރިކާގެ ތޭރަ ހާސް ސިފައިންނަށް އަފްގާނުގައި ތިބެވޭނެއެވެ.