ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ބޮލީވުޑް

މަރުވެފައިވާ މަންމަ ގާތު ކުޅެން ހުރި ކުއްޖާއަށް ޝާހްގެ އެހީ

އިންޑިޔާގެ މުޒައްފަރްޕޫރު ރެއިލްވޭ ސްޓޭޝަންގައި ކުޑަ ކުއްޖަކު އޭނާގެ މަރުވެފައިވާ މަންމަގެ ގައިގައި އަޅާފައި އޮތް ފޮތިގަނޑާ ކުޅެން ހުރި މަންޒަރު އިންޓަނެޓުގައި ވައިރަލް ވުމުން ވަރަށް ގިނަ ބަޔަކު މިކަމާ ދެރަވެގެން އުޅުނެވެ. އެކްޓަރު ޝާހްރުކް ޚާން އަކީ ވެސް މި މަންޒަރު ބަލާފައި ހިތަށް އަސަރުކުރި މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އެހެންވެ ޝާހްރުކް ޚާންގެ މީރް ފައުންޑޭޝަނުން މި ކުއްޖާއަށް އެހީތެރިވުމަށް ނިންމީ އެވެ.

މީރް ފައުންޑޭޝަނުން ވަނީ މި ކުއްޖާގެ މާމަ އާއި ކާފައާއެކު ކުއްޖާ ނަގާފައިވާ ފޮޓޯއަކާއެކު ކުއްޖާއަށް އެހީތެރިވާން ނިންމާފައިވާ ކަން އިއުލާން ކޮށްފަ އެވެ.

"މި ކުއްޖާ ހޯދުމުގައި އެހީތެރިވެދިން އެންމެންނަށް މީރް ފައުންޑޭޝަނުން ޝުކުރު އަދާކުރަން. މަރުވެފައިވާ މަންމަ ކައިރީގައި މި ކުއްޖާ ކުޅެން ހުރި މަންޒަރު ފެނިފައި އެންމެން ވެސް ހިތް ހަލާކުވި. އަހަރެމެން އެ ކުއްޖާއަށް މިހާރު މި ގެންދަނީ އެހީތެރިވަމުން. ކުއްޖާ ހުރީ އޭނާގެ ކާފަގެ ބެލުމުގެ ދަށުގައި،" މީރް ފައުންޑޭޝަންގެ ބަޔާނުގައި ބުނެފައި ވެއެވެ.

ޝާހްރުކްގެ ޓުވީޓެއްގައި ވެސް ކުއްޖާގެ ހާލު ބަލައި އެ ކުއްޖާއަށް އެހީތެރިވެދޭން އިސްނެގި އެންމެންނަށް ޝުކުރު އަދާ ކޮށްފައި ވެއެވެ. އަދި ކުއްޖާއަށް އޭނާއަށް ވެވުނު ހުރިހާ އެހީތެރިކަމަކާއި ލޯތްބެއް ދޭނެކަމަށް ވެސް ޝާހްރުކްގެ ޓުވީޓްގައި ބުނެފައި ވެއެވެ.

ޝާހްރުކްގެ ބައްޕަ މަރުވެފައިވަނީ އޭނާ ވަރަށް ކުޑައިރު އެވެ. މަންމަ ވެސް މީގެ 30 އަހަރުކުރިން ވަނީ މަރުވެފަ އެވެ. ބޭރު ގައުމެއްގެ ޓީވީ ޝޯއެއްގައި ވާހަކަ ދައްކަމުން ޝާހްރުކް ބުނެފައިވަނީ މަންމަ އާއި ބައްޕަ އާއެކު ވަގުތު ހޭދަކުރަން ނުލިބުމުގެ ހިތާމަ އޭނާ މުޅި އުމުރަށް ވެސް ކުރާނެ އެވެ.

އެހެންވެ އޭނާއަށް ވީހާވެސް ގިނަ ދުވަހު ދުނިޔޭގައި ހުރެވި އޭނާގެ ދަރިންނަށް ވީހާވެސް ގިނަ ދުވަހު ބައްޕައެއްގެ ލޯބި ދެވޭތޯ މަސައްކަތް ކުރާނެ ކަމަށް ވެސް ޝާހްރުކްގެ އިންޓަވިއުގައި ބުންޏެވެ.

ކޮވިޑް-19 ވަބާ އިން ސަލާމަތްވުމަށް އިންޑިޔާ އިން ކުރާ މަސައްކަތުގައި ޝާހްރުކް ދަނީ ވަރަށް ބޮޑެތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އެތައް ހާސް ޕީޕީއީ ކިޓް ހަދިޔާ ކުރުމާއި އޭނާގެ އޮފީސް ކޮވިޑް-19ގެ ކުރީ ސަފުގައި މަސައްކަތްކުރާ މީހުން ބޭނުންކުރަން ދިނުން ހިމެނެ އެވެ.