އިނގިރޭސި ފުޓްބޯޅައިގެ ވިސްނުން ބަދަލު ކުރީ އޭނާގެ ކޯޗްކަމުގެ ދަށުގައި ސައުތުހެމްޓަން އިން ބިނާކުރި ފިލޯސަފީގެ ދަށުން ކަމަށް، މައުރީޝިއޯ ޕޮޗެޓިނޯ ބުނެފި އެވެ.
ޕޮޗެޓިނޯ ބުނީ، 2013 ވަނަ އަހަރު އޭނާ ސައުތުހެމްޓަންގެ ކޯޗް ކަމާ ހަވާލުވިއިރު، ޒުވާން ކުޅުންތެރިންނަށް އިނގިރޭސި ފުޓްބޯޅައިގައި ކުރާ އިތުބާރު ކުޑަ ކަމަށެވެ. ނަމަވެސް އޭނާ ސައުތުހެމްޓަންގެ ކޯޗް ކަމާ ހަވާލުވެ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީ، އެ ޓީމުން ހޯދި ކުރިއރުންތަކުން ޒުވާން ކުޅުންތެރިންނާމެދު އިނގިރޭސި ފުޓްބޯޅައިގެ އިތުބާރު ބޮޑުވި ކަމަށް އާޖެންޓީނާގެ ކޯޗް ފާހަގަ ކުރެ އެވެ.
ދޮޅު އަހަރުގެ މުއްދަތެއް ޕޮޗެޓިނޯ، ވަނީ ސައުތުހެމްޓަންގައި ހޭދަ ކޮށްފަ އެވެ. އޭނާގެ ކޯޗް ކަމުގެ ދަށުން 2013/14 ސީޒަންގައި ސައުތުހެމްޓަން ވަނީ ޕްރިމިއާ ލީގްގެ ތާވަލުގެ އަށް ވަނައިގައި ނިންމާލާފަ އެވެ. އެއީ 2003 ވަނަ އަހަރުގެ ފަހުން ޕްރިމިއާ ލިގްގައި އެ ޓީމުން ހޯދި އެންމެ ބޮޑު ކުރިއެރުމެވެ.
"އިނގިރޭސި ފުޓްބޯޅައިގެ ވިސްނުން ބަދަލު ކުރުމުގައި 2013/14 ގައި ސައުތުހެމްޓަން އަދާކުރިވަރުގެ ބޮޑު ދައުރެއް އަދާ ކުރި އެހެން ޓީމެއް ފާހަގަ ވެފައެއް ނެތް،" ދަ އެތުލެޓިކްއަށް ދިން އިންޓަވިއުގައި ޕޮޗެޓިނޯ ބުންޏެވެ. "އަހަރެމެން އައީ ނިކޮލޯ ކޫޓިސޭ ކަހަލަ ރައީސްއެއް ހުރި ކުލަބަކަށް، އަހަރެމެން ބޭނުންވާ ހާއްސަ ސްޓައިލްގެ ފުޓްބޯޅަ ކުޅޭނެ ސްކޮޑެއް ބިނާ ކުރުމަށް އޭނާ ހުރިހާ އެހީއެއް ދިން. ތަފާތު މާހައުލެއްގައި ހާއްސަ ސްޓައިލްގެ ފުޓްބޯޅައެއް އަހަރެމެންނަށް ކުޅެވުމަކީ އާދަޔާ ހިލާފު ކަމެއް."
އޭނާ ބުނީ، ރީތި ފުޓްބޯޅައެއް ސައުތުހެމްޓަން ކުޅުވުނީ، އޭނާ އެސްޕަންޔޯލްގައި ހުރިއިރު ކުޅުނު ފުޓްބޯޅައިން އިންސްޕަޔާ ވެގެން ކަމަށެވެ.
ސައުތުހެމްޓަންގެ ކޯޗްކަން ދޫކޮށް ޕޮޗެޓިނޯ ބަދަލުވީ ޓޮޓެންހަމް ހޮޓްސްޕާސް އަށެވެ. އެ ކުލަބުގައި މިދިޔަ ސީޒަނާ ހަމަޔަށް ކާމިޔާބު ދުވަސްތަކެއް ހޭދަ ކުރި އެވެ. މިދިޔަ އަހަރު ނޮވެމްބަރު މަހު އެ ކުލަބުގެ ކޯޗް ކަމުން އޭނާ ވަކި ކުރި ފަހުން ޓީމަކާ އަދި ހަވާލެއް ނުވެ އެވެ.
ސައުދީން ގަނެފައިވާ، ނިއުކާސަލް ޔުނައިޓަޑްގެ ކޯޗް ކަމަށް އަންނަ ސީޒަންގައި ޕޮޗެޓިނޯ ގެންދަން މަސައްކަތް ކުރާ ކަމުގެ އަޑުތައް ވަނީ ގަދަ ވެފަ އެވެ.