ހަބަރު

ސީއެސްސީގެ މެންބަރު އާމިރާ ވަކިކުރަން ފަށަން ކޮމިޓީން ތަޅުމަށް ފޮނުވަނީ

Jun 3, 2020
2

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެންބަރު ފާތިމަތު އާމިރާ ވަކިކުރުމުގެ މަސައްކަތް ފެށުމަށް ޓަކައި ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވަން އެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ރޭ ނިންމައިފި އެވެ.

ސީއެސްސީގެ ފަސް މެންބަރުންގެ ތެރެއިން އާމިރާ ފިޔަވައި އެހެން މެންބަރުން ވަކި ކުރުމުގެ މަސައްކަތް ފަށަން ކުރިން ތަޅުމަށް ފޮނުވުމުން، އެ މަސައްކަތް ފެށުމުގެ ހުއްދަ ރިޔާސަތުން ވަނީ ދީފަ އެވެ. އެއީ ކޮމިޝަންގެ ރައީސް އަލީ ޝަމީމްއާއި، ކޮމިޝަންގެ ނައިބު ރައީސް ޝަހީދު މުހައްމަދާއި، މެންބަރު ޒަކަރިއްޔާ މުހައްމަދު، އަދި އިބްރާހިމް ޝަހީގެވެ.

ސީއެސްސީގައި ދެން އިންނެވި މެންބަރު އާމިރާ ވަކިކުރުމުގެ މަސައްކަތް ފަށަން ތަޅުމަށް ފޮނުވަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހެޅުއްވީ ވެލިދޫ ދާާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގެވެ. އެ ގޮތަށް ފާސްވީ ހަ މެންބަރުންގެ ވޯޓުންނެވެ. ފޮނުވަން ނުފެންނަ ކަމަށް ފަސް މެންބަރަކު ވޯޓު ދެއްވި އެވެ.

އާމިރާ ވަކި ކުރުމުގެ މަސައްކަތް ފަށަން ކޮމިޓީން ނިންމިއިރު، އޭނާއަކީ މި ސަރުކާރު އައި ފަހުން 2018 ވަނަ އަހަރުގެ ފަހުކޮޅު ސީއެސްސީއަށް އައްޔަން ކުރި މެންބަރެކެވެ. އެ ކޮމިޝަންގެ ދެން ތިއްބެވި މެންބަރުންނަކީ ކުރީގެ ސަރުކާރުގައި އައްޔަން ކޮށްފައިވާ މެންބަރުންނެވެ.

ސީއެސްސީގެ މެންބަރުންގެ ފަރާތުން ސަރުކާރުގެ ވުޒާރާތަކަށް އެއްބާރުލުން ނުލިބޭ ކަމުގެ ޝަކުވާ ވަނީ މި ސަރުކާރުގެ ވަޒީރުން ކުރައްވައިފަ އެވެ. އެ މައްސަލާގައި ހުރިހާ ވަޒީރުންނާ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބައްދަލު ވެސް ކުރި އެވެ. އެއީ މި މަޖިލީހުގައި އެއް ކޮމިޓީއަކަށް އެއް ވަގުތެއްގައި ހުރިހާ ވަޒީރުން ހާޒިރު ކުރި ހަމައެކަނި ފަހަރެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ހުރިހާ ވަޒީރުން ވެސް ވަނީ ސީއެސްސީގެ މަސައްކަތްތަކުގައި ލަސްތަކެއް ހުރިކަން ފާހަގަ ކުރަސްވައިފަ އެވެ. އަދި ވުޒާރާތަކަށް އެކަށީގެންވާ ވަރަށް އެއްބާރުލުން ނުލިބޭ ކަމަށް ވިދާޅުވެ އަދި ކުރީގެ ސަރުކާރުގައި އެ މެންބަރުންގެ އަމަލުތައް ހުންނެވި ގޮތް ފާހަގަކުރައްވައި ވަަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެ އެވެ.