ކޮރޯނާ ވައިރަސްގެ ސަބަބުން މާޒިޔާއަށް ފުޓްބޯޅަ ސީޒަން ނުނިމުނު ނަމަވެސް، އެޓީމުން މެސަޑޯނިއާގެ ކޯޗް މަރުޔާން ސެކްލޮސްކީ އާ އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަ ވެއްޖެ
ނިމިދިޔަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގްގެ ޗެމްޕިއަން މާޒިޔާއަށް ހޯދައިދިން ކޯޗްގެ ކޮންޓްރެކްޓް ހަމަވީ މާޗް މަހުގެ 31 ވަނަ ދުވަހު އެވެ. ރާއްޖޭގެ ލީގްގެ ދެ ވަނަ ޓީމުގެ ހައިސިއްޔަތުން އޭއެފްސީ ކަޕުން މާޒިޔާއަށް ފުރުސަތު ލިބުނީ ކޮލިފައިން ބުރުންނެވެ. ސެކްލޮސްކީގެ ކޯޗް ކަމުގެ ދަށުން ކޮލިފައިން ބުރުގައި ބަންގުލަދޭޝްގެ ޑާކާ އަބަހާނީ އާއި އިންޑިއާގެ ގަދަ ބާރު ބެންގަލޫރު އެފްސީ ބަލި ކޮށް، މާޒިޔާއިން އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުން ޖާގަ ހޯދި އެވެ.
ގުރޫޕް ސްޓޭޖުގައި މާޒިޔާއިން ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ މަހުގެ 10 ވަނަ ދުވަހު އިންޑިއާގައި ޗެންނާއީ ސިޓީއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 2-2 ން އެއްވަރު ވެގެންނެވެ. އެ މެޗަށް ފަހު، ކޮވިޑް-19 އާ ގުޅިގެން އޭއެފްސީގެ ހުރިހާ މުބާރާތެއް ފަސް ކުރި އެވެ.
ސެކްލޮސްކީ ބުނީ، ކުރިންވެސް ވާހަކަ ދެކެވިފައި ވާނީ އޭނާގެ ކޮންޓްރެކްޓް އާ ކުރުމަށް ކަމަށެވެ. އެހެންނަމަވެސް ކޮރޯނާ ވައިރަސް އާއެކު ފަސް ކުރި އޭއެފްސީ ކަޕް ފަށާނެ ދުވަހެއް ނޭންގޭތީ ކޮންޓްރެކްޓް އާ ނުކުރަން ނިންމީ ކަމަށެވެ. އޭނާ ބުނީ މިހާލަތަކީ އެއްވެސް ކަމެއް ޕްލޭން ކޮށްގެން ކުރެވެން އޮތް ހާލަތެއް ނޫން ކަމަށެވެ.
އޭނާގެ ކޮންޓްރެކްޓް ހަމަވި ފަހުންވެސް ދެ މަސް ދުވަހަށް ވުރެ ދިގު މުއްދަތެއް ފާއިތުވީއިރުވެސް އޭނާ ހުންނަން ޖެހުނީ ރާއްޖޭގަ އެވެ. ކޮރޯނާ ވައިރަސް އާ ގުޅިގެން ރާއްޖެ އާއި މެސަޑޯނިއާގެ އެއާޕޯޓްވެސް ބަންދުކޮށްފައި ވުމުން އޭނާ އަޑް ފުރޭނެ ގޮތެއް ނެތެވެ.
ކުލަބުގެ ކޮންޓްރެކްޓްގައި ނެތް ނަމަވެސް އޭނާ އާ އެކު މާޒިޔާގެ މެނޭޖުމެންޓުން ތިބުމުން ސެކްލޮސްކީ ވަނީ އެކަން ވަރަށް ބޮޑަށް ފާހަގަ ކޮށްފަ އެވެ.
"ކޮންޓްރެކްޓް ހަމަވި ފަހުންވެސް ދެ މަސް ވީ، އެކަމަކުވެސް މާޒިޔާގެ މެނޭޖުމެންޓުން އަހަންނަށް ބަރާބަރަށް އެހީތެރިކަން ފޯރު ކޮށްދޭ،" ސެކްލޮސްކީ ބުންޏެވެ. "މާޒިޔާގެ ޗެއާމަން އާއި މެނޭޖުމެންޓުގެ މިހާލަތުގައިވެސް އަހަންނަށް ލިބޭ ސަޕޯޓް ޝުކުރުވެރި ކަމާއެކު ފާހަގަ ކުރަން."
މާޒިޔާގެ ބިދޭސީ ކުޅުންތެރިންގެ ކޮންޓްރެކްޓްވެސް ވަނީ ހަމަވެފަ އެވެ. އެ ޓީމުގެ އަފްގާނިސްތާންގެ ދެ ކުޅުންތެރިން ކަމަށްވާ، ގޯލްކީޕަރު އޮވިއަސް އަޒީޒީ އާއި ޑިފެންޑަރު ޝަރީފް މުހައްމަދު ރާއްޖެއިން ދިޔަ ނަމަވެސް ސާބިއާގެ މިޑްފީލްޑަރު ޕީޓާ ޕްލަނިޗް އާއި ފޯވަޑް ކޯނޭލިއަސް ސްޓްވާޓް (ކޯނޭ) ހުރީ އަދިވެސް ރާއްޖޭގަ އެވެ.