ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

120 މީހުން ރަނގަޅުވެ އަދަދު 600 އިން މައްޗަށް

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 120 މީހަކު ރަނގަޅު ވެއްޖެ އެވެ.

އެންއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 120 މީހަކު މިއަދު ރަނގަޅުވެފައިވާ ކަމަށެވެ. އެއާއެކު ރާއްޖެއިން މިބަލިން ރަނގަޅުވީ މީހުންގެ އަދަދު ވަނީ 608 އަށް އަރާފައެވެ.

އިއްޔެ ވެސް 35 މީހުން ވަނީ ރަނގަޅުވެފަ އެވެ. އޭގެ ކުރީ ދުވަހު ވަނީ 52 މީހުން ރަނގަޅުވެފަ އެވެ.

އަފްޒަލް ވިދާޅުވީ ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 33.03 ޕަސެންޓް މީހުން ރަނގަޅުވެފައިވާ ކަމަށެވެ.

ކޮވިޑްގެ ބަލި މީހަކު ރާއްޖެއިން ފެނުނުތާ މިއަދަށް 87 ދުވަސްވެފައިވާއިރު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1800 އިން މައްޗަށް އަރާފައެވެ. މި ދިޔަ ހަފްތާގައި ގިނަ ބަޔަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. ނަމަވެސް މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 12 މީހުންނެވެ.

ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 608 މީހަކު ރަނގަޅުވެފައިވާއިރު މިހާތަނަށް ހަތް މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. އެއީ ހަތަރު ދިވެހިންނާއި ތިން ބިދޭސީންނެވެ. ކޮވިޑް-19 ޖެހިގެން މިއަދު ހެނދުނު 6:20 ގައި މަރުވީ ހުޅުމާލޭ އައިސޮލޭޝަން ފެސިލިޓީގައި ހުރި 89 އަހަރުގެ ދިވެހި އަންހެނެކެވެ. މަރުވެފައި ވަނީ ހދ. ވައިކަރަދޫ ކަށިމާގޭ ރުގިއްޔާ އަލީ އެވެ