ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ޕޮޒިޓިވް ނަމްބަރަށް 12 މީހަކު އިތުރުވެއްޖެ

މިއަދުގެ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 12 މީހުން ކަމަށް އެންއީއޯސީން ބުނެފި އެވެ.

ކޮވިޑްގެ ހާލަތާއި ގުޅޭ މައުލޫމާތު ދިނުމަށް މިރޭ އެ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 819 ސާމްޕަލެއްގެ ނަތީޖާ ލިބިފައިވާ ކަމަށެވެ. އޭގެ ތެރެއިން ޕޮޒިޓިވްވެފައި ވަނީ 12 މީހުންނެވެ. އެއީ 11 ދިވެހިންނާއި ބިދޭސީއެއް ކަމަށެވެ.

މަބުރޫކް ވިދާޅުވީ އޭގެ ތެރެއިން ހަތަރު ދިވެހިންނަކީ އެއްވެސް ކްލަސްޓާއަކާއި ގުޅުމެއް ނެތް މީހުން ކަމަށެވެ. އަނެއް އަށް މީހުންނަކީ ކުރީގެ ކްލަސްޓާތަކާއި ގުޅުން އޮތް މީހުންނެވެ.

މިއަދުވެސް 850 ސާމްޕަލް ނަގާފައިވާ ކަމަށާ އޭގެ ތެރެއިން 400 ސާމްޕަލްގެ ނަތީޖާ އަދި ލިބިފައިނުވާ ކަމަށް މަބުރޫކް ވިދާޅުވި އެވެ.

ކޮވިޑް ޖެހުނު މީހުންގެ އަދަދު 1800 ވުރެ އިތުރު ވެފައި ވާއިރު މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 1224 މީހުންނެވެ. އައިސިލޭޝަންގައި 1277 މީހުން އެބަތިއްބެވެ. އަދި ކަރަންޓީންގައި 1391 މީހުން އެބަތިބި ކަމަށް މަބުރޫކް ވިދާޅުވިއެވެ.

ކޮވިޑްގައި މިއަދުވެސް މީހަކު ވަނީ މަރުވެފަ އެވެ. ކޮވިޑް-19 ޖެހިގެން މިއަދު ހެނދުނު 6:20 ގައި މަރުވީ ހުޅުމާލޭ އައިސޮލޭޝަން ފެސިލިޓީގައި ހުރި 89 އަހަރުގެ ދިވެހި އަންހެނެކެވެ. މަރުވެފައި ވަނީ ހދ. ވައިކަރަދޫ ކަށިމާގޭ ރުގިއްޔާ އަލީ އެވެ. މިއީ ރާއްޖޭގައި ކޮވިޑް-19 ޖެހިގެން މަރުވި ހަތް ވަނަ މީހާ އެވެ.

ކޮވިޑް-19 ޖެހިގެން އިއްޔެ ރޭ ވެސް ބަންގްލަދޭޝް މީހެއް މަރުވި އެވެ. އެއީ ޓްރީޓޮޕްގައި ފަރުވާ ދެމުން ދިޔަ އުމުރުން 54 އަހަރުގެ މީހެކެވެ. ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް މަރުވެފައި ވަނީ އުމުރުން ދުވަސްވީ މީހުންނެވެ.