ހަބަރު

"ޝިޔާމްގެ މައިބަދާގައި ވަނީ ރެނދުލާފައި"

ރައްޔިތުން މަޖިލީހުގައި ރޭ ހިނގި ހަމަނުޖެހުމުގެ ތެރެއިން އަނިޔާވެ، ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރުގެ މައިބަދާގައި ރެނދުލާފައިވާ ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު އަވަސްއަށް ވިދާޅުވީ ޝިޔާމްގެ މައިބަދަ އާއި މޭކަށިގަނޑުގައި ރެނދުލާފައިވާތީ އޭނާއަށް އޭޑީކޭ އިން ފަރުވާ ދީފައިވާ ކަމަށެވެ. އަދި ހަތަރު ހަފްތާއަށް އޭނާ ބެޑް ރެސްޓު ކުރަން ޑޮކްޓަރުން ލަފާދީފައިވާ ކަމަށް ހީނާ ވިދާޅުވި އެވެ.

"މިއަދު ހެނދުނު 7:30 ގައި އޭޑީކޭ އިން ދޫކޮށްލީ. އަނެއްކާ ވެސް ތަދު ބޮޑުވެގެން ހޮސްޕީޓަލަށް ވަޑައިގެންފަ ފަރުވާ ހޯއްދެވި. އަދި މިހާރު ވަނީ ގޭގައި،" ހީނާ ވިދާޅުވި އެވެ.

ގާނޫނުއަސާސީ އިސްލާހު ކުރަން ރައްޔިތުން މަޖިލީހުގައި ރޭ ދަންވަރު ބޭއްވި ޖަލްސާ ހޫނުވީ، ޝިޔާމްގެ ނަން އިއްވާ މަޖިލީހުގެ ތަޅުމުން ބޭރުު ކުރަން ރިޔާސަތުން އެނގި ހިސާބުންނެވެ. މެންބަރެއްގެ ނަން އިއްވުމުން އެ މެންބަރަކު ތަޅުމުން ނެރުމުގެ މަސައްކަތް ކުރަން ޖެހެނީ ސާޖަންޓް އެޓް އާމްސް އެވެ. އެހެން ނަމަވެސް އެމްޑީޕީގެ ގިނަ މެންބަރުން ޝިޔާމް ވަަށާލައި ގަދަކަމުން ބޭރަށް ނެރުމަށް މަސައްކަތް ކުރި އެވެ.

އެކަމުގެ ތެރޭގައި އޭނާއަށް އަނިޔާވުމުން އެ މައްސަލަ ޝިޔާމް ވަނީ ފުލުހަށް ވެސް ހުށަހަޅައިފަ އެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރި ލޮކްޑައުން ހާލަތަކަށް ގެނެސްފައި ވަނިކޮށް މަޖިލީސް ޖަލްސާތައް ކުރިޔަށް ގެންދަން ނިންމުމުން ފުލުހުންނާއި އެޗްޕީއޭ އިން ވަނީ މެންބަރުން ކޮންމެހެން އަމަލު ކުރަން ޖެހޭ އުސޫލެއް ކަނޑައަޅައިފަ އެވެ. އެ އުސޫލުގައިވާ ޖަލްސާގައި މެންބަރުން ގައިދުރުކަން ބަހައްޓަން ޖެހެ އެވެ.